ސްރީލަންކާ

ކޮވިޑް 19 ޖެހުނު ފުރަތަމަ ލަންކާ މީހާ އެބަލިން ރަނގަޅުވެއްޖެ

ކޮވިޑް 19 ޖެހުނު ފުރަތަމަ ލަންކާ މީހާ އެބަލިން އެއްކޮށް ރަނގަޅު ވެއްޖެ ކަމަށް ލަންކާގެ މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.

ކޮވިޑް 19 އަށް ޕޮޒިޓިވް ވި ލަންކާ މީހާއަކީ 52 އަހަރުގެ ޓުއާގައިޑެއް ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެ އެވެ. އަދި އޭނާއަށް ބަލި ޖެހުނީ އިޓަލީ ބައެއްގެ ފުށުން ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. އެ ޓުއާ ގައިޑު މި ބައްޔަށް ޕޮޒިޓިވް ވި ހަފުތާގައި އުޅުނީ އިޓަލީ ފަތުރުވެރީންގެ ގުރޫޕަކާއި އެކުގައި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ބަކި ޖެހުނު ލަންކާ މީހާއަށް ހޮސްޕިޓަލުގައި ހަ ދުވަސް ވަންދެން ފަރުވާ ދީފައި ވެއެވެ. އޭނާއަށް ފަރުވާ ދިނީ އެގައުމުގެ އައިޑީއެޗް ހޮސްޕިޓަލުގަ އެވެ. ލަންކާ ސަރުކާރުން ވަނީ ކޮވިޑް 19އިން ރައްކާތެރިވުމަށް އެގައުމުގެ ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި ރައްޔިތުންގެ އެއްބާރުލުން ދިނުމަށް އެދިފައެވެ.

ލަންކާއިން މީގެ ކުރިންވެސް ކޮރޯނާ ވައިރަސް ފެނިފައިވާއިރު އެގައުމުގައި ފުރަތަމަ ކޮވިޑް 19 ޖެހުނީ ޗައިނާގެ ހުބޭ ޕްރޮވިންސުން އެ ގައުމަށް ދިޔަ ޗައިނާ އަންހެނަކަށެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ލަންކާއިން ވަނީ، އެ ގައުމަށް ދާ މީހުންނަށް އޮން އަރައިވަލް ވިސާ ދޫކުރުން ވަގުތީ ގޮތުން ހުއްޓާލާފަ އެވެ. ލަންކާގައި 15000 ވަރަކަށް ދިވެހީން ވެސް ދިރިއުޅެ އެވެ. އެއްވެސް ބޭނުމެއްގައި ރާއްޖޭން ބޭރަށް ދަތުރުކުރާ ނަމަ، އެ މައުލޫމާތު ފޮރިން މިނިސްޓްރީއާ ހިއްސާ ކުރުމަށް އެ މިނިސްޓްރީން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.