އެމްޑީޕީ

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި މަސައްކަތް ކޮށްދޭނެ ވޮލަންޓިއަރުންގެ ލިސްޓެއް އެމްޑީޕީން ސަރުކާރަށް ހުށަހަޅައިފި

އިބްރާހިމް ޒަކީ

ކޮވިޑް-19 އާ ގުޅިގެން އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ބޭނުންވާ އެކި އެކި މަސައްކަތްތަކުގަިއ އެހީތެރިވުމަށް އެމްޑީޕީގެ ވޮލަންޓިއަރުންގެ ލިސްޓެއް ސަރުކާރަަށް ހުށަހަޅާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކޮވިޑް 19 އާ ގުޅިގެން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ތައުރީފުކުރައްވައި ވާހަކަ ދައްކަވަމުން އަލީ އާޒިމް ވިދާޅުވީ، މި ދަނޑިވަޅުގައި އެކި ދާއިރާތަކުން ވޮލަންޓިއަރުން ބޭނުންވާ ކަމަށް ސަރުކާރުން ބުނެފައިވާ ކަމަށެވެ.

އަލީ އާޒިމް ވިދާޅުވީ، މީގެކުރިން ސިއްހީ ދާއިރާގައި މަސައްކަތް ކޮށްފައިވާ ފަރާތްތަކާއި، ވެއިޓަރުންނާއި، ރޫމްބޯއީފަދަ މީހުންނަށް ބޭނުންވެގެން ސަރުކާރުން އިއުލާން ކޮށްފައިވާ ކަމަށާއި، އެގޮތުގެ މަތިން އެކި ފަރާތްތައް ހިމެނޭ ވޮލަންޓިއަރުންގެ ލިސްޓެއް ސަރުކާރަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، މިއީ ކެތްތެރިވާންވީ ދަނޑިވަޅެއް ކަމަށާއި، ވަކި ފިކުރަކަށް ނުބަލައި ސަރުކާރުން އަންގާ އެންގުންތަކާ އެއްގޮތަށް މި ދަނޑިވަޅުގައި އެންމެން އަމަލު ކުރަން ޖެހޭ ކަމަށެވެ. އަދި އިއުލާން ކޮށްފައި މިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ، ޑޮކްޓަރުންނާއި ނަރުހުންނާއި ސިފައިންނާއި ފުލުހުންނަށް އާޒިމް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

ނުރައްކާތެރިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 އާގުޅިގެން ސަރުކާރުން ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅަމުން ގެންދާއިރު، ރާއްޖެއިން މިހާތަނަށް 13 މީހަކު ވަނީ އެ ބައްޔަށް ޕޮޒިޓިވް ވެފައެވެ.