އަލީ ޔާމިން
ބޭންކް އޮފް މޯލްޑިވްސް (ބިއެމްއެލް)ގެ ޑައިރެކްޓާ އޮފް އޮޕަރޭޝަންސްގެ މަގާމަށް މިސް ލޯރާ ޖޭމިސަން ހަމަޖައްސައިފިއެވެ.
ލޯރާ އަކީ ރީޓެއިލް ފައިނޭންސިންގެ ރޮނގުން 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެއް ކަމަށާއި އޭނާއަކީ ކަސްޓަމާ އެކްސްޕީރިއަންސް، އޮޕަރޭޝަންސް އާއި ބިޒްނަސް ޓްރާންސްފޮމޭޝަންގެ ދާއިރާގެ ވެސް ސްޕެޝަލިސްޓެއް ކަމަށް ބީއެމްްއެލުން ބުނެ އެވެ.
ބީއެމްއެލުން ބުނީ، ލޯރާގެ ކެރިއާގައި އޭނާ ވަނީ މާލީ ދާއިރާގެ ހިންގެވުމުގައި އިސް މަގާމްތަކެއް ފުރުއްވާފައި ކަމަށާއި މިގޮތުން އޭނާ ވަނީ ބަކްލޭސް ބޭންކުގެ ރީޓެއިލް އެންޑް ބިޒްނަސް ޑިވިޝަންގެ (ޔޫކޭ) ހެޑް އޮފް ކަސްޓަމާ އެކްސްޕީރިއަންސް އިމްޕްރޫވްމަންޓްގެ މަގާމާއި ހެޑް އޮފް އޮޕަރޭޝަނަލް އެކްސެލެންސްގެ މަގާމްވެސް ފުރުއްވާފައި ކަމަށެވެ. މީގެ އިތުރުން ޔޫކޭގެ އައިވޯބޭންކް ލިމިޓެޑްގެ ޑައިރެކްޓާ އޮފް ބިޒްނަސް އޮޕަރޭޝަންސް އާއި ސެންޓެންޑާ ޔޫކޭގެ ހެޑް އޮފް އޮޕަރޭޝަންސް އެންޑް ކޮންޓިނުއަސް އިމްޕްރޫވްމެންޓްގެ މަގާމުވެސް ލޯރާ އަދާކުރައްވާފައިވާ ކަމަށް ބީއެމްއެލުން ބުނެ އެވެ.
ބީއެމްއެލްއާއި ގުޅިވަޑައިގަތުމުގެ ކުރިން ލޯރާ ހުންނެވީ އެންގްލިއަން ވޯޓާގެ ޓްރާންސްފޮމޭޝަން ޕްރޮގްރާމްގެ ޑައިރެކްޓަރެއްގެ ގޮތުގައެވެ. މި މަގާމުގައި އިސްކޮށް ހުންނަވައިގެން އޭނާ ވަނީ އޮޕަރޭޝަނަލް އަދި އައިޓީ ޓްރާންސްފޮމޭޝަންގެ ބޮޑު ޕްރޮގްރާމެއް ހިންގަވާފައި ކަމަށް ބީއެމްއެލުން ބުނެ އެވެ.
ބީއެމްއެލްގެ ޑައިރެކްޓާ އޮފް އޮޕަރޭޝަންސްގެ މަގާމަށް ލޯރާ އައްޔަންކުރެއްވުމާ ގުޅޭ ގޮތުން އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ، ލޯރާ ފަދަ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅަކާއެކު ކަސްޓަމަރުން އުއްމީދުކުރާ ފަދަ ފެންވަރު ރަނގަޅު ހިދުމަތެއް ދިނުމަށް ބޭންކުގެ އޮޕަރޭޝަނަލް ޕްރޮސެސްތަކަށް ހެޔޮ ބަދަލު ގެނެވި އިތުރަށް ހަރުދަނާވެގެން ދާނެ ކަމަށެވެ.