އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ ޗެމްޕިއަންކަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހޯދައިފިއެވެ.
މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން އެމްޕީބީއޭ ކްލަބު ހައުސްގައި ބޭއްވި އެ މުބާރާތުގެ ޗެމްޕިއަންކަން އެމްއޭސީއެލުން ހޯދީ ރޭ ކުޅުނު ޓީމް އިވެންޓުގެ ފައިނަލު މެޗުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ބަލިކޮށްގެންނެވެ.
ފައިނަލުގައި އެމްޕީއެލް އަތުން އެމްއޭސީއެލް މޮޅުވީ 2-1 ގޭމުންނެވެ. އެ މެޗުގެ ފުރަތަމަ ގޭމު 6-1 ފްރޭމުން އެމްއޭސީއެލުން ގެންދިޔަ އިރު، ދެވަނަ ގޭމު 2-6 ފްރޭމުން ގެންދިޔައީ އެމްޕީއެލްއެވެ. އަދި ވާދަވެރި ކުޅުމަކަށްފަހު ތިންވަނަ ގޭމު އެމްއޭސީއެލުން ގެންދިޔައީ 6-5 ފްރޭމުންނެވެ.
އެ މުބާރާތުގައި އިއްޔެ ވަނީ ފިރިހެން ޑިވިޝަނާއި އަންހެން ޑިވިޝަންގެ ސިންގަލްސް އިވެންޓުގެ ފައިނަލު ވެސް ކުޅެފައެވެ. ފިރިހެން ޑިވިޝަނުގެ ފައިނަލުގައި 6-4 ފްރޭމުން އެމްޕީއެލްގެ މުހައްމަދު ދުންޔާޒް ބަލިކޮށް އެމްއޭސީއެލްގެ އިސްމާއިލް ސުވައިދު ޗެމްޕިއަންކަން ހޯދި އިރު، އަންހެން ޑިވިޝަނުގެ ފައިނަލުގައި 6-2 ފްރޭމުން އެމްއެންޑީއެފްގެ އާއިޝަތު ޒީނާ ބަލިކޮށް ޗެމްޕިއަންކަން ހޯދީ ކަސްޓަމްސް ރެކްރިއޭޝަން ކްލަބުގެ އާމިނަތު ހަލީމް (ދިލް) އެވެ.
މިދިޔަ މަހުގެ 20 އިން ފެށިގެން އިއްޔެގެ ނިޔަލަށް ކުރިއަށްގެންދިޔަ މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައިވަނީ 13 ޓީމެކެވެ. އެއީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)، ދިރާގު، ކަސްޓަމްސް ރެކްރިއޭޝަން ކްލަބު، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ޕޮލިސް ކްލަބު، އެމްއެންޑީއެފް، ސްޓެލްކޯ، އެމްޑަބްލިޔުއެސްސީ، ޓީއެމްއޭ، ފެނަކަ އަދި އެމްޓީސީސީއެވެ.
ފިރިހެން ޑިވިޝަންގެ ސިންގަލްސް އިވެންޓުގައި 63 ކުޅުންތެރިން ވާދަކުރިއެވެ. އެ އިވެންޓުގައި 44 މެޗު ކުޅުނެވެ. އަންހެން ޑިވިޝަންގެ ސިންގަލްސްގައި އަށް ކުޅުންތެރިން ވާދަކުރި އިރު، އެ އިވެންޓުގައި ޖުމުލަ އަށް މެޗެއް ކުޅުނެވެ. އަދި ޓީމު އިވެންޓު ކުރިއަށްދިޔައީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ޓީމު އިވެންޓުގައި 63 މެޗު ކުޅެފައިވެއެވެ.