މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އިސްމާއިލް ސުވައިދާއި ކަސްޓަމްސް ރެކްރިއޭޝަން ކްލަބުގެ އާމިނަތު ހަލީމް (ދިލް) ހޯދައިފިއެވެ.
އެމްޕީބީއޭ ކްލަބު ހައުސްގައި ކުރިއަށްގެންދާ އެ މުބާރާތުގެ ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން ސުވައިދާއި ދިލް ހޯދާފައިވަނީ މިއަދު ހަވީރު ކުޅުނު ފައިނަލުގެ މެޗުތައް ކާމިޔާބުކޮށްގެންނެވެ.
ފިރިހެން ޑިވިޝަނުގެ ފައިނަލުގައި ސުވައިދު ވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މުހައްމަދު ދުންޔާޒް އަތުން 6-4 ފްރޭމުން މޮޅުވެފައެވެ. އަދި ދިލް ވަނީ އަންހެން ޑިވިޝަނުގެ ފައިނަލުގައި 6-2 ފްރޭމުން އެމްއެންޑީއެފްގެ އާއިޝަތު ޒީނާ ބަލިކޮށްފައެވެ.
މިދިޔަ މަހުގެ 20 އިން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށްގެންދާ މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައިވަނީ 13 ޓީމެކެވެ. އެއީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)، ދިރާގު، ކަސްޓަމްސް ރެކްރިއޭޝަން ކްލަބު، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ޕޮލިސް ކްލަބު، އެމްއެންޑީއެފް، ސްޓެލްކޯ، އެމްޑަބްލިޔުއެސްސީ، ޓީއެމްއޭ، ފެނަކަ އަދި އެމްޓީސީސީއެވެ.
ފިރިހެން ޑިވިޝަންގެ ސިންގަލްސް އިވެންޓުގައި 63 ކުޅުންތެރިން ވާދަކުރާނެއެވެ. އެ އިވެންޓުގައި 44 މެޗު ކުޅެވޭނެއެވެ. އަންހެން ޑިވިޝަންގެ ސިންގަލްސްގައި އަށް ކުޅުންތެރިން ވާދަކުރާ އިރު، އެ އިވެންޓުގައި ޖުމުލަ އަށް މެޗެއް ކުޅޭނެއެވެ. އަދި ޓީމު އިވެންޓު ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ޓީމު އިވެންޓުގައި 63 މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ.