މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ އަންހެން ޓީމު އިވެންޓުގެ ޗެމްޕިއަންކަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހޯދި އިރު، ފިރިހެން ޗެމްޕިއަންކަން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ހޯދައިފިއެވެ.
މިފަހަރު އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ ޓީމު އިވެންޓުގައި ޖުމުލަ 13 އޮފީހަކުން ބައިވެރިވެފައިވެއެވެ. ފިރިހެން ސިންގަލްސް އެއްވަނަ ޑިވިޝަނުގައި 27 ކުޅުންތެރިން، ދެވަނަ ޑިވިޝންގައި 83 ކުޅުންތެރިން އަދި އަންހެން އެއްވަނަ ޑިވިޝަނުގައި 17 ކުޅުންތެރިން ބައިވެރިވެފައިވެއެވެ. ސިންގަލްސް ޗެމްޕިއަންކަން ހަސަން ޝާޒް މުހައްމަދާއި ފަގީހާ އިބްރާހީމް ހޯދި އިރު، އޭގެފަހުން ކުރިއަށް ގެންގޮސްފައިވަނީ ޓީމް އިވެންޓެވެ.
ޓީމް އިވެންޓުގެ ފައިނަލްތަކަށް ބަލާ އިރު، އަންހެން ފައިނަލުގައި ވާދަކުރީ ބީއެމްއެލްއާއި އެސްޓީއޯއެވެ. އެ މެޗު ބީއެމްއެލްއިން ކާމިޔާބުކުރީ 2-1 ގޭމުންނެވެ. ފިރިހެން ފައިނަލުގައި އެމްއައިބީން ސްޓެލްކޯއާ ދެކޮޅަށް ނުކުތް އިރު، ސްޓެލްކޯއިން މެޗު ކާމިޔާބުކުރީ 2-0 ގޭމުންނެވެ.
ފިރިހެން ޓީމް އިވެންޓުގެ ތިންވަނަ ޓީމަކީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އެވެ. އަންހެން ޓީމް އިވެންޓުގެ ތިންވަނަ ޓީމަކީ ކަސްޓަމްސް ރެކްރިއޭޝަން ކްލަބް (ސީއާރްސީ) އެވެ.