އިންޓަ އޮފީސް ބިލިއާޑް މުބާރާތް

ފައިނަލުގެ ޖާގަތައް އެމްއޭސީއެލް އާއި އެމްޕީއެލަށް

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ ފައިނަލުގެ ޖާގަތައް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހޯދައިފިއެވެ.

އެމްއޭސީއެލް އާއި އެމްޕީއެލުން ފައިނަލުގެ ޖާގަތައް ހޯދީ އެމްޕީބީއޭ ކްލަބު ހައުސްގައި ރޭ ކުޅުނު ޓީމް އިވެންޓުގެ ސެމީ ފައިނަލުގެ މެޗުތައް ކާމިޔާބުކޮށްގެންނެވެ.

އެމްއޭސީއެލުން ފައިނަލުގެ ޖާގައެއް ހޯދީ ސެމީގެ ފުރަތަމަ މެޗުގައި ކަސްޓަމްސް ރެކްރިއޭޝަން ކްލަބު ބަލިކޮށްގެންނެވެ. އެ މެޗުން އެމްއޭސީއެލް މޮޅުވީ 2-1 ގޭމުންނެވެ. އެ މެޗުގެ ފުރަތަމަ ގޭމު 1-5 ފްރޭމުން ކަސްޓަމްސް އިން ގެންދިޔަ ނަމަވެސް، ދެވަނަ ގޭމު 5-3 ފްރޭމުން ގެންދިޔައީ އެމްއޭސީއެލްއެވެ. އަދި ތިންވަނަ ގޭމު އެމްއޭސީއެލުން ގެންދިޔައީ ސީދާ ފަސް ފްރޭމުންނެވެ.

އެމްޕީއެލުން ފައިނަލުގެ ޖާގައެއް ހޯދީ ސެމީގެ ދެވަނަ މެޗުގައި އެމްއެންޑީއެފް ބަލިކޮށްގެންނެވެ. އެ މެޗުން އެމްޕީއެލް މޮޅުވީ 1-2 ގޭމުންނެވެ. އެ މެޗުގެ ފުރަތަމަ ގޭމު 4-5 ފްރޭމުން އެމްޕީއެލް ގެންދިޔަ އިރު، ދެވަނަ ގޭމު 5-3 ފްރޭމުން ގެންދިޔައީ އެމްއެންޑީއެފްއެވެ. އަދި ތިންވަނަ ގޭމު އެމްޕީއެލުން ގެންދިޔައީ 3-5 ފްރޭމުންނެވެ.

އެ މުބާރާތުގެ ޓީމް އިވެންޓުގެ ފައިނަލުގައި އެމްއޭސީއެލް އާއި އެމްޕީއެލް ބައްދަލުކުރާނީ މިރޭ 8:30 ގައެވެ.

މިދިޔަ މަހުގެ 20 އިން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށްގެންދާ މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައިވަނީ 13 ޓީމެކެވެ. އެއީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)، ދިރާގު، ކަސްޓަމްސް ރެކްރިއޭޝަން ކްލަބު، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ޕޮލިސް ކްލަބު، އެމްއެންޑީއެފް، ސްޓެލްކޯ، އެމްޑަބްލިޔުއެސްސީ، ޓީއެމްއޭ، ފެނަކަ އަދި އެމްޓީސީސީއެވެ.

ފިރިހެން ޑިވިޝަންގެ ސިންގަލްސް އިވެންޓުގައި 63 ކުޅުންތެރިން ވާދަކުރާނެއެވެ. އެ އިވެންޓުގައި 44 މެޗު ކުޅެވޭނެއެވެ. އަންހެން ޑިވިޝަންގެ ސިންގަލްސްގައި އަށް ކުޅުންތެރިން ވާދަކުރާ އިރު، އެ އިވެންޓުގައި ޖުމުލަ އަށް މެޗެއް ކުޅޭނެއެވެ. އަދި ޓީމު އިވެންޓު ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ޓީމު އިވެންޓުގައި 63 މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ.