މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ ފިރިހެން ޑިވިޝަންގެ ސިންގަލްސް އިވެންޓުގެ ފައިނަލުން އެމްއޭސީއެލްގެ އިސްމާއިލް ސުވައިދާއި އެމްޕީއެލްގެ މުހައްމަދު ދުންޔާޒް ޖާގަ ހޯދި އިރު، އަންހެން ޑިވިޝަނުގެ ފައިނަލުގެ ޖާގަތައް ކަސްޓަމްސްގެ އާމިނަތު ހަލީމް (ދިލް) އާއި އެމްއެންޑީއެފްގެ އާއިޝަތު ޒީނާ ހޯދައިފިއެވެ.
އެ ކުޅުންތެރިން ފައިނަލުގެ ޖާގަތައް ކަށަވަރުކޮށްފައިވަނީ އެމްޕީބީއޭ ކްލަބު ހައުސްގައި އިއްޔެ ކުޅުނު ސެމީ ފައިނަލުގެ މެޗުތައް ކާމިޔާބުކޮށްގެންނެވެ.
ފިރިހެން ޑިވިޝަނުގެ ފައިނަލުން ސުވައިދު ޖާގަ ހޯދީ ސެމީގައި 2-5 ފްރޭމުން އެމްއެންޑީއެފްގެ ފަތުހުﷲ ޖަމީލް ބަލިކޮށްގެންނެވެ. އަދި ފައިނަލުން ދުންޔާޒް ޖާގަ ހޯދީ ސެމީގައި ސީދާ ފަސް ފްރޭމުން ކަސްޓަމްސްގެ ޔޫސުފް ޒުބައިރު ބަލިކޮށްގެންނެވެ.
އަންހެން ޑިވިޝަނުގެ ފައިނަލުން ދިލް ޖާގަ ހޯދީ ސެމީގައި ސީދާ ފަސް ފްރޭމުން އެމްޑަބްލިޔުއެސްސީގެ ރައުފާ މުހައްމަދު ބަލިކޮށްގެންނެވެ. އަދި ފައިނަލުން ޒީނާ ޖާގަ ހޯދީ ސެމީގައި 2-5 ފްރޭމުން ދިރާގުގެ އާމިނަތު ލީނާ ބަލިކޮށްގެންނެވެ.
ފިރިހެން ޑިވިޝަންގެ ސިންގަލްސް ފައިނަލުގައި ސުވައިދާއި ދުންޔާޒް ބައްދަލުކުރާ މެޗާއި އަންހެން ޑިވިޝަންގެ ސިންގަލްސް ފައިނަލުގައި ދިލް އާއި ޒީނާ ބައްދަލުކުރާ މެޗު ވެސް ކުޅުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:00 ގައެވެ.
މިދިޔަ މަހުގެ 20 އިން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށްގެންދާ މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައިވަނީ 13 ޓީމެކެވެ. އެއީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)، ދިރާގު، ކަސްޓަމްސް ރެކްރިއޭޝަން ކްލަބު، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ޕޮލިސް ކްލަބު، އެމްއެންޑީއެފް، ސްޓެލްކޯ، އެމްޑަބްލިޔުއެސްސީ، ޓީއެމްއޭ، ފެނަކަ އަދި އެމްޓީސީސީއެވެ.
ފިރިހެން ޑިވިޝަންގެ ސިންގަލްސް އިވެންޓުގައި 63 ކުޅުންތެރިން ވާދަކުރާނެއެވެ. އެ އިވެންޓުގައި 44 މެޗު ކުޅެވޭނެއެވެ. އަންހެން ޑިވިޝަންގެ ސިންގަލްސްގައި އަށް ކުޅުންތެރިން ވާދަކުރާ އިރު، އެ އިވެންޓުގައި ޖުމުލަ އަށް މެޗެއް ކުޅޭނެއެވެ. އަދި ޓީމު އިވެންޓު ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ޓީމު އިވެންޓުގައި 63 މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ.