ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފަހު މެޗުގައި ކްލަބު އީގަލްސް އަތުން ބަލިވި ނަމަވެސް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ލީގުގެ އައްޑަނަ އުފުލާލައިފިއެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗުގައި އީގަލްސް އަތުން ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ މާޒިޔާ ބަލިވީ 2-1ގެ ނަތީޖާއަކުންނެވެ. މިއީ މާޒިޔާ އިން ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި ދެވަނަ ފަހަރެވެ. މީގެ ކުރިން މާޒިޔާ އިން ލީގު ކާމިޔާބުކުރީ 2016 ވަނަ އަހަރުއެވެ.
މެޗުގެ ފުރަތަމަ މިނެޓުގެ ތެރޭގައި މާޒިޔާއަށް ލީޑު ހޯދުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު އިބްރާހިމް ވަހީދު ހަސަން (އިއްބެ) ފޮނުވާލި އެ ހަމަލާ، އީގަލްސްގެ ކީޕަރު މުހައްމަދު ސިނާހު ވަނީ ފަސޭހަކަމާއެކު މަތަކޮށްފައެވެ.
މެޗުގެ ފަސްވަނަ މިނެޓުގައި އީގަލްސްއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ކޯނަރެއްގެ ތެރެއިން ލިބުނު ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ އީގަލްސްގެ ބިދޭސީ ކުޅުންތެރިޔާ ކޮމިލޯވް އަބްދުރަސުލް ފޮނުވާލި ހަމަލާ، މާޒިޔާގެ ކީޕަރު ހުސައިން ޝަރީފް ވަނީ މަތަކޮށްފައެވެ.
މެޗުގެ 21 ވަނަ މިނެޓުގައި އީގަލްސްއަށް ލަނޑު ޖަހާނެ އިތުރު ފުރުސަތެއް ލިބިގެންދިޔައެވެ. އަލީ ފާސިރު (ސެންޓޭ) ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ އަހުމަދު ރިޒުވާން (ރިޒޭ) ފޮނުވާލި ހަމަލާ، މާޒިޔާގެ ކީޕަރު ހުސައިން ވަނީ މަތަކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އީގަލްސް އިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ހަސަން ރާއިފް އަހުމަދު (ހަންނަ) ނަގައިދިން ހުރަހަކުން އީގަލްސްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ޓޮޝިކީ އޮކަމޯޓޯއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން އީގަލްސް ކުރީގައި އޮވެގެންނެވެ.
މެޗުގެ 82 ވަނަ މިނެޓުގައި އީގަލްސް އިން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. އީގަލްސްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ރިޒޭއެވެ. މެޗުގައި މާޒިޔާ އިން ޖެހި ހަމައެކަނި ލަނޑު ފެނިގެންދިޔައީ މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށެވެ. އީގަލްސްގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، މާޒިޔާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ހަމްޒާ މުހައްމަދު (ހަމްޕު) އެވެ.
އެ މެޗާއެކު ލީގު ނިމިގެންދިޔަ އިރު، ތާވަލުގެ އެއްވަނައިގައި ނިންމާލި މާޒިޔާއަށް 21 މެޗުން ލިބިފައިވަނީ 51 ޕޮއިންޓެވެ. ދެވަނައިގައި ނިންމާލި އީގަލްސްއަށް 21 މެޗުން 45 ޕޮއިންޓު ލިބިފައިވާ އިރު، ތިންވަނައިގައި ނިންމާލި ޓީސީ ސްޕޯޓްސް ކްލަބަށް 21 މެޗުން ލިބިފައިވަނީ 41 ޕޮއިންޓެވެ. އަދި ތާވަލުގެ ހަތަރުވަނައިގައި ނިންމާލި ކްލަބު ގްރީން ސްޓްރީޓްސްއަށް 21 މެޗުން ލިބިފައިވަނީ 29 ޕޮއިންޓެވެ.
ލީގުގެ އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ މާޒިޔާގެ އަފްޣާނިސްތާނު ކީޕަރު އަޒީޒީ އޯވޭސްއެވެ. އަދި މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ ރަނަރަޕްކަން ހޯދި އީގަލްސްއެވެ.