އިންޓަ އޮފީސް ބިލިއާޑް މުބާރާތް

ސިންގަލްސް އިވެންޓުގެ ސެމީން ޖާގަ ހޯދި ކުޅުންތެރިން ކަށަވަރުވެއްޖެ

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިންތިޒާމުކޮށްގެން ބާއްވާ އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ ސިންގަލްސް އިވެންޓުގެ ސެމީ ފައިނަލުން ޖާގަ ހޯދި ކުޅުންތެރިން ކަށަވަރުވެއްޖެއެވެ.

އެމްޕީބީއޭ ކްލަބު ހައުސްގައި އިއްޔެ ވަނީ ފިރިހެން ޑިވިޝަނާއި އަންހެން ޑިވިޝަންގެ ކުއާޓާ ފައިނަލުގެ މެޗުތައް ކުޅެފައެވެ. އެ މެޗުތަކުން މޮޅުވި ކުޅުންތެރިންނަށް ވަނީ ސެމީގެ ޖާގަތައް ކަށަވަރުވެފައެވެ.

ފިރިހެން ޑިވިޝަންގެ ސިންގަލްސް އިވެންޓުގެ ސެމީން ޖާގަ ހޯދާފައިވަނީ އެމްއެންޑީއެފްގެ ފަތުހުﷲ ޖަމީލާއި އެމްއޭސީއެލްގެ އިސްމާއިލް ސުވައިދާއި ކަސްޓަމްސްގެ ޔޫސުފް ޒުބައިރު އަދި އެމްޕީއެލްގެ މުހައްމަދު ދުންޔާޒެވެ. އަންހެން ޑިވިޝަންގެ ސިންގަލްސް އިވެންޓުގެ ސެމީން ޖާގަ ހޯދާފައިވަނީ ކަސްޓަމްސްގެ އާމިނަތު ހަލީމް (ދިލް) އާއި އެމްޑަބްލިޔުއެސްސީގެ ރައުފާ މުހައްމަދާއި ދިރާގުގެ އާމިނަތު ލީނާ އަދި އެމްއެންޑީއެފްގެ އާއިޝަތު ޒީނާއެވެ.

ފިރިހެން ޑިވިޝަންގެ ސެމީން ފަތުހުﷲ ޖާގަ ހޯދީ ކުއާޓާގެ މެޗުގައި ސީދާ ހަތަރު ފްރޭމުން އެމްޓީސީސީގެ އަހުމަދު ރިޔާޝް ބަލިކޮށްގެންނެވެ. ކުއާޓާގައި 1-4 ފްރޭމުން އެމްއެންޑީއެފްގެ އިބްރާހިމް ރަޝީދު ބަލިކޮށް ޒުބައިރު ސެމީން ޖާގަ ހޯދި އިރު، ސުވައިދު ސެމީން ޖާގަ ހޯދީ ކުއާޓާގައި ސީދާ ހަތަރު ފްރޭމުން ސްޓެލްކޯގެ އަހުމަދު އަފްރާހު އިސްމާއީލް ބަލިކޮށްގެންނެވެ. އަދި ސެމީން ދުންޔާޒް ޖާގަ ހޯދީ ކުއާޓާގައި ސީދާ ހަތަރު ފްރޭމުން ރައީސް އޮފީހުގެ އަހުމަދު ނަފީލް ބަލިކޮށްގެންނެވެ.

އަންހެން ޑިވިޝަންގެ ސެމީން ދިލް ޖާގަ ހޯދީ ކުއާޓާގެ މެޗުގައި 4-1 ފްރޭމުން އެމްއޭސީއެލްގެ އާއިޝަތު މަލީޝާ ބަލިކޮށްގެންނެވެ. ކުއާޓާގައި 1-4 ފްރޭމުން ފެނަކަގެ ނަޝްފާ ނާޝިދު ބަލިކޮށް ލީނާ ސެމީން ޖާގަ ހޯދި އިރު، ރައުފާ ސެމީން ޖާގަ ހޯދީ ކުއާޓާގައި 1-4 ފްރޭމުން ޓީމްއޭގެ މަރިޔަމް ޖަސްރާ އަހުމަދު ބަލިކޮށްގެންނެވެ. އަދި ސެމީން ޒީނާ ޖާގަ ހޯދީ ކުއާޓާގައި ސީދާ ހަތަރު ފްރޭމުން އެމްއެންޑީއެފްގެ އާއިޝަތު ޒަހާ ބަލިކޮށްގެންނެވެ.

ފިރިހެން ޑިވިޝަނާއި އަންހެން ޑިވިޝަންގެ ސެމީގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރު 1:00ގައެވެ. ފިރިހެން ޑިވިޝަންގެ ސެމީގެ ފުރަތަމަ މެޗުގައި އެމްއެންޑީއެފްގެ ފަތުހުﷲ ޖަމީލާއި އެމްއޭސީއެލްގެ އިސްމާއިލް ސުވައިދު ބައްދަލުކުރާ އިރު، ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ކަސްޓަމްސްގެ ޔޫސުފް ޒުބައިރާއި އެމްޕީއެލްގެ މުހައްމަދު ދުންޔާޒެވެ. އަންހެން ޑިވިޝަންގެ ސެމީގެ ފުރަތަމަ މެޗުގައި ކަސްޓަމްސްގެ އާމިނަތު ހަލީމް (ދިލް) އާއި އެމްޑަބްލިޔުއެސްސީގެ ރައުފާ މުހައްމަދު ބައްދަލުކުރާ އިރު، ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ދިރާގުގެ އާމިނަތު ލީނާ އާއި އެމްއެންޑީއެފްގެ އާއިޝަތު ޒީނާއެވެ.

މިދިޔަ މަހުގެ 20 އިން ފެށިގެން މާދަމާގެ ނިޔަލަށް ކުރިއަށްގެންދާ މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައިވަނީ 13 ޓީމެކެވެ. އެއީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)، ދިރާގު، ކަސްޓަމްސް ރެކްރިއޭޝަން ކްލަބު، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ޕޮލިސް ކްލަބު، އެމްއެންޑީއެފް، ސްޓެލްކޯ، އެމްޑަބްލިޔުއެސްސީ، ޓީއެމްއޭ، ފެނަކަ އަދި އެމްޓީސީސީއެވެ.

ފިރިހެން ޑިވިޝަންގެ ސިންގަލްސް އިވެންޓުގައި 63 ކުޅުންތެރިން ވާދަކުރާނެއެވެ. އެ އިވެންޓުގައި 44 މެޗު ކުޅެވޭނެއެވެ. އަންހެން ޑިވިޝަންގެ ސިންގަލްސްގައި އަށް ކުޅުންތެރިން ވާދަކުރާ އިރު، އެ އިވެންޓުގައި ޖުމުލަ އަށް މެޗެއް ކުޅޭނެއެވެ. އަދި ޓީމު އިވެންޓު ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ޓީމު އިވެންޓުގައި 63 މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ.