މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިންތިޒާމުކޮށްގެން ބާއްވާ އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ ޓީމް އިވެންޓުގެ ސެމީ ފައިނަލުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ކަސްޓަމްސް ރެކްރިއޭޝަން ކްލަބާއި އެމްއެންޑީއެފް އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ޖާގަ ހޯދައިފިއެވެ.
އެމްސީއެލް އާއި ކަސްޓަމްސް އާއި އެމްއެންޑީއެފް އަދި އެމްޕީއެލުން ސެމީގެ ޖާގަތައް ހޯދާފައިވަނީ އެމްޕީބީއޭ ކްލަބު ހައުސްގައި އިއްޔެ ކުޅުނު ކުއާޓާ ފައިނަލުގެ މެޗުތައް ކާމިޔާބުކޮށްގެންނެވެ.
އިއްޔެ ކުޅުނު ކުއާޓާގެ މެޗުގައި އެމްއޭސީއެލުން ވަނީ ސްޓެލްކޯ އަތުން 2-1 ގޭމުން މޮޅުވެފައެވެ. އެ މެޗުގެ ފުރަތަމަ ގޭމު އެމްއޭސީއެލުން ގެންދިޔައީ 4-3 ފްރޭމުންނެވެ. ދެވަނަ ގޭމު ސީދާ ހަތަރު ފްރޭމުން އެމްއޭސީއެލް ގެންދިޔަ އިރު، ތިންވަނަ ގޭމު ސީދާ ހަތަރު ފްރޭމުން ގެންދިޔައީ ސްޓެލްކޯއެވެ.
ކުއާޓާގައި އެމްޓީސީސީ އަތުން ކަސްޓަމްސް މޮޅުވީ 1-2 ގޭމުންނެވެ. ފުރަތަމަ ގޭމުން ކަސްޓަމްސް މޮޅުވީ 2-4 ފްރޭމުންނެވެ. ދެވަނަ ގޭމު 4-2 ފްރޭމުން އެމްޓީސީސީ ގެންދިޔަ ނަމަވެސް، ތިންވަނަ ގޭމު ސީދާ ހަތަރު ފްރޭމުން ގެންދިޔައީ ކަސްޓަމްސްއެވެ.
ކުއާޓާގައި އެމްޑަބްލިޔުއެސްސީ އަތުން އެމްއެންޑީއެފް މޮޅުވީ ދެ ގޭމުންނެވެ. ފުރަތަމަ ގޭމު އެމްއެންޑީއެފުން ގެންދިޔައީ 4-1 ފްރޭމުންނެވެ. ދެވަނަ ގޭމު ނިމިގެންދިޔައީ 3-3 ފްރޭމުން ދެޓީމު އެއްވަރުވެގެންނެވެ. އަދި ތިންވަނަ ގޭމު އެމްއެންޑީއެފުން ގެންދިޔައީ ސީދާ ހަތަރު ފްރޭމުންނެވެ.
ކުއާޓާގެ ފަހު މެޗުގައި ޕޮލިސް ކްލަބު އަތުން އެމްޕީއެލް ވަނީ މޮޅުވެފައެވެ. އެ މެޗުގެ ފުރަތަމަ ގޭމު ސީދާ ހަތަރު ފްރޭމުން ގެންދިޔައީ އެމްޕީއެލްއެވެ. ދެވަނަ ގޭމު 2-1 ފްރޭމުން އެމްޕީއެލް ގެންދިޔަ އިރު، ތިންވަނަ ގޭމު އެމްޕީއެލުން ގެންދިޔައީ 4-2 ފްރޭމުންނެވެ.
އެ މުބާރާތުގެ ސެމީގެ މެޗުތައް މިއަދު ކުޅުމަށް ހަމަޖެހިފައިވެއެވެ. މިއަދު ހަވީރު 5:30ގައި ކުޅޭ ސެމީގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އެމްއޭސީއެލް އާއި ކަސްޓަމްސްއެވެ. އަދި މިރޭ 7:00ގައި ކުޅޭ ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ އެމްއެންޑީއެފް އާއި އެމްޕީއެލްއެވެ.
މިދިޔަ މަހުގެ 20 އިން ފެށިގެން މާދަމާގެ ނިޔަލަށް ކުރިއަށްގެންދާ މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައިވަނީ 13 ޓީމެކެވެ. އެއީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)، ދިރާގު، ކަސްޓަމްސް ރެކްރިއޭޝަން ކްލަބު، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ޕޮލިސް ކްލަބު، އެމްއެންޑީއެފް، ސްޓެލްކޯ، އެމްޑަބްލިޔުއެސްސީ، ޓީއެމްއޭ، ފެނަކަ އަދި އެމްޓީސީސީއެވެ.
ފިރިހެން ޑިވިޝަންގެ ސިންގަލްސް އިވެންޓުގައި 63 ކުޅުންތެރިން ވާދަކުރާނެއެވެ. އެ އިވެންޓުގައި 44 މެޗު ކުޅެވޭނެއެވެ. އަންހެން ޑިވިޝަންގެ ސިންގަލްސްގައި އަށް ކުޅުންތެރިން ވާދަކުރާ އިރު، އެ އިވެންޓުގައި ޖުމުލަ އަށް މެޗެއް ކުޅޭނެއެވެ. އަދި ޓީމު އިވެންޓު ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ޓީމު އިވެންޓުގައި 63 މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ.