މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ އިންޓަ އޮފީސް ބިލިއާޑް މުބާރާތުގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ބަލިކޮށް، ޕޮލިސް ކްލަބުން ކުއާޓާ ފައިނަލު ފަހު ޖާގަ ހޯދައިފިއެވެ.
އެމްޕީބީއޭ ކްލަބު ހައުސްގައި ރޭ ކުޅުނު ޓީމް އިވެންޓުގެ "ގްރޫޕު އޭ"ގެ މެޗުގައި އެމްއައިބީ އަތުން ޕޮލިސް މޮޅުވީ 1-2 ގޭމުންނެވެ.
އެ މެޗުގެ ފުރަތަމަ ގޭމު ޕޮލިހުން ގެންދިޔައީ 2-4 ފްރޭމުންނެވެ. ދެވަނަ ގޭމު 1-4 ފްރޭމުން ޕޮލިހުން ގެންދިޔަ އިރު، ފަހު ގޭމު 4-1 ފްރޭމުން ގެންދިޔައީ އެމްއައިބީއެވެ.
ޓީމް އިވެންޓުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލައިލާ އިރު، ދިރާގު އަތުން އެމްއެންޑީއެފް މޮޅުވީ 1-2 ގޭމުންނެވެ. ރައީސް އޮފީސް އަތުން 1-2 ގޭމުން އެމްޑަބްލިޔުއެސްސީ މޮޅުވި އިރު، ސްޓެލްކޯ އަތުން އެމްޓީސީސީ މޮޅުވީ ސީދާ ތިން ގޭމުންނެވެ. އެ މެޗުތަކާއެކު ގްރޫޕު ސްޓޭޖުގެ މެޗުތައް ވަނީ ނިމިފައެވެ.
ކުއާޓާގައި ވާދަކުރާނީ ކޮންމެ ގްރޫޕެއްގެ ވެސް ގަދަ ހަތަރު ޓީމެވެ. "ގްރޫޕު އޭ" އިން ކުއާޓާގެ ޖާގަތައް ހޯދީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި އެމްއެންޑީއެފް އާއި ކަސްޓަމްސް ރެކްރިއޭޝަން ކްލަބު އަދި ޕޮލިސް ކްލަބެވެ. "ގްރޫޕު ބީ" އިން ކުއާޓާގެ ޖާގަތައް ހޯދީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި އެމްޓީސީސީ އާއި އެމްޑަބްލިޔުއެސްސީ އަދި ސްޓެލްކޯއެވެ.
ޓީމް އިވެންޓުގެ ކުއާޓާގެ މެޗުތައް މިއަދު ކުރިއަށްދާނެއެވެ. ކުއާޓާގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އެމްއޭސީއެލް އާއި ސްޓެލްކޯއެވެ. ކުއާޓާގެ ދެވަނަ މެޗުގައި އެމްޓީސީސީ އާއި ކަސްޓަމްސް ބައްދަލުކުރާ އިރު، ކުއާޓާގެ ތިންވަނަ މެޗުގައި ބައްދަލުކުރާނީ އެމްއެންޑީއެފް އާއި އެމްޑަބްލިޔުއެސްސީއެވެ. އަދި ކުއާޓާގެ ފަހު މެޗުގައި ބައްދަލުކުރާނީ އެމްޕީއެލް އާއި ޕޮލިހެވެ.
މިމަހުގެ 20 އިން ފެށިގެން އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައިވަނީ 13 ޓީމެކެވެ. އެއީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)، ދިރާގު، ކަސްޓަމްސް ރެކްރިއޭޝަން ކްލަބު، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ޕޮލިސް ކްލަބު، އެމްއެންޑީއެފް، ސްޓެލްކޯ، އެމްޑަބްލިޔުއެސްސީ، ޓީއެމްއޭ، ފެނަކަ އަދި އެމްޓީސީސީއެވެ.
ފިރިހެން ޑިވިޝަންގެ ސިންގަލްސް އިވެންޓުގައި 63 ކުޅުންތެރިން ވާދަކުރާނެއެވެ. އެ އިވެންޓުގައި 44 މެޗު ކުޅެވޭނެއެވެ. އަންހެން ޑިވިޝަންގެ ސިންގަލްސްގައި އަށް ކުޅުންތެރިން ވާދަކުރާ އިރު، އެ އިވެންޓުގައި ޖުމުލަ އަށް މެޗެއް ކުޅޭނެއެވެ. އަދި ޓީމު އިވެންޓު ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ޓީމު އިވެންޓުގައި 63 މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ.