މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ކަސްޓަމްސް ރެކްރިއޭޝަން ކްލަބާއި ސްޓެލްކޯ އާއި އެމްޑަބްލިޔުއެސްސީ އަދި އެމްޓީސީސީން ހޯދައިފިއެވެ.
"ގްރޫޕު އޭ" އިން ކަސްޓަމްސްއާއެކު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި އެމްއެންޑީއެފުން ވެސް ވަނީ ކުއާޓާގެ ޖާގައެއް ކަށަވަރުކޮށްފައެވެ. އެ ގްރޫޕުން ކުއާޓާގެ ފަހު ޖާގަ ކަށަވަރުކުރުމުގެ ފުރުސަތު ޕޮލިސް ކްލަބާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އަށް އެބައޮތެވެ. އެ ގްރޫޕުން ކުއާޓާގެ ފަހު ޖާގަ ހޯދާ ޓީމު ކަށަވަރުވާނީ މިރޭ ޕޮލިހާއި އެމްއައިބީ ބައްދަލުކުރާ މެޗަށްފަހުއެވެ. އެ ގްރޫޕުގައި ހިމެނޭ ދިރާގާއި ޓީއެމްއޭއަށް ވަނީ ކުއާޓާއަށް ދަތުރުކުރުމުގެ ފުރުސަތު ގެއްލިފައެވެ.
"ގްރޫޕު ބީ" އިން ކުއާޓާގެ ޖާގަތައް ހޯދި ހަތަރު ޓީމު ވެސް މިހާރު ވަނީ ކަށަވަރުވެފައެވެ. އެއީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި އެމްޓީސީސީ އާއި ސްޓެލްކޯ އަދި އެމްޑަބްލިޔުއެސްސީއެވެ. އެ ގްރޫޕުން ކުއާޓާގެ ޖާގައެއް ލިބިފައިނުވަނީ ފެނަކަ އާއި ރައީސް އޮފީހެވެ.
އެމްޕީބީއޭ ކްލަބު ހައުސްގައި ރޭ ކުޅުނު މެޗުތަކަށް ބަލައިލާ އިރު، އެމްއޭސީއެލުން ވަނީ ސީދާ ތިން ގޭމުން އެމްއެންޑީއެފް ބަލިކޮށްފައެވެ. ޓީއެމްއޭއާ ދެކޮޅަށް ކުޅުނު މެޗުން ކަސްޓަމްސް މޮޅުވީ 2-1 ގޭމުންނެވެ. އެމްޑަބްލިޔުއެސްސީ އަތުން 2-1 ގޭމުން އެމްޓީސީސީ މޮޅުވި އިރު، އެމްޕީއެލުން ވަނީ 2-1 ގޭމުން ފެނަކަ ބަލިކޮށްފައެވެ.
މިމަހުގެ 20 އިން ފެށިގެން އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައިވަނީ 13 ޓީމެކެވެ. އެއީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)، ދިރާގު، ކަސްޓަމްސް ރެކްރިއޭޝަން ކްލަބު، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ޕޮލިސް ކްލަބު، އެމްއެންޑީއެފް، ސްޓެލްކޯ، އެމްޑަބްލިޔުއެސްސީ، ޓީއެމްއޭ، ފެނަކަ އަދި އެމްޓީސީސީއެވެ.
ފިރިހެން ޑިވިޝަންގެ ސިންގަލްސް އިވެންޓުގައި 63 ކުޅުންތެރިން ވާދަކުރާނެއެވެ. އެ އިވެންޓުގައި 44 މެޗު ކުޅެވޭނެއެވެ. އަންހެން ޑިވިޝަންގެ ސިންގަލްސްގައި އަށް ކުޅުންތެރިން ވާދަކުރާ އިރު، އެ އިވެންޓުގައި ޖުމުލަ އަށް މެޗެއް ކުޅޭނެއެވެ. އަދި ޓީމު އިވެންޓު ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ޓީމު އިވެންޓުގައި 63 މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ.