އިންޓަ އޮފީސް ބިލިއާޑް މުބާރާތް

އެމްއޭސީއެލް އާއި އެމްއެންޑީއެފް ކުއާޓާއަށް

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ ކުއާޓާ ފައިނަލަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި އެމްއެންޑީއެފް ދަތުރުކޮށްފިއެވެ.

އެމްޕީބީއޭ ކްލަބު ހައުސްގައި ކުރިއަށްގެންދާ އެ މުބާރާތުގެ ކުއާޓާގެ ޖާގަތައް ހޯދި އެމްއޭސީއެލް އާއި އެމްއެންޑީއެފްއަކީ ޓީމް އިވެންޓުގެ "ގްރޫޕު އޭ"ގައި ވާދަކުރާ ދެ ޓީމެވެ.

ރޭ ކުޅުނު މެޗުގައި އެމްއޭސީއެލުން ވަނީ 2-1 ގޭމުން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ބަލިކޮށްފައެވެ. އެ މެޗުގެ ފުރަތަމަ ގޭމު ސީދާ ހަތަރު ފްރޭމުން ގެންދިޔައީ އެމްއައިބީއެވެ. ދެވަނަ ގޭމު 4-1 ފްރޭމުން އެމްއޭސީއެލް ގެންދިޔަ އިރު، ތިންވަނަ ގޭމު އެމްއޭސީއެލުން ގެންދިޔައީ ސީދާ ހަތަރު ފްރޭމުންނެވެ.

"ގްރޫޕު އޭ"ގެ އެއްވަނައިގައި އޮތް އެމްއޭސީއެލްއަށް ފަސް މެޗުން 15 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް އެމްއެންޑީއެފްއަށް ހަތަރު މެޗުން ލިބިފައިވަނީ 12 ޕޮއިންޓެވެ. އެ ދެ ޓީމު މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. އެ ދެ ޓީމާ އެންމެ ކައިރިން ވާދަކުރަނީ ކަސްޓަމްސް ރެކްރިއޭޝަން ކްލަބާއި ޕޮލިސް ކްލަބެވެ. އެ ދެ ޓީމަށް ވެސް ހަތަރު މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ. އެ ގްރޫޕުގައި ދެން ހިމެނޭ އެމްއައިބީ އާއި ޓްރާންސް މޯލްޑިވްސް އެއާވޭސް (ޓީއެމްއޭ)އަށް ހަތަރު މެޗުން ތިން ޕޮއިންޓް ލިބިފައިވާ އިރު، ގްރޫޕުގެ ފުލުގައި އޮތް ދިރާގަށް ފަސް މެޗުން އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ޓީމް އިވެންޓުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލައިލާ އިރު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވަނީ 2-1 ގޭމުން ސްޓެލްކޯ ބަލިކޮށްފައެވެ. ދިރާގު އަތުން 1-2 ގޭމުން ޕޮލިސް ކްލަބު މޮޅުވި އިރު، އެމްޓީސީސީން ވަނީ ސީދާ ތިން ގޭމުން ރައީސް އޮފީސް ބަލިކޮށްފައެވެ.

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައިވަނީ 13 ޓީމެކެވެ. އެއީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)، ދިރާގު، ކަސްޓަމްސް ރެކްރިއޭޝަން ކްލަބު، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ޕޮލިސް ކްލަބު، އެމްއެންޑީއެފް، ސްޓެލްކޯ، އެމްޑަބްލިޔުއެސްސީ، ޓީއެމްއޭ، ފެނަކަ އަދި އެމްޓީސީސީއެވެ.

ފިރިހެން ޑިވިޝަންގެ ސިންގަލްސް އިވެންޓުގައި 63 ކުޅުންތެރިން ވާދަކުރާނެއެވެ. އެ އިވެންޓުގައި 44 މެޗު ކުޅެވޭނެއެވެ. އަންހެން ޑިވިޝަންގެ ސިންގަލްސްގައި އަށް ކުޅުންތެރިން ވާދަކުރާ އިރު، އެ އިވެންޓުގައި ޖުމުލަ އަށް މެޗެއް ކުޅޭނެއެވެ. އަދި ޓީމު އިވެންޓު ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ޓީމު އިވެންޓުގައި 63 މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ.