މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ އިންޓަ އޮފީސް ބިލިއާޑް މުބާރާތުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި އެމްއެންޑީއެފުން މޮޅުވުމުގެ ރެކޯޑު ދަމަހައްޓައި، "ގްރޫޕު އޭ"ގެ ކުރީގައި ލީޑު ފުޅާކޮށްފިއެވެ.
އެމްޕީބީއޭ ކްލަބު ހައުސްގައި ކުރިއަށްގެންދާ އެ މުބާރާތުގެ "ގްރޫޕު އޭ"ގައި އެމްއޭސީއެލް އާއި އެމްއެންޑީއެފް މިހާތަނަށް ކުޅުނު ހަތަރު މެޗު ވެސް ވަނީ ކާމިޔާބުކޮށްފައެވެ. ގްރޫޕުގެ އެންމެ ކުރީގައި އެ ދެ ޓީމު އޮތީ 12 ޕޮއިންޓާއެކުއެވެ.
ރޭ ކުޅުނު ޓީމް އިވެންޓުގެ މެޗުގައި އެމްއޭސީއެލުން ވަނީ ފަސޭހަކަމާއެކު ސީދާ ތިން ގޭމުން ޕޮލިސް ކްލަބު ބަލިކޮށްފިއެވެ. އެ މެޗުގެ ފުރަތަމަ ގޭމު ސީދާ ހަތަރު ފްރޭމުން އެމްއޭސީއެލް ގެންދިޔަ އިރު، ދެވަނަ ގޭމުން އެމްއޭސީއެލް މޮޅުވީ 4-1 ފްރޭމުންނެވެ. އަދި ތިންވަނަ ގޭމު އެމްއޭސީއެލުން ގެންދިޔައީ ސީދާ ހަތަރު ފްރޭމުންނެވެ.
ރޭ ކަސްޓަމްސް ރެކްރިއޭޝަން ކްލަބާ ދެކޮޅަށް ކުޅުނު މެޗުން އެމްއެންޑީއެފް މޮޅުވީ 1-2 ގޭމުންނެވެ. އެ މެޗުގެ ފުރަތަމަ ގޭމު 1-4 ފްރޭމުން ގެންދިޔައީ އެމްއެންޑީއެފްއެވެ. ދެވަނަ ގޭމު 2-4 ފްރޭމުން އެމްއެންޑީއެފް ގެންދިޔަ އިރު، ތިންވަނަ ގޭމު 4-3 ފްރޭމުން ގެންދިޔައީ ކަސްޓަމްސްއެވެ.
އެ މުބާރާތުގެ ޓީމް އިވެންޓުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލައިލާ އިރު، ފެނަކަ އިން ވަނީ 1-2 ގޭމުން ރައީސް އޮފީސް ބަލިކޮށްފައެވެ. އަދި ޓްރާންސް މޯލްޑިވްސް އެއާވޭސް (ޓީއެމްއޭ) އިން ވަނީ ސީދާ ތިން ގޭމުން ދިރާގު ބަލިކޮށްފައެވެ.
މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައިވަނީ 13 ޓީމެކެވެ. އެއީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)، ދިރާގު، ކަސްޓަމްސް ރެކްރިއޭޝަން ކްލަބު، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ޕޮލިސް ކްލަބު، އެމްއެންޑީއެފް، ސްޓެލްކޯ، އެމްޑަބްލިޔުއެސްސީ، ޓީއެމްއޭ، ފެނަކަ އަދި އެމްޓީސީސީއެވެ.
ފިރިހެން ޑިވިޝަންގެ ސިންގަލްސް އިވެންޓުގައި 63 ކުޅުންތެރިން ވާދަކުރާނެއެވެ. އެ އިވެންޓުގައި 44 މެޗު ކުޅެވޭނެއެވެ. އަންހެން ޑިވިޝަންގެ ސިންގަލްސްގައި އަށް ކުޅުންތެރިން ވާދަކުރާ އިރު، އެ އިވެންޓުގައި ޖުމުލަ އަށް މެޗެއް ކުޅޭނެއެވެ. އަދި ޓީމު އިވެންޓު ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ޓީމު އިވެންޓުގައި 63 މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ.