ސްރީލަންކާ

ތިން ދިވެއްސަކު ލަންކާއިން މަސްތުވާތަކެއްޗާއެކު ހައްޔަރު ކޮށްފި

މަރިޔަމް ޝަހުދާ

1

ސްރީލަންކާ ގެ ޕޮލިހުން އިއްޔެ ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ތިން ދިވެހިން ހައްޔަރުކޮށްފިއެވެ.

ލަންކާގެ މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުގައި މި އޮޕަރޭޝަނުގައި 26 އަހަރާއި 28 އަހަރާއި ދެމެދުގެ ހަ މީހަކު ވަނީ ކޮލަމްބޯގެ ދެހިވެލާ އިން ހައްޔަރުކޮށްފައެވެ. އަދި މި މިމީންގެ އަތުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހިރޮއިންގެ ހަތަރު ކިލޯ ފެނިފައިވާ ކަމަށް ލަންކާގެ ނޫސްތަކުން ރިޕޯޓު ކުރެއެވެ.

ހައްޔަރު ކުރި މީހުން އަތުން ފެނުނު މަސްތުވާތަކެތީގެ އަގު 40 މިލިއަން ރުޕީސްއަށްވުރެ އިތުރު ވާނެ ކަމަށް ލަންކާގެ ފުލުހުންނާ ހަވާލާދީ ނޫސްތަކުން ރިޕޯޓުކޮށްފައި ވެއެވެ. އަދި މި ހަ މީހުން ހައްޔަރު ކުރުމުގެ އިތުރުން ދެ ކާރުވެސް އަތުލައިގަނެފައިވާ ކަމަށް ލަންކާގެ ނޫސްތަކުން ރިޕޯޓު ކުރެއެވެ.

މި މައްސަލައިގައި ހައްޔަރު ކުރި ހަ މީހުންވެސް ދެހިވެލާގެ މެޖިސްޓްރޭޓް ކޯޓަށް މިއަދު ހާޒިރު ކުރާނެ ކަމަށް ކޮލަމްބޯ ގެޒެޓުގައި ރިޕޯޓުކޮށްފައި ވެއެވެ.

މި ކަމާ ގުޅޭ އެއްވެސް ކޮމެންޓެއް ދިވެހި ފުލުހުން މިހާތަނަށް އައި އިރު ކޮށްފައެއް ނުވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟