މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ އިންޓަ އޮފީސް ބިލިއާޑް މުބާރާތުގައި "ގްރޫޕު އޭ"ގެ ކުރިއަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ޖެހިލައިފިއެވެ.
ގްރޫޕުގެ ކުރިއަށް ސިފައިން ޖެހިލީ އެމްޕީބީއޭ ކްލަބު ހައުސްގައި ރޭ ކުޅުނު މެޗުގައި ފަސޭހަކަމާއެކު ޓީއެމްއޭ ބަލިކޮށްގެންނެވެ.
ޓީމް އިވެންޓުގައި ރޭ ކުޅުނު މެޗުގައި ޓީއެމްއޭ އަތުން އެމްއެންޑީއެފް މޮޅުވީ ސީދާ ތިން ގޭމުންނެވެ. ފުރަތަމަ ގޭމު 4-1 ގޭމުން އެމްއެންޑީއެފް މޮޅުވި އިރު، ދެވަނަ ގޭމު ގެންދިޔައީ 4-2 ފްރޭމުންނެވެ. އަދި އެމްއެންޑީއެފުން ތިންވަނަ ގޭމު ގެންދިޔައީ 4-2 ފްރޭމުންނެވެ.
"ގްރޫޕު އޭ"ގެ ކުރީގައި އެމްއެންޑީއެފްއާއެކު އޮތީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އެވެ. އެމްއެންޑީއެފް އާއި އެމްއޭސީއެލުން ވަނީ އެ ދެ ޓީމު ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް، ތިން ޕޮއިންޓު ހޯދައިފައެވެ.
އެ މުބާރާތުގެ ޓީމް އިވެންޓުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލައިލާ އިރު، މޯލްޑިވްސް ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން 2-1 ގޭމުން ވަނީ ފެނަކަ ބަލިކޮށްފައެވެ. ދިރާގާ ދެކޮޅަށް ކުޅެ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން 2-1 ގޭމުން މެޗު ކާމިޔާބުކުރި އިރު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވަނީ ސީދާ ތިން ގޭމުން އެމްޓީސީސީ ބަލިކޮށްފައެވެ.
މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައިވަނީ 13 ޓީމެކެވެ. އެއީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)، ދިރާގު، ކަސްޓަމްސް ރެކްރިއޭޝަން ކްލަބު، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ޕޮލިސް ކްލަބު، އެމްއެންޑީއެފް، ސްޓެލްކޯ، އެމްޑަބްލިޔުއެސްސީ، ޓީއެމްއޭ، ފެނަކަ އަދި އެމްޓީސީސީއެވެ.
ފިރިހެން ޑިވިޝަންގެ ސިންގަލްސް އިވެންޓުގައި 63 ކުޅުންތެރިން ވާދަކުރާނެއެވެ. އެ އިވެންޓުގައި 44 މެޗު ކުޅެވޭނެއެވެ. އަންހެން ޑިވިޝަންގެ ސިންގަލްސްގައި އަށް ކުޅުންތެރިން ވާދަކުރާ އިރު، އެ އިވެންޓުގައި ޖުމުލަ އަށް މެޗެއް ކުޅޭނެއެވެ. އަދި ޓީމު އިވެންޓު ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ޓީމު އިވެންޓުގައި 63 މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ.