މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ އިންޓަ އޮފީސް ބިލިއާޑް މުބާރާތުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ކުޅުނު ތިންވަނަ މެޗުން ވެސް މޮޅުވެއްޖެއެވެ.
އެމްޕީބީއޭ ކްލަބު ހައުސްގައި ރޭ ކުޅުނު ޓީމް އިވެންޓު މެޗުގައި އެމްއޭސީއެލުން ވަނީ ކަސްޓަމްސް ރެކްރިއޭޝަން ކްލަބު ބަލިކޮށްފައެވެ. މުބާރާތުގެ ޓީމް އިވެންޓުގައި މިހާތަނަށް އެމްއޭސީއެލުން ކުޅުނު އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ.
ރޭގެ މެޗުން އެމްއޭސީއެލް މޮޅުވީ 2-1 ގޭމުންނެވެ. އެ މެޗުގެ ފުރަތަމަ ގޭމު އެމްއޭސީއެލުން ކާމިޔާބުކުރީ 4-3 ފްރޭމުންނެވެ. ދެވަނަ ގޭމު 1-4 ފްރޭމުން ކަސްޓަމްސް ގެންދިޔަ ނަމަވެސް، ފަހު ގޭމު 4-2 ފްރޭމުން ގެންދިޔައީ އެމްއޭސީއެލުންނެވެ.
ރޭ ކުޅުނު އެހެން މެޗުތަކަށް ބަލައިލާ އިރު، ސްޓެލްކޯ އިން ވަނީ 2-1 ގޭމުން ރައީސް އޮފީސް ބަލިކޮށްފައެވެ. ޓީއެމްއޭ އަތުން ޕޮލިސް ކްލަބު ސީދާ ތިން ގޭމުން މޮޅުވި އިރު، އެމްއެންޑީއެފުން ވަނީ 2-1 ގޭމުން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ބަލިކޮށްފައެވެ.
މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައިވަނީ 13 ޓީމެކެވެ. އެއީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)، ދިރާގު، ކަސްޓަމްސް ރެކްރިއޭޝަން ކްލަބު، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ޕޮލިސް ކްލަބު، އެމްއެންޑީއެފް، ސްޓެލްކޯ، އެމްޑަބްލިޔުއެސްސީ، ޓީއެމްއޭ، ފެނަކަ އަދި އެމްޓީސީސީއެވެ.
ފިރިހެން ޑިވިޝަންގެ ސިންގަލްސް އިވެންޓުގައި 63 ކުޅުންތެރިން ވާދަކުރާނެއެވެ. އެ އިވެންޓުގައި 44 މެޗު ކުޅެވޭނެއެވެ. އަންހެން ޑިވިޝަންގެ ސިންގަލްސްގައި އަށް ކުޅުންތެރިން ވާދަކުރާ އިރު، އެ އިވެންޓުގައި ޖުމުލަ އަށް މެޗެއް ކުޅޭނެއެވެ. އަދި ޓީމު އިވެންޓު ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ޓީމު އިވެންޓުގައި 63 މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ.