އެމްޑީޕީ

މަޖިލީހުގެ ހުރިހާ ގޮނޑިއަކަށް ކުރިމަތިލާން އެދި އެމްޑީޕީ އެކްޓިވސްޓުން ގޮވައިލަންފަށައިފި

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ގޮނޑިއަކަށް ކުރިމަތިލާން އެދި އެމްޑީޕީގެ އިސް އެކްޓިވިސްޓުން މީސްމީޑިއާގައި ގޮވައިލާން ފަށައިފި އެވެ.

އަންނަ މާޗުމަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ދާއިރާ އަކަށް އެމްޑީޕީން ކެންޑިޑޭޓުން ނެރެން ޖެހޭނެ ކަމަށް ބުނެ އެމްޑީޕީގެ އެކްޓިވިސްޓުން ކެމްޕޭނެ ފަށާފައިވާ އިރު، ދާދި ފަހުން ބޭއްވި އެޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި ވަނީ މަޖިލީހުގެ ހުރިހާ ދާއިރާއަކަށް ވާދަކުރުމަށް މަޝްވަރާކޮށްފަ އެވެ. އަދި އެކަމާ ގުޅޭ ގޮތުން މި މަހުގެ 30 ވަނަ ދުވަހު ގޮތެއް ނިންމާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.

މަޖިލީހުގެ ހުރިހާ ދާއިރާއަކަށް އެމްޑީޕީން ނިކުންނާނެ ކަމުގެ އަޑުތައް ގަދަވަމުން އަންނަ އިރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކުރީން ވިދާޅުވެފައި ވަނީ މަޖިލިސް އިންތިޚާބުގައި ވާދަކުރާނީ ކޯލިޝަން ކެންޑިޑޭޓުންގެ ގޮތުގައި ކަމަށެވެ.

ކޯލިޝަނުގައި ހިމެނޭ ލީޑަރުންގެ މެދުގައި މަޖިލީހުގެ ދާއިރާތައް އަދި ބަހައިފައި ނުވާ އިރު ޕާޓީ ތަކުގެ ކެންޑިޑޭޓުން މިހާރު ވެސް ވަނީ އެކި ދާއިރާތަކުގެ ޕްރައިމަރީގައި ވާދަކުރާނެ ކަމަށް އިއުލާނުކޮށްފަ އެވެ. އަދި ޕްރައިމަރީގެ ކެމްޕޭން ވަނީ ފަށައިފަ އެވެ. އެންމެ ގަދަޔަށް ކެމްޕޭން ކުރާތަން ފެންނަނީ އެމްޑީޕީންނެވެ.

ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި މަޖިލިސް އިންތިޚާބުގެ މައްސަލަ ރަނގަޅު ގޮތަކަށް ހައްލު ނުކުރެވިއްޖެ ނަމަ އެހާ ހިސާބުން ކޯލިޝަން ރޫޅުމުގެ ފުރުސަތު ވަރަށް ބޮޑެވެ.