އިންޓަ އޮފީސް ބިލިއާޑް މުބާރާތް

އެމްއޭސީއެލް، ކަސްޓަމްސް، އެމްޕީއެލް އަދި ސިފައިން ފެށުން ރަނގަޅުކޮށްފި

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ އިންޓަ އޮފީސް ބިލިއާޑް މުބާރާތުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ކަސްޓަމްސް ރެކްރިއޭޝަން ކްލަބާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ފެށުން ރަނގަޅުކޮށްފިއެވެ.

އެމްބީޕީއޭ ކްލަބު ހައުސްގައި ބާއްވާ އެ މުބާރާތް އިއްޔެ ވަނީ ފަށައިފައެވެ. އިއްޔެ މެންދުރުފަހު އެ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ސިންގަލްސް މެޗުތައް ކުޅުނު އިރު، ރޭ ކުޅެފައިވަނީ ޓީމް އިވެންޓުގެ މެޗުތަކެވެ.

އެ މުބާރާތުގެ ޓީމް އިވެންޓުގެ ފުރަތަމަ މެޗުގައި ދިރާގާ ދެކޮޅަށް ކުޅެ، ސީދާ ތިން ގޭމުން ކާމިޔާބުކުރީ އެމްއޭސީއެލްއެވެ. ފުރަތަމަ ގޭމު އެސްއޭސީއެލުން ގެންދިޔައީ ސީދާ ހަތަރު ފްރޭމުންނެވެ. ދެވަނަ ގޭމު 4-1 ފްރޭމުން އެމްއޭސީއެލް އިން ކާމިޔާބުކުރި އިރު، އެމްއޭސީއެލް އިން ފަހު ގޭމު ގެންދިޔައީ ސީދާ ހަތަރު ފްރޭމުންނެވެ.

ދެވަނަ މެޗުގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އާ ވާދަކޮށް 2-1 ގޭމުން ކާމިޔާބުކުރީ ކަސްޓަމްސްއެވެ. ފުރަތަމަ ގޭމު ކަސްޓަމްސް އިން ގެންދިޔައީ 3-4 ފްރޭމުންނެވެ. ދެވަނަ ގޭމު 4-3 ފްރޭމުން އެމްއައިބީ ގެންދިޔަ ނަމަވެސް، ކަސްޓަމްސް އިން ވަނީ 1-4 ފްރާމުން ފަހު ގޭމު ކާމިޔާބުކޮށްފައެވެ.

ތިންވަނަ މެޗުގައި ރައީސް އޮފީހާ ވާދަކޮށް ސީދާ ތިން ގޭމުން އެމްޕީއެލް ވަނީ މޮޅުވެފައެވެ. ފުރަތަމަ ގޭމު އެމްޕީއެލުން ގެންދިޔައީ ސީދާ ހަތަރު ފްރޭމުންނެވެ. ދެވަނަ ގޭމު 4-3 ފްރޭމުން އެމްޕީއެލް ކާމިޔާބުކުރި އިރު، އެމްޕީއެލުން ފަހު ގޭމު ގެންދިޔައީ ސީދާ ހަތަރު ފްރޭމުންނެވެ.

ރޭ ކުޅުނު ފަހު މެޗުގައި ޕޮލިސް ކްލަބާ ވާދަކޮށް އެމްއެންޑީއެފުން މެޗު ކާމިޔާބުކުރީ 2-1 ގޭމުންނެވެ. ފުރަތަމަ ގޭމު އެމްއެންޑީއެފުން ގެންދިޔައީ 4-1 ފްރޭމުންނެވެ. ދެވަނަ ގޭމު ވެސް 4-1 ފްރޭމުން އެމްއެންޑީއެފް ގެންދިޔަ އިރު، ފަހު ގޭމު 3-4 ފްރޭމުން ގެންދިޔައީ ޕޮލިސް ކްލަބުންނެވެ.

އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައިވަނީ 13 ޓީމެކެވެ. އެއީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)، ދިރާގު، ކަސްޓަމްސް ރެކްރިއޭޝަން ކްލަބު، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ޕޮލިސް ކްލަބު، އެމްއެންޑީއެފް، ސްޓެލްކޯ، އެމްޑަބްލިޔުއެސްސީ، ޓީއެމްއޭ، ފެނަކަ އަދި އެމްޓީސީސީއެވެ.

ފިރިހެން ޑިވިޝަންގެ ސިންގަލްސް އިވެންޓުގައި 63 ކުޅުންތެރިން ވާދަކުރާނެއެވެ. އެ އިވެންޓުގައި 44 މެޗު ކުޅެވޭނެއެވެ. އަންހެން ޑިވިޝަންގެ ސިންގަލްސްގައި އަށް ކުޅުންތެރިން ވާދަކުރާ އިރު، އެ އިވެންޓުގައި ޖުމުލަ އަށް މެޗެއް ކުޅޭނެއެވެ. އަދި ޓީމު އިވެންޓު ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ޓީމު އިވެންޓުގައި 63 މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ.