އެމްޑީޕީ

އެމްޑީޕީން މަޖިލިސް އިންތިހާބުގައި ވާދަކުރާ ދާއިރާތައް އިއުލާންކުރުން މިމަހުގެ 30ގައި

މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގައި ވާދަކުރާނެ ދާއިރާތައް މިމަހުގެ 30 ވަނަ ދުވަހު އިއުލާންކުރުމަށް ނިންމައިފިއެވެ.

މަޖިލިސް އިންތިހާބުގައި އެމްޑީޕީން ކޯލިޝަންގެ ތެރެއިން ވާދަކުރާ އިރު، އެ ޕާޓީއަށް ވެސް ލިބިގެންދާނީ ވަކި ދާއިރާތަކެއްގައި ވާދަކުރުމުގެ ފުރުސަތެވެ. ކޯލިޝަންގައި އެމްޑީޕީގެ އިތުރުން ދެން ހިމެނެނީ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރްއެމް)އެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ބައިވެރިވުމާއި ވޯޓު ލެވޭނީ އަންނަ މަހުގެ ހަތްވަނަ ދުވަހާ ހަމައަށް މެމްބާޝިޕް ފޯމު ހުށަހަޅާ ފަރާތްތަކަށެވެ. ހަމަ އެ ދުވަހު ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލުމަށް ވެސް ވަނީ ނިންމައިފައެވެ.

އަންނަ މަހުގެ 13 ވަނަ ދުވަހު ޕްރައިމަރީގެ ވޯޓާސް ލިސްޓު އާންމުކުރުމާއި ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމަށް ނިންމާފައިވާ އިރު، ވޯޓާސް ލިސްޓަށް ޝަކުވާ ބަލައިގަތުމުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ 16 ވަނަ ދުވަހުއެވެ. އަދި އަންނަ މަހުގެ 18 ވަނަ ދުވަހު ޕްރައިމަރީގެ ފައިނަލް ވޯޓާސް ލިސްޓު އާންމުކުރުމަށް ނިންމާފައިވެއެވެ.

ފްރައިމަރީގައި ވާދަކުރުމުގެ ފޯމް ހުށަހެޅުމުގެ މުއްދަތު ހަމަވާ ތާރީހެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އަންނަ މަހުގެ 19 ވަނަ ދުވަހެވެ. އެ ދުވަހާ ހަމައަށް އެފްލިކޭޝަން ފޯމާއެކު ތާއީދު ފޯމު ހުށަހަޅަން ޖެހެއެވެ. ތާއީދު ފޯމުގައި އެމީހަކު ކުރިމަތިލާ ދާއިރާއަށް ވޯޓުލުން ހައްގުވާ 200 މީހުންގެ ސޮއި ހުށަހަޅަން ޖެހެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ.