މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ އިންޓަ އޮފީސް ބިލިއާޑް މުބާރާތް މާދަމާ ފެށުމަށް ނިންމައިފިއެވެ.
އެމްބީޕީއޭ ކްލަބު ހައުސްގައި ބާއްވާ އަށްވަނަ އިންޓަ އޮފީސް ބިލިއާޑް މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރު 1:30ގައެވެ.
މާދަމާ އިން ފެށިގެން އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ އެ މުބާރާތުގައި ފިރިހެން ޑިވިޝަނާއި އަންހެން ޑިވިޝަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން އެ މުބާރާތް ފެށިގެންދާނީ ފިރިހެން ޑިވިޝަނުގެ ސިންގަލް އިވެންޓުގެ މެޗުތަކެވެ. މާދަމާ މެންދުރު ފިރިހެން ޑިވިޝަންގެ ސިންގަލްސްގެ މެޗުތައް ކުޅުމަށްފަހު މާދަމާ ރޭ ކުރިއަށްދާނީ ޓީމު އިވެންޓުގެ މެޗުތަކެވެ.
މާދަމާ މެންދުރު ފިރިހެނުންގެ ސިންގަލްސް އިވެންޓުގެ އަށް މެޗެއް ކުރިއަށްދާނެއެވެ. އަދި މާދަމާ ރޭ ޓީމު އިވެންޓުގެ ހަތަރު މެޗެއް ކުރިއަށްދާނެއެވެ.
މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައިވަނީ 13 ޓީމެކެވެ. އެއީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)، ދިރާގު، ކަސްޓަމްސް ރެކްރިއޭޝަން ކްލަބު، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ޕޮލިސް ކްލަބު، އެމްއެންޑީއެފް، ސްޓެލްކޯ، އެމްޑަބްލިޔުއެސްސީ، ޓީއެމްއޭ، ފެނަކަ އަދި އެމްޓީސީސީއެވެ.
ފިރިހެން ޑިވިޝަންގެ ސިންގަލްސް އިވެންޓުގައި 63 ކުޅުންތެރިން ވާދަކުރާނެއެވެ. އެ އިވެންޓުގައި 44 މެޗު ކުޅެވޭނެއެވެ. އަންހެން ޑިވިޝަންގެ ސިންގަލްސްގައި އަށް ކުޅުންތެރިން ވާދަކުރާ އިރު، އެ އިވެންޓުގައި ޖުމުލަ އަށް މެޗެއް ކުޅޭނެއެވެ. އަދި ޓީމު އިވެންޓު ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ޓީމު އިވެންޓުގައި 63 މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ.