ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ގެ މަގާމުން މުހައްމަދު ޝަރީފު އިސްތިއުފާ ދެއްވައިފި އެވެ.
ޝަރީފު އިސްތިއުފާ ދެއްވީ މިއަދު އެވެ. އިސްތިއުފާދެއްވުމާ ހަމަޔަށް އޭނާއަކީ އެ ބޭންކުގެ ސީއޯއޯގެ އިތުރުން ޑެޕިއުޓީ ސީއީއޯ ވެސްމެ އެވެ.
މީގެ 25 އަހަރު ކުރީން ބޭންކުގެ ހިދުމަތާ ގުޅިވަޑައިގެންނެވި ޝަރީފު އިސްތިއުފާދެއްވުމާއި ގުޅިގެން، ބޭންކުގެ ބޯޑާއި މެނޭޖްމެންޓް އަދި މުވައްޒަފުންގެ ފަރާތުން ވަނީ އޭނާއަށް ޝުކުރު އަދާކުރައްވާފައެވެ. ޝަރީފު ވަނީ ފާއިތުވި 25 އަހަރު ތެރޭ ބޭންކުގެ އިސް މަގާމުތަކެއް އަދާކުރައްވާފަ އެވެ. އޭގެ ތެރޭގައި، ހެޑް އޮފް ކާޑް ސެންޓަރުގެ މަގާމާއި ރީޓެއިލް ބޭންކިންގެ ޑައިރެކްޓަރު ކަން އަދި އޮޕަރޭޝަންސް ޑައިރެކްޓަރު ކަމުގެ މަގާމު ހިމެނެ އެވެ.
ޝަރީފު އިސްތިއުފާދެއްވި ވަކި ސަބަބެއް ބޭންކަކުން ނުބުނެ އެވެ.