އެމްޑީޕީގެ ޕާލަމެންޓަރީ ގުރޫޕުގެ ލީޑަރަކަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އަދި ޗީފް ވިޕަކަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު އައްޔަންކޮށްފިއެވެ.
އެމްޑީޕީ ޕީޖީ ލީޑަރުގެ މަގާމަށާއި ޗީފް ވިޕްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި އިއުލާންގައި އެ ދެ މަގާމަށް ކުރިމަތިލާފައިވަނީ ވެސް ހަމައެކަނި އެ ދެ ބޭފުޅުންނެވެ.
މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީ ޕީޖީ ލީޑަރު ކަމުގެ މަގާމާއި ޗީފް ވިޕްގެ މަގާމަށް ހަމައެކަނި އެ ދެ ބޭފުޅުން ކުރިމަތިލާފައިވުމުން އިންތިހާބަކާ ނުލައި އެ މަގާމުތަކަށް އަސްލަމާއި ނިޒާރު ވަނީ އައްޔަންކޮށްފައެވެ.
ކުރިން އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ލީޑަރު ކަމުގެ މަގާމުގައި ހުންނެވީ ހިންނަވަރު ދާއިރާގެ ކުރީގެ މެމްބަރު އަދި މިހާރު ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާކުރައްވަމުން ގެންދަވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އަދި ކުރިން އެމްޑީޕީގެ ޗީފް ވިޕްގެ މަގާމު އަދާކުރައްވަމުން ގެންދެވީ މައްޗަންގޮޅި އުތުރު ދާއިރާގެ ކުރީގެ މެމްބަރު އަދި މިހާރު ޑިފެންސް މިނިސްޓަރުގެ މަގާމު އަދާކުރައްވަމުން ގެންދަވާ މާރިޔާ އަހްމަދު ދީދީއެވެ.