އެމްޑީޕީ

އެމްޑީޕީ ޕްރައިމަރީ: އިންތިހާބު އަލުން ބާއްވަންޖެހޭ ދާއިރާތަކުގެ ވޯޓުލުން އަންނަ ހުކުރު ދުވަހު

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް މިދިޔަ ހުކުރު ދުވަހު ބޭއްވި އެޕާޓީގެ ޕްރައިމަރީގައި އެކި ސަބަބުތަކާހުރެ އިންތިހާބު އަލުން ބާއްވަންޖެހޭ ދާއިރާތަކުގެ އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވަން ނިންމައިފިއެވެ.

އެމްޑީޕީން މިރޭ ބުނީ، އިންތިހާބު އަލުން ބާއްވަންޖެހޭ ދާއިރާތަކުގެ ވޯޓުލުން އޮންނާނީ ހުކުރު ދުވަހުގެ މެންދުރު 2:30 އިން ރޭގަނޑު 7:30 އަށް ކަމަށެވެ.

އެދުވަހު ޕްރައިމަރީގެ ވޯޓު އެއްވަރުވި ދާއިރާތަކާއި ޝަކުވާބަލާ ކޮމެޓީއަށް ހުށަހެޅުނު މައްސަލަތައް ބެލުމަށްފަހު އިންތިހާބު ބާއްވަން ފެންނަކަމަށް އެކޮމެޓީން ނިންމާފައިވާ ދާއިރާތަކުގެ ވޯޓުލުން ކުރިއަށްދާނެ ކަމަށް އެމްޑީޕީން ބުނެއެވެ.

އޭގެ އިތުރުން އެމްޑީޕީގެ ޕްރައިމަރީގައި ގއ. ރައްޔިތުން ވޯޓުލާ މަރުކަޒު، ކަލާފާނު ސްކޫލުގައި ހަމަނުޖެހުންތައް ބޮޑުވެ، ބާތިލުކުރި އެ އަތޮޅުގެ ނުވަ ރަށުގެ ޕްރައިމަރީގެ ވޯޓުލުން ވެސް ހުކުރު ދުވަހު އޮންނާނެއެވެ.

އެމްޑީޕީން ބުނީ، ނަތީޖާ ހަމަހަމަވެގެން އަލުން ޕްރައިމަރީ ބާއްވަންޖެހޭ ގޮނޑިތަކާއި ދާއިރާތައް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށެވެ.

މިދިޔަ ހުކުރު ދުވަހު ބޭއްވި އެމްޑީޕީ ގއ. ޕްރައިމަރީ ބާތިލް ކުރުމާއެކު އެ އަތޮޅުގެ ބައެއް ރަށްތަކުގައި ވޯޓު ކަރުދާސްތަކާއި ވޯތު ފޮށިތައް ނައްތާލުމުގެ ގޮތުން ވަނީ އަންދާލައިފައެވެ. އެކަމާ ގުޅިގެން އެމްޑީޕީއަށް ފާޑު ކިޔުން އަމާޒުވެފައިވާއިރު، އެޕާޓީގެ ރައީސް، ރައީސް ނަޝީދު ވިދާޅުވީ، އެކަމުގައި ގޯހެއް ނެތް ކަމަށާއި އެއީ މެމްބަރުން ޖޯޝުގައި ކުރައްވާ ކަންކަން ކަމަށެވެ.