އަސްލުލިޔުއްވީ : ޑޮކްޓަރ މުޙައްމަދު ރިޟަލް އިސްލާމު ނަދުވީ
ތަރުޖަމާކުރީ : އަބްދުﷲ ފާރޫޤުޙަސަން
މިޒަމާނުގެ ބައެއް މުފައްކިރުން ދެކެވަޑައިގަންނަވާ ގޮތުގައި އިސްލާމްދީނާއި ސިޔާސަތާ ދެމެދަކު އެއްވެސްކަހަލަ ތިމާގެ ކަމެއް ނެތެވެ. އިސްލާމްދީނާއި ސިޔާސީ ދާއިރާއަކީ މުޅީން ތަފާތު ދެދުނިޔެއެކެވެ. އިސްލާމީ ދައުލަތެއްގެ ނަން ދޭންޖެހޭ ނިޒާމެއްވެސް މިހާރަކު ނެތެވެ. އެފަދަ ބޭކަލުން އިސްލާމްދީނާއި ސިޔާސަތާމެދު ބައްލަވަނީ ހުޅަނގުގެ މީހުން ކްރިސްޓިޔަނިޓީ އާއި ސިޔާސަތާ ދެމެދު ބަލާ ނަޒަރުންނެވެ. އަނެއްކޮޅުން އިސްލާމީ ޤައުމުތަކުގައި މިހާރަކަށް އައިސް އުފެދިފައިވާ ސަރުކާރުތަކަކީ ވެސް އެއްވެސް ލަގަނެއް ނެތް ސަރުކާރުތަކެކެވެ. އަނިޔާވެރި، ގަދަ ބަދަވި، ގޮށްމުށު ބާރުގެ ސަރުކާރުތަކެކެވެ. އެސަރުކާރުތަކުގެ ސަބަބުން ވެސް އިސްލާމްދީނާއި އިސްލާމީ ނަޒަރިއްޔާތަކުގެ ސޫރަ އަންނަނީ ހުތުރުވަމުންނެވެ.
އިސްލާމްދީނުގެ ސިޔާސީ ނިޒާމާ ބެހޭގޮތުން ދުނިޔޭގެ ތަފާތު ބަސްބަހުން ވަނީ ފޮތްތައް ލިޔެވިފައެވެ. ނަމަވެސް މިމައިގަނޑު ނަމުގައި އުފެދޭ އާބަޙުޘްތަކާއި އާމައްސަލަތައް އެފޮތްތަކުގެ ދާއިރާއަށް ގެނެސްފައެއް ނެތެއެވެ. އަރަހުށި މާތްﷲ ޕްރޮފެސަރ މުހުސިން ޢުޘްމާނީ ނަދުވީއަށް ރަހުމަތް ލައްވާށިއެވެ. އޭނާ ވަނީ މި މުހިއްމު އަދި ނާޒުކު މައްސަލައިގެ ހުރިހައި އަރިއަރި މައްޗަކުން މައްސަލަޔަށް އަލިއަޅުވައިލައްވައިފައެވެ. އެއްވެސް ފަސްޖެހި ވަޑައިގަތުމެއް ވަންހަނާ ކުރެއްވުމެއްނެތި އިސްލާމީ މައުގިފު ރަނގަޅަށް ތަރުޖަމާކޮށް ދެއްވައިފައެވެ. މިޒަމާނުގެ އިސްލާމީ ސަރުކާރުތައް ފުރިހަމަޔަށް ވަޒަންކުރެއްވުމަށްޓަކައި ކިރުއްވައިފައެވެ. އެފޮތަކާމެދު ބަލައިލުމެއް ލިޔާން އަޅުގަނޑު މިއަދު ގަލަން ނަގައިގެން މިއުޅޭ ފޮތުގައެވެ.
ޕްރޮފެސަރ މުޙުސިން ޢުޘްމާނީ ނަދުވީ އަކީ މިޒަމާނުގައި ބައްރެޞަޣީރު (އިންޑިޔާ، ޕާކިސްތާނު، ބަންގްލާދޭޝްގައި) ގައި ތިއްބެވި ޢިލްމުވެރީންނާއި މުފައްކިރުންގެ ތެރެއިން އެބޭކަލެއްގެ ޢިލްމީ މަތިވެރި މަޤާމުގެ ސަބަބުންނާއި މައްސަލަތައް ދިރާސާކުރެއްވުމުގައި ތަޙްޤީޤީ ނަޒަރުން ބައްލަވާފުރިހަމަ ބެއްލެވުމުގެ ނަތީޖާއެއްގެ ގޮތުން އެންމެންގެ އިޙްތިރާމް ލިބިވަޑައިގެންހުންނެވި އެއް އިލްމުވެރިޔެކެވެ. ހަމައެއާއެކު އުންމަތާމެދު ކުލުނުވެރި ހިތްޕުޅެއް ގެންގުޅުއްވާ ބޭކަލެއްގެގޮތުންވެސް ފާހަގަ ކުރެއްވި މަޝްހޫރުވެވަޑައިގެންފައިވާ ބޭކަލެކެވެ. އޭނާއަކީ ބައިނަލް އަޤްވާމީ ދުނިޔޭގައްޔާއި، އުންމަތުގެ ދާޚިލީ ދާއިރާގައި، މިޒަމާނުގައި އިސްލާމީ އުންމަތަށްކުރިމަތިވެފައިވާ ހިތާމަވެރި، ހިތްދަތި ޙާލަތާމެދު ވޭނީ އަސަރުތަކެއް ހިތްޕުޅުގައި ހިނގާ ޢިލްމުވެރިޔެކެވެ. އޭނާގެ ކެކުޅުންތައް އޭނާގެންދަވަނީ ގަލަންކޮޅުގެ ޒަރީއާއިން ކަރުދާހުގައި ކުރައްސަވައި ޢާއްމުކުރައްވަމުންނެވެ. މިޒަމާނުގެ ޢިލްމުވެރީންނާއި މުފައްކިރުން އެއްބައިވަންތަ ކަމާއެކު އެއްޚިޔާލެއްގައި ތިއްބަވައިގެން އުންމަތުގެ މައްސަލަތައް ހައްލުކުރައްވަން މަސައްކަތް ކުރެއްވުމުގެ ބަދަލުގައި އެއްބޭކަލަކު އަނެއްބޭކަލަކާ ގަދަބައްޔަށް ހިއްޕަވައި އޮޅުލައިވަޑައިގަންނަވާތީ އޭނާ ވަރަށް ހިތާމަފުޅުކުރައްވައެވެ. އިސްލާމީ އުންމަތުގެ މިއަދުގެ ހާލަތާމެދު އޭނާ ވިދާޅުވާ ގޮތުގައި އިސްލާމީ ޤައުމުތަކުގެ ވެރީން އެބޭފުޅުން ޒިންމާ ފުރިހަމަޔަކަށް އަދައެއް ނުކުރައްވައެވެ.
އުންމަތުގެ އިލްމުވެރީންނާއި މުފައްކިރުންނަށް އެބޭކަލުންގެ ޙަޤީޤީ މަސައްކަތްޕުޅަކަށްވާންޖެހޭނީ ކޮންކޮންކަންތައްތަކެއްކަން އެންމެ ރަނގަޅަށް ވިސްނިވަޑައިގަންނަވާ ކަމަކަށެއް ނުބެލެވެއެވެ. އެހެންކަމުން އޭނާ އިސްލާމީ އުންމަތަށް ޚާއްޞަކޮށް މިއުންމަތުގެ މޮހުމާއި ގޮށްޖެހުމުގެ އަހްލުވެރީންނާއި ބަސްވިކޭ ފަރާތްތަކަށް ގޮވައިލައްވައި ވިއްކަވައި ހޭލެއްވޭތޯ ގެންދަވަނީ ނުހަނު ބުރަކޮށް މަސައްކަތްކުރައްވަމުންނެވެ. ކޮންފަރެންސުތަކާއި ސެމިނާރތަކަށް މަޤާލާތައް ހުށައެޅުއްވުމާއި، ޚާއްޞަ ޕްރޮގްރާމްތަކުގައި ވާހަކަ ދެއްކެވުމުގެ ޒަރީޢާއިންނެވެ. އިލްމީ އަގުބޮޑު ފޮތްތައްލިޔުއްވުމާއި، ނޫސްތަކާއި މަޖައްލާތަކުގައި ޝާއިއުކުރައްވާ މަޒުމޫނުތައް މެދުވެރިކުރައްވައެވެ. މިގޮތުން އޭނާ ގެންދަވަނީ އޭނާގެ ވާޖިބު އަދާކުރައްވަމުންނެވެ. ޕްރޮފެސަރ މުޙުސިން އުޘްމާނީ ނަދުވީއަށް ދެހާސްބާރަވަނަ އަހަރު ވަނީ "ދީނާއި ސިޔާސަތުގެ ތިމާގެކަން" މިމައިގަނޑު ނަމުގައި ޚާއްޞަ ޚިޠާބެއް ދެއްވުމުގެ ފުރުސަތު ލިބިވަޑައިގެންފައެވެ. ނިއު ދިއްލީގެ އިންސްޓިޓިއުޓް އޮފް އޮބުޖެކެޓިވް ސްޓަޑީޒުގައެވެ. އޭގެފަހުން ދެހާސް ސާދަވަނަ އަހަރު އޭނާއަށްވަނީ ޖުމްހޫރިއްޔަތާއި އިސްލާމްދީން" މިމައިގަނޑު ނަމުގައި ތަޤްރީރުކުރެއްވުމުގެ ނަސީބުވެސް ލިބިވަޑައިގެންފައެވެ. އަޢުޡަމްގަޅުގެ ޝިބްލީއެކެޑެމީގެ ދާރުލް މުސަންނިފީންގައެވެ. އެ ތަގްރީރުތަކަށްފަހު ވެސް އޭނާ މި މައުޟޫޢުގައި އިތުރަށް މުޠާލިޢާކުރައްވައި ދިރާސާކުރައްވަމުންގެންދެވިއެވެ. އެ މަސައްކަތްޕުޅުތައް މިހާރުމިވަނީ ފޮތެއްގެސިފަ ޚިޔާރުކޮށްފައެވެ. އާދެ، އޭނާމި މޭރުމުން ކުރެއްވި މަސައްކަތްޕުޅު މިވަނީ އަޅުގަނޑު އެފޮތެއްގެ މައްޗަށް ބަލައިލުމެއް މިލިޔާ ފޮތުގެ ސިފައިގައި ވުޖޫދަށް ގެންނަވައިފައެވެ.
މިއަގުބޮޑު ޢިލްމީފޮތް އެކުލަވާލައްވައިފައިވަނީ ތިންބާބެއްގެ މައްޗަށެވެ. އެންމެފުރަތަމަ ބާބުގެ ޢުންވާނަކީ "ދީނާއި ސިޔާސަތުގެ ގުޅުން" މިއެވެ. ޤާބިލު މުޞަންނިފު މިބާބުގައި ބާރުލައްވައި ވިދާޅުވެފައިވަނީ އިސްލާމްދީނަކީ ދީނާއި ދުނިޔެ އެކުވެލާމެހިފައިވާ ޖާމިއު ނިޒާމެއްކަމުގައެވެ. އިންސާނީ ހަޔާތުގެ ހުރިހާ ދާއިރާތަކެއްގައި ވެސް އިސްލާމްދީން އިންސާނާއަށް މަގުދައްކާ ކަމުގައެވެ. އިންސާނާގެ ހުރިހާ މައްސަލަތަކެއް ހައްލުކޮށްދޭ ކަމުގައެވެ. އޭގެތެރޭގައި އިޖްތިމާއި މައްސަލަތަކާއި ސިޔާސީ މައްސަލަތައްވެސް ހިމެނޭކަމުގައެވެ. ޕްރޮފެސަރ މުހުސިން މި ބަހުޘުގައި ފަނޑިޔާރުބަސް ކަމުގައި ބައްލަވައިފައިވަނީ މާތްﷲ ގެ ފޮތާއި އެކަލާނގެ ރަސޫލާގެ ބަސްފުޅުތަކެވެ. ހަމައެއާއެކު އިސްލާމީ އުންމަތުގެ އިހާއިފަހުގެ ދަންނަބޭކަލުންނާއި މުފައްކިރުންގެ ބަސްފުޅުތަކުންވެސް އޭނާވަނީ ދަލީލުގެންނަވައިފައެވެ. ކުރީގެ އިލްމުވެރީންގެ ތެރެއިން ޕްރޮފެސަރ މުޙުސިން އުޘްމާނީ ހަވާލާ ދެެއްވާ ޢިލްމުވެރީންނަކީ އައްލާމާ އަލްމާވަރުދީ އާއި، އަބޫ ޢުބައިދާ އާއި، ޤާޟީ އަބޫޔޫސުފާއި، އައްލާމާ އިބްނު ތައިމިއްޔާއެވެ. މިފަހުގެ ޢިލްމުވެރީންނާއި މުފައްކިރުން ކުރެ މަރްޖިޢުން ކަމުގައި ބައްލަވައިފައިވަނީ ޝަހީދު ހަސަނުލްބަންނާ އާއި، އައްލާމާ ސައްޔިދު ސުލައިމާނު ނަދުވީ އާއި، މައުލާނާ ސައްޔިދު އަބުލް އަޢުލާ އަލްމައުދޫދީއާއި، މައުލާނާ ސައްޔިދު އަބުލް ހަސަން އަލީ ނަދުވީއެވެ. އަރަހުށިމާތްﷲ މިއެންމެހައި ބޭކަލުންނަށް ރަހްމަތްލައްވާށިއެވެ.
ފޮތުގެ ދެވަނަ ބާބަކީ ވަރަށްބޯ ވަރަށްތަނަވަސް ބާބެކެވެ. ބާބުގެ މައިގަނޑުނަމަކީ "އިސްލާމްދީނުގެ ސިޔާސީ ނިޒާމް" އެވެ. ޤާބިލު މުޞަންނިފު މިބާބުގައިވަނީ އިސްލާމީ ސިޔާސީ ނިޒާމުގެ ހުރިހައިކުންނުތަކަކާއި ބައްޓަންތަކަކާއެކު ފުރިހަމަ ސޫރަ ދައްކަވައިދެއްވައިފައެވެ.
ޕްރޮފެސަރ މުޙުސިން އުޘްމާނީ ނަދުވީ ލިޔުއްވާ ގޮތުގައި "ޚިލާފަތެއް ޤާއިމުކުރުމުގެ އިސްލާމީގޮތަކީ ބައިޢަތެވެ ބައިއަތުހިފުމުގެ އުސޫލު ނިމުމަކަށްއައީ އިސްލާމީ އުންމަތުގެވެރީން ހުޅަނގުގެ ސިޔާސީ ނިޒާމު އިހްތިޔާރުކުރެއްވުމާ ހަމައިންނެވެ. (ސަފުޙާ 42-43) "އިސްލާމީވެރިކަމުގެ ނިޒާމަކީ ޖުމްހޫރިއްޔަތާ ކައިރި ނިޒާމެއްކަން ކަށަވަރެވެ. ނަމަވެސް އެނިޒާމަކީ ތުނޑުން ތުނޑަށް ބަލާއިރު ޔޫރަޕުގައި މިހާރު އާއްމުވެފައިވާ ޖުމްހޫރީ ނިޒާމެއް ނޫނެވެ. ހުޅަނގުގެ ނިޒާމުގައި އެންމެހައި ބާރުތަކެއް ހަވާލުކޮށްފައިވަނީ އާއްމުރައްޔިތުންނާއެވެ. އެބައިމީހުން ބޭނުންގޮތަކަށް ޤާނޫނުތައް ހެދިދާނެއެވެ. ދީނާވަޑިފަތިވެ ދީނާފުށުއެރިކަމުގައި ވިޔަސްވެހެވެ. އިސްލާމީ އުސޫލުގައި ވެރިކަމުގެ ބާރުތައް ފެށިގެން އަންނާންވާނީ އިންސާނާ ހެއްދެވިފަރާތުގެ ފުރަމާނަ އަމުރުފުޅުތަކުންނެވެ. (ސަފުޙާ 47-48) ޕްރޮފެސަރ މުޙުސިން ވިދާޅުވާގޮތުގައި އިސްލާމްދީނުގެ ސިޔާސީ ނިޒާމު ބިނާވާންޖެހޭނީ ޝޫރާއިއްޔަތުގެ މަތީގައެވެ. މަޝްވަރާގެ އުސޫލުގެ މަތީގައެވެ. އާދެ، މުސްލިމުންގެ މަޝްވަރާ އާއި ސިންތާގެ މަތީގައެވެ. ވެރީންނަކަށެއް ގޮތްދޫނުކޮށް ހިފެހެއްޓުމުގެ އިޚުތިޔާރެއް ނޯންނާނެއެވެ. އަދިކީއްތޯއެވެ. މުސްލިމު އުންމަތުގެ ބަސްވިކޭ ފިކުރީ ބޭކަލުންގެ މަޝްވަރާއަށް އެބައިމީހުން އަމަލުކުރުން ލާޒިމުވާނެއެވެ. ޕްރޮފެސަރ ވަނީ ވެރިޔެއްގެ ކިބައިގައިހުރުން އެދެވޭ ސިފަތަކާމެދު ވެސް ވަރަށް ތަފްސީލުކޮށް ބަޙުޘްކުރައްވައިފައެވެ. (ސަފްޙާ: 57-65).
ޕްރޮފެސަރ މުޙުސިން ޢުޘްމާނީ ދެކެވަޑައިގަންނަވާ ގޮތުގައި މީހެއްގެ މުޅި އުމުރަށްވެސް އެމީހަކު ވަލިއްޔުލް އަމުރަކަށް އިންތިޚާބުކުރެވިދާނެއެވެ. ހަަމައެފަދައިން ކަނޑައެޅޭ ވަކިމުއްދަތަކަށްވެސް މީހަކު ވެރިޔަކަށް އިންތިޚާބު ކުރެވިދާނެއެވެ. އެހެނީ ވަލިއްޔުލް އަމުރުގެ ދައުރުގެ ދިގު ކުރުމިނާބެހޭ ގޮތުން އިސްލާމީ ނިޒާމުގައި ސަރީހު ހުކުމެއް ބާވައިލައްވައިފައެއްނެތެވެ. އާޘާރުންވެސް ހުކުމެއް އައިސްފައެއް ނުވެއެވެ. (ސަފުޙާ 86-87) ޕްރޮފެސަރ ވިދާޅުވާގޮތުގައި އިސްލާމީ ދައުލަތެއްގައި ވެރިމީހާ ކުރާކަންކަމަށް ފާޑުކިޔުމަކީ ރައްޔިތުންނަށް ލިބިގެންވާ ޙައްޤެކެވެ. އެމީހުންގެ ކިބައިން ނިގުޅައިނުގަނެވޭނެ ޙައްޤެކެވެ. އިދިކޮޅު ޕާޓީތައް އުފެއްދުމަކީ ބަޔާންކުރެވުނު އަސްލުގެ ބިންގަލުގެ މަތީގައި ހުއްދަކަމެކެވެ. އެކަމަކު އިދިކޮޅު ޕާޓީއަކީ ހަަމަ އިދިކޮޅުވާންވެގެން އިދިކޮޅުވާ ބަޔަކަށް ވެގެންނުވާނެއެވެ. އިދިކޮޅުޕާޓީއިން އިދިކޮޅުވާންޖެހޭނީ ހަމަތަކުގެ މަތީންނެވެ. އުސޫލީކަންކަމުގައެވެ. (ސަފުޙާ: 71)
އިސްލާމީ ޖުމްހޫރިއްޔާތަކުގައި ދީނީމިނިވަންކަން އޮންނާން ޖެހެނީ ދީނީ އަސްލުތަކުގެ ގިއުގަނޑުގެ ތެރޭގައެވެ. ކައުސާހިބާ ސައްލަﷲއަލައިހި ވަސައްލަމަ އާއި އަލްޚުލަފާއުއްރާޝިދޫން ދައްކަވައިފައިވާ ރީތި ނަމޫނާއާ އެއްގޮތަވާގޮތުގެ މަތީންނެވެ. އެއަސްލުތަކާޚިލާފަށް ދީނީ ގޮތުން އެއްވެސް މީހެއްގެ ހިތުގައި ޖައްސައި ހިތްދަތިކޮށްގެންނުވާނެއެވެ. ޒިންމީންގެ ޙައްޤުތައް ފުރިހަމަޔަށް ރައްކާތެރިކޮށްދޭން ޖެހޭނެއެވެ. (ސަފުޙާ 104،105)
ޕްރޮފެސަރ މުހުސިން މިބާބުގައިވަނީ އިސްލާމްދީނުގައިވާ ޖިހާދުގެ ތަސައްވަރުގެ މައްޗަށްވެސް ކުރުގޮތަކަށް ޚިޔާލުފާޅުކުރައްވައިފައެވެ. އޭނާވިދާޅުވާގޮތުގައި އިސްލާމީ ވެރިކަމެއް ޤާއިމުކުރާން ޖެހޭނީ ނަބަވީ މަންހަޖުގައެވެ. ސަރުކާރަކުން އެމަންހަޖާފޭވެ އެމަންހަޖުން އެއްކިބާވެއްޖެނަމަ އެމަންހަޖަށް އަބުރާގެންނަން މުސްލިމުން އަޅާނުފައި މަސައްކަތްކުރާން ޖެހޭނެއެވެ. އަލްއިމާމު ހުސައިން ބިން އަލީ އާއި އައްޒުބައިރު ބުނުލް ޢައްވާމު (ރަޟިޔަﷲ އަންހުމާ) ވަނީ އެކަމަށްޓަކައި އެ ދެބޭކަލުންގެ ފުރާނަފުޅު ޤުރްބާންކުރައްވައިފައެވެ. އެދެ ބޭކަލުންގެ ނަމޫނާ އަސްލަކަށް ބައްލަވައިގެން އަލްއިމާމު އަބޫޙަނީފާ އާއި އަލްއިމާމު މާލިކު ވަނީ ނަބަވީމަންހަޖާ ޚިލާފުވާ އިސްލާމީ ސަރުކާރުތަކާ ދެކޮޅަށްކުރެވޭ އިންޤިލާބީ މަސައްކަތްތަކަށް ތާއިދުކުރައްވައި ޙިމާޔަތް ކުރައްވައިފައެވެ. އެކަންކަމަށް ފައިސާ ޚަރަދުކުރައްވައިފައެވެ.
ފޮތުގެ ތިންވަނަ ބާބު ޚާއްޞަކުރައްވައިފައި އިސްލާމީ އުންމަތުގެ މިއަދުގެ ހާލަތުގެ މައްޗަށްވާހަކަ ދެއްކެވުމަށެވެ. އެބާބުގެ ޢުންވާނަކީ " މިއަދުގެ އިސްލާމީ ދުނިޔެ އާއި އިސްލާމްދީނުގެ ސިޔާސީ ނިޒާމް" އެވެ. ގަދަރުވެރި މުޞަންނިފު މިބާބުގައިވަނީ ބާބުގެ މައިގަނޑުނަމަށް ވަރަށް ތަފްޞީލުކޮށް ބަހުޘު ކުރައްވައިފައެވެ. އޭނާ ވިދާޅުވާ ގޮތުގައި މިހާރަކު އިސްލާމީ އެއްވެސް ޤައުމެއްގައި އިސްލާމީ ނިޒާމު ތަންފީޒެއް ނުކުރެވެއެވެ. އިސްލާމީ ބައެއް ދައުލަތްތަކަކީ ވިރާޘީ ރަސްކަމެވެ. ހުރިހާ ޤައުމުތަކެއްގައިވެސް ހިނގަމުންދަނީ އިސްތިބްދާދީ ނިޒާމެވެ. ގޮށްމުށުބާރުގެ ވެރިކަމެވެ. އިންސާނީ ޙައްޤުތައް ފައިދަށުލެވެމުން ދަނީއެވެ. އިސްލާމްދީން ޙަޤީޤީމާނައިގައި ފަތުރައި، ދިރުވައި އާލާކުރަން މަސައްކަތްކުރާ ޖަމާއަތްތަކާއި ހަރަކާތްތަކާއި ޝަޚްޞިއްޔަތުތައް ގިންތިކުރަނީ ނިރުބަވެރީންކަމުގައެވެ. އެބައިމީނުން މައިތިރިކޮށް އަނގަލައްޕުވަން މަސައްކަތްކުރަމުން ގެންދަނީ އެންމެ ހަރުކަށިގޮތުގައެވެ. މުސަންނިފުވަނީ މިފަދަ ސަރުކާރުތަކާ ދެކޮޮޅަށް ބޭއްވޭ އެއްވުންތަކާއި ކުރެވޭ އިހްތިޖާޖުތަކާ ދެކޮޅަށް ފަތުވާ ނެރުއްވައި އެފަދަ ސަރުކާރުތައް ޙިމާޔަތްކުރައްވާ "ދަރުބާރީ ދަންނަބޭކަލުންނަށް" ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފައެވެ. ފިސާރިޔަކަށް ވަށިވަށީންދެއްވައިފައެވެ.
ކުރީންވެސް ދެންނެވިފަދައިން ޕްރޮފެސަރ މުހުސިން ޢުޘްމާނީ ނަދުވީ މި ބާބުގައި ވަނީ ވަރަށް ތަނަވަސްކޮށް ވަރަށް ތަފްޞީލުކޮށް ވާހަކަ ދައްކަވައިފައެވެ. އޭނާވިދާޅުވާގޮތުގައި އަނިޔާވެރިވެރީންނާ ދެކޮޅަށް ނުކުތުމަކީ ޖާއިޒުކަމެކެވެ. ހުއްދަކަމެކެވެ. އޭގެ ހެކި ދެއްކެވުމަށްޓަކައި އޭނާވަނީ ކީރިތި ޤުރްއާނާއި ސުންނަތުން ދަލީލުތައް ގެންނަވައި ފަނޑިޔާރުބަސްފުޅުތަކެއް ހާމަކޮށް ދެއްވާފައެވެ. އުންމަތުގެ ދަރަޖަމަތިވެރި އިމާމުންނާއި އާލިމުންގެ ބަސްފުޅުތަކުންވެސް ވަނީ އިތުރުހެކި ދައްކަވައިފައެވެ. ސަހާބީންނާއި ތާބިޢީންގެ ދައުރުގެ ނަމޫނާތައް ދައްކަވައި އޭނާގެ މައުޤިފުވަރުގަދަކުރައްވައިފައެވެ. ޕްރޮފެސަރ މުހުސިން ޢުޘްމާނީ ނަދުވީ ލިޔުއްވާގޮތުގައި ވެރީން ޖަވާބުދާރީކުރުވުމާއި، މަގުންނެއްޓިގެންދާނަމަ މަގަށް އަޅުއްވައި ސައްޙަ އިސްލާމީ ފިކުރު ދަމަހައްޓުވައި ތަންފީޒުކުރުވަން މަސައްކަތް ކުރެއްވުމަކީ އިލްމުވެރީންގެ ވާޖިބެކެވެ.
އެފޮތަކާ ބެހޭގޮތަކުން އަޅުގަނޑު މިވާހަކަ ދައްކާފޮތަކީ އިސްލާމްދީނުގެ ސިޔާސީ ނިޒާމުގެ ވަރަށް ފުރިހަމަ ތަޢާރުފެކެވެ. މިޒަމާނުގެ އިސްލާމީވެރީންގެ ހަޤީޤަތް ހާމަކޮށްދީ ރަނާއި ގިރިޓީ ވަކިކޮށްދޭ ފޮތެކެވެ. އަރަހުށި މާތްﷲ ޕްރޮފެސަރ މުހުސިން ޢުޘްމާނީ ނަދުވީއަށް ރަހްމަތް ލައްވާށިއެވެ. އޭނާ މިވަނީ އިސްލާމީ ޤައުމުތަކުގެ ވެރީންގެ ކުރިފުޅުމަތީގައި އެބޭފުޅުންގެ މޫނުފުޅު ބައްލަވައިލެއްވޭފަދަ މޫނުބަލާލޯގަނޑެއް ބަހައްޓައިދެއްވައިފައެވެ. ތިމާމެން އިސްލާހުވާން މަސައްކަތް ކުރެވޭފަދަމަގެއް ދައްކަވައިފައެވެ.
މިއަގުހުރިފޮތް ތާނަކުރަން އަޅުގަނޑު އަޒުމު ކަނޑައަޅަމެވެ.
ކަންފަހިކޮށްދެއްވުމާއި ތައުފީޤު ދެއްވުންއެދެނީ އެމަތިވެރި ޒާތުޕުޅެއްގެ ތަޤްދީރުގައިނުވާ އެއްވެސްކަމެެއް ދުވަހަކު ނުވާނެ ގަދަކީރިތިވަންތަ ޖައްލަރައްބީގެ ޙަޟުރަތުންނެވެ.