ދިވެހި ޕްރިމިއާ ލީގުގެ މިދިޔަ ސީޒަނުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބުން ފަސޭހަ މޮޅަކާއެކު މިސީޒަނުގެ ލީގު ނިންމާލައިފިއެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކްލަބު ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅުނު މެޗުން ޓީސީ މޮޅުވީ 5-1ގެ ނަތީޖާއަކުންނެވެ. އެ މެޗަށް ނުކުތް އިރުވެސް ޓީސީއަށް ވަނީ ލީގުގެ ތިންވަނަ ކަށަވަރުވެފައެވެ.
މިއަދު ކުޅުނު މެޗުގެ 17 ވަނަ މިނެޓުގައި ޓީސީން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. އަލީ އަޝްފާގު (ދަގަނޑޭ) ދިން ބޯޅައަކުން ޓީސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އިޝާން އިބްރާހިމް (ސައްޓު)އެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގްރީނުގެ ގޯލުގެ ތިރީ ކަނަކަށެވެ.
މެޗުގެ 28 ވަނަ މިނެޓުގައި ޓީސީން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ޓީސީއަށް ލިބުނު ޕެނަލްޓީއަކުން އެޓީމަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ދަގަނޑޭއެވެ. ޓީސީއަށް އެ ޕެނަލްޓީ ލިބިފައިވަނީ ގްރީނުގެ ޕެނަލްޓީ އޭރިއާ ތެރެއިން ދަގަނޑޭއަށް އާދިލް އަބްދުލް ރަހުމާން ކުރި ފައުލަކާ ގުޅިގެންނެވެ.
މެޗުގެ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ޓީސީން ވަނީ ތިން ލަނޑުގެ ލީޑެއް ހޯދައިފައެވެ. އިސްމާއީލް އީސާ (މެސީ) ދިން ބޯޅައަކުން ޓީސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ބިދޭސީ ފޯވަޑް މެލްކޮމް ކެސިއެސް ސްޓެވާޓެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 3-0ގެ ނަތީޖާއަކުން ޓީސީ ކުރީގައި އޮވެގެންނެވެ.
މެޗުގެ 78 ވަނަ މިނެޓުގައި ޓީސީން ވަނީ އެޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. ދަގަނޑޭ ދިން ބޯޅައަކުން ޓީސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މެސީއެވެ. ޕެނަލްޓީ އޭރިއާ ތެރެއިން މެސީއަށް ބޯޅަ ލިބުނު އިރު، އޭނާ ހުރީ ވަރަށް ހުސްކޮށެވެ.
މެޗުގައި ގްރީނުން ޖެހި ހަމައެކަނި ލަނޑު ފެނިގެންދިޔައީ މެޗުގެ 86 ވަނަ މިނެޓުގައެވެ. ގްރީނަށް ލިބުނު ޕެނަލްޓީއަކުން އެޓީމަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު އާރިފް (ބަކާ) އެވެ. ގްރީނަށް އެ ޕެނަލްޓީ ލިބިފައިވަނީ ޓީސީގެ ޕެނަލްޓީ އޭރިއާ ތެރެއިން އަލީ ޝަމާލް އަބްދުﷲއަށް ބިދޭސީ ޑިފެންޑަރު މަހުމޫދު ސަޔެދް މުހައްމަދު އަބްދުލްރާހިމް ކުރި ފައުލަކާ ގުޅިގެންނެވެ.
މެޗުގައި ޓީސީން ޖެހި ފަސްވަނަ ލަނޑު ފެނިގެންދިޔައީ މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށެވެ. ބިދޭސީ މިޑްފީލްޑަރު ޚަލީލް ގަމާލް އެލްބެޒާވީ ނަގައިދިން ހުރަހަކުން ޓީސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ދެވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިން ދަގަނޑޭއެވެ.
މިއަދުގެ މެޗަކީ ޓީސީ އާއި ގްރީނަށް ލީގުގެ އެންމެ ފަހު މެޗެވެ. ޓީސީން ލީގު ނިންމާލީ 21 މެޗުން ހޯދި 41 ޕޮއިންޓާއެކު ތިންވަނައިގައެވެ. އަދި ގްރީނުން ލީގު ނިންމާލީ 21 މެޗުން ހޯދި 29 ޕޮއިންޓާއެކު ފަސްވަނައިގައެވެ. ލީގުގެ އެއްވަނަ ކަށަވަރުކުރި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު 20 މެޗުން 51 ޕޮއިންޓް ހޯދާފައިވާ އިރު، ދެވަނަ ކަށަވަރުކުރި ކްލަބު އީގަލްސް އިން ވަނީ 20 މެޗުން 42 ޕޮއިންޓް ހޯދައިފައެވެ.