ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް ގެ ޑިރެކްޓާ އޮފް ކަސްޓަމްސް ސާވިސްގެ މަގާމަށް ގުލްނާޒް މާހިރު ހަމަޖައްސައިފި

އިބްރާހިމް ޒަކީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިރެކްޓާ އޮފް ކަސްޓަމްސް ސާވިސްގެ މަގާމަށް ގުލްނާޒް މާހިރު ހަމަޖައްސައިފި އެވެ.

މީގެ ކުރިން ގުލްނާޒު މަސއްކަތް ކުރައްވާފައި ވަނީ، އުރީދޫ މޯލްޑިވްސްގައެވެ. އެތާ އޭނާ މަސައްކަތް ކުރައްވާފައިވަނީ ކަސްޓަމާ ސާވިސްގެ އިސްވެރިއެއްގެ ގޮތުގައެވެ.

ބީއެމްއެލް އިން ބުނީ އެބޭންކާ ގުލްނާޒް ގުޅި ވަަޑައިގެންނެވިއިރު، އޭނާ ވަނީ އެ ދާއިރާގައި 13 އަހަރު ދުވަހު މަސައްކަތް ކުރައްވައި ތަޖުރިބާ ހޯއްދަވާފައި ކަމަށެވެ. އޭގެ އިތުރުން ޑިޖިޓަލް ޓްރާންސްފޮމޭޝަން އާއި ރެވެނިއުގެ ދާއިރާގައި ވެސް ގުލްނާޒް މަސައްކަތް ކުރައްވާފައިވާ ކަމަށް ބޭންކުން ބުނެފައިވެއެވެ.

ބޭންކުން ބުނީ، ގުލްނާޒް އަކީ އިކޮނޮމިކްސް އެންޑް ފައިނޭންސް ގެ ދާއިރާއިން ޔުނިވާސިޓީ އޮފް ބްރިސްޓަލް އިން މާސްޓާސް ޑިގުރީ ހާސިލް ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓާ ޓިމް ސޯޔާ ވިދާޅުވެފައިވަނީ، ގުލްނާޒް އެ ބޭންކާ ގުޅިވަޑައިގަތުމަކީ ވަރަށް އުފާވާކަމެއް ކަމަށާއި، ސްޓްރެޓަޖިކް އަމާޒަކާއެކު ކަސްޓަމަރުންގެ އެކްސްޕީރިއެންސް ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އަލަށް އުފެދުނު ކަސްޓަމާ ސާވިސް ޑިރެކްޓަރުގެ މަގާމުން ދައްކުވައިދެނީ ބޭންކުން ކަސްޓަމާ ސާވިސް ސްޓޭންޑަޑު ރަނގަޅު ކުރުމަށް ކުރާ މަސައްކަތް. ގުލްނާޒްގެ ތަޖުރިބާއާއި އެކު ބޭންކަށް ހެޔޮބަދަލުތަކެއް އަންނާނެކަމަށް އަޅުގަނޑު ޔަގީންކުރަން،" ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓާ ވިދާޅުވިއެވެ.