އިންޓަނޭޝަނަލް ޔޫތު ކޮމެޓީ (އައިވައިސީ) އިން ބާއްވާ ސައުތު އޭޝިއަން ޔޫތު ސަމިޓް (ސޭސް 2018) އަށް ރާއްޖެއިން ފުރާ ޑެލިގޭޓުންނާ ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ މިނިސްޓަރު އަހުމަދު މަހްލޫފު ބައްދަލު ކުރައްވައިފިއެވެ.
ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މަހްލޫފް ވިދާޅުވީ ވަޒީރު ކަމާ ހަވާލުވީ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީއަށް ވީމައެވެ. އަދި ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއަށް ކުރާ އުންމީދު ވަރަށް ބޮޑު ކަމަށްވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
މީގެ ކުރިން ނުވަ އަހަރު ޔޫތު މިނިސްޓްރީގައިވެސް މަސައްކަތް ކޮށްފައިވާކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ މިހާރު އާދެވިފައިވާ ހިސާބަށް އާދެވުނީ ޔޫތު އެކި ޕްރޮގްރާމްސްތަކުން ލިބިފއިވާ ތަމްރީން ތަކުންނެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ކޮމިއުނިޓީ އެމްޕަވަރު ކޮށް އެންޖީއޯސްތަކަށް ބޭނުންވާ ސަޕޯޓް އެންމެ ފުރިހަމަ އަށް ލިބެން ރައީސުލްޖުމްހޫރިއްޔާވެސް ބޭނުންފުޅުވާ ކަމަށެވެ.
މިނިސްޓަރު މަހްލޫފު ވިދާޅުވީ ރައީސް އޮފީހުން ހުއްދަ ލިބިވަޑައިގަންނަވާނަމަ ސޭސް 2018 ގައި ބައިވެލައްވާނެ ކަމަށެވެ.
ބައްދަލު ވުމުގައި ވާހަކަ ދައްކަވުން ރީޖަނަލް އެލައެންސް ފޯ ފޮސްޓެރިން ޔޫތް (ރަފީ) ގެ ފައުންޑިން ޕްރެޒިޑެންޓް އަދި އައިވައިސީގެ ވެސް ނައިބު ރައީސާ ރަފިއްޔާ ވިދާޅުވީ، މި އަހަރުގެ ސޭސްގައި ރާއްޖެއަށް ހަތް އެވޯޑެއް ލިބޭ ގޮތަށް މިހާރު ހަމަޖެހިފައިވާއިރު ކޮންފެރެންސްގައި އެކި ގޮތްގޮތުން ފާހަގަ ކޮށްލެވޭ ފަރާތްތަކަށް ވެސް އެވޯޑު ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި މީގެ އިތުރުން މިއަހަރުވެސް ރާއްޖެއަށް ބެސްޓް ކަންޓްރީ އެވޯޑް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރަފީ ފާހަގަ ކުރެއްވިއެވެ.
މިއަދު ޔޫތު ސެންޓަރުގައި ބޭއްވި ބައްދަލުވުމުގައި ޔޫތު މިނިސްޓްރީގެ އިސް އޮފިޝަލުންނާއި، ރަފީ ޖަމިއްޔާގެ އެކްސްކޯ އަދި ސޭސް ޓީމްގެ ލީޑަރުން ވަނީ ބައިވެރިވެފައެވެ.