އިބްރާހިމް ޒަކީ
ހުސްވި އަހަރު ފައިދާގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް އަށް 962 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ބޭންކުން ބުނެފިއެވެ.
ހުސްވި އަހަރުގެ އެ ބޭންކުގެ ވިޔަފާރިތަކާ ބެހޭ ބައެއް މައުލޫމާތު އާއްމުކޮށް މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ 2019 ވަނަ އަހަރުގެ އޮޑިޓް ނުކުރާ މާލީ ހިސާބުތަކަށް ބަލާއިރު ހިންގުމުގެ ފައިދާ 2018 ވަނަ އަހަރާ އަޅާބަލާއިރު %2 އިތުރުވެފައިވާ ކަމަށެވެ.
އަދި ޓެކްސް އަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 962 މިލިއަން ރުފިޔާ ލިބިފައިވާއިރު، ހިންގުމުގެ ހަރަދާއި ޕްރޮވިޝަން ޗާރޖު އިތުރު ވެފައިވާތީ ކުރިންވެސް ލަފާކުރެވުނު ފަދައިން މިއީ ކުރީ އަހަރާ އަޅާބަލާއިރު ދަށް އަދަދެއް ކަމަށް ވެސް ބުނެފައިވެއެވެ.
ނޫސް ބަޔާނުގައި ބުނެފައިވަނީ، 2019 ވަނަ އަހަރުގެ ފަހު ކުއާޓަރުގެ ނަތީޖާ ދައްކާ ގޮތުން ޓެކްސް އަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 209 މިލިއަން ރުފިޔާ ހޯދައި މިދިޔަ އަހަރު ނިންމާލާފައި ވަނީ ކާމިޔާބު ކަމާއެކު ކަމަށެވެ. އަދި ހިންގުމުގެ ހަރަދާއި އިންވެސްޓްމަންޓް އަދި ޕްރޮވިޝަން ޗާޖު އިތުރުވެފައިވީ ނަމަވެސް ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުންވެސް ރަނގަޅު ފައިދާއެއް ހޯދާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
ބޭންކުގެ އެސެޓް 491 މިލިއަނާ ހަމަޔަށް އިތުރުވެފައިވާއިރު ބޭންކުގެ ރައުސްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ގާނޫނުން ލާޒިމްކުރާ މިންވަރަށް ވުރެ މަތީގައި ހިފެހެއްޓިފައި ކަމަށްވެސްް ބުނެފައި ވެއެވެ.
ބޭންކުން ބުނީ ފަހު ކުއާޓަރުގައި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މާލެ އާއި ހުޅުމާލޭގައި ބިޒްނަސް ސެންޓަރު ހުޅުވި ކަމަށެވެ. އަދި ފަސޭހަކަމާއެކު ކަސްޓަމަރުންނަށް ފައިިސާގެ މުއާމަލާތް ކުރެވޭނެ ހިދުމަތްތައް ވެސް ތައާރަފު ކޮށްފައި ވާ ކަމަށެވެ. ބޭންކުގެ ހިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ނ. ވެލިދޫގައި ބްރާންޗެއް ގާއިމްކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
ބޭންކުން ބުނީ، ހުސްވި އަހަރު އެ ބޭންކުން ދޫކޮށްފައިވާ ލޯނުގެ އަދަދު އިތުރުވެ، ވިޔަފާރީގެ މައިގަނޑު ދާއިރާތަކުން ހޯދުނު ކާމިޔާބާއެކު ބޭންކުގެ ބެލެންސް ޝީޓަށް ތިން ބިލިއަން ރުފިޔާގެ ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ.
ބީއެމްއެލްއިން ބުނީ ބޭންކުން ކުރިޔަށްގެންދާ 'އަހަރެންގެ ބޭންކު' ޕްރޮގްރާމްގެ ދަށުން ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން މުޖުތަަމައަށް ފައިދާ ހުރި ޕްރޮޖެކްޓް ތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. ކޮމިއުނިޓީ ފަންޑުގެ ދަށުން އަހަރުގެ ފަހު ކުއާޓަރުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޖުތަމައަށް ފައިދާ ކުރަނިވި 10 ޕްރޮޖެކްޓް ހިންގުމަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށްވެސް ބުނެފައި ވެއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ 60 ފަރާތްތަކަށް ބީމޮޓޮރައިޒްޑް ވީލްޗެއާ ހަދިޔާކޮށްފައިވާނެ ކަމަށްވެސް ބޭންކުން ބުނެއެވެ.
"މިއަހަރުވެސް އަޅުގަނޑުމެންގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެވިގެންދާނެ. މިގޮތުން އިތުރުވަމުން އަންނަ ކަސްޓަމަރުންގެ ޑިމާންޑަަށް ބަލައި، ކަސްޓަމަރުންނަށް ފުރިހަމަކަމާއި ފަސޭހަމަކާ އެކު ބޭނުން ކުރެވޭނެ ހިދުމަތް ދިނުމަށް ޓެކްނޮލޮޖީ އަށް އިންވެސްޓް ކުރެވިގެންދާނެ. މި ކުއާޓަރުގައި އިތުރު ސެލްޕް ސާވިސް ބޭންކިން ސެންޓަރުތައް ގާއިމް ކުރެވިގެންދާނެ. އަދި އެކައުންޓް އޯޕަނިން ސެންޓަރަކާއި ލޯނު ސެންޓަރެއްވެސް ހުޅުވިގެންދާނެ. މީގެ އިތުރުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ދޫކުރާ ލޯނާއި ފައިނޭސިން ޕްރޮޑަކްޓްތަކަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެ،" ހުސްވި އަހަރު ބީއެމްއެލްއިން ނެރުނު ނަތީޖާ އާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވިއެވެ.
ބީއެމްއެލްއިން ބުނީ މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 51 ސެލްފްސާވިސް ބޭންކިން ސެންޓަރު، 115 އޭޓީއެމް، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު އެ ބޭންކުގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި، ވިޔަފާރިތަކާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.