ސްރީލަންކާ

ލަންކާ އިން ޗައިނާ ފަތުރުވެރިންނަށް ދެމުން އައި އޮން އެރައިވަލް ވިސާ ވަގުތީ ގޮތުން މެދުކަނޑާލައިފި

މަރިޔަމް ޝަހުދާ

5

ސްރީލަންކާ އިން ޗައިނާ ފަތުރުވެރިންނަށް ދެމުން އައި އޮން އެރައިވަލް ވިސާ ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.

ލަންކާގެ ހެލްތު މިނިސްޓަރު ޕަވިތުރަ ވިނެޔާރައްޗި ލަންކާގެ ނޫސްތަކަށް މައުލޫމާތު ދެއްވި ގޮތުގައި ޗައިނާގެ ފަތުރުވެރިންނަށް ވިސާ ދޫކުރުން މެދުކަނޑާލާފައިވަނީ މުއްދަތެއް ނެތް ގޮތަށެވެ. މިއީ ލަންކާއިން ކޮރޯނާ ވައިރަސް ފެނުމާއެކު އެގައުމުން ސަލާމަތީ ކަންކަން ހަރުދަނާ ކުރުމަށް އެޅި ފިޔަވަޅެކެވެ.

މި މައްސަލައިގައި މިހާރު ލަންކާގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ އަދި ލަންކާގެ ރައީސް އެކުލަވާލައްވާފައިވާ ހާއްސަ ޓާސްކްފޯސް އަދި ލަންކާގެ އިމިގްރޭޝަންގެ ކޮންޓްރޯލާ އާއި މަޝްވަރާ ކުރަމުން އަންނަ ކަމަށް ލަންކާގެ ހެލްތު މިނިސްޓަރު ޕަވިތުރަ ވިނެޔާރައްޗި އެ ގައުމުގެ ނޫސްތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

މީގެ އިތުރުން ކުރިއަށް އޮތްތާގައި ލަންކާއިން ޗައިނާގެ ރައްޔިތުންނަށް ވިސާ ދޫކުރަން ނިންމާފައިވަނީ ލަންކާއަށް ދަތުރުކުރާ ސަބަބާއި، އެނާ ދަތުރުކުރަނީ ކޮން ސަރަހައްދަކުންކަން ރަނގަޅަށް ބެލުމަށްފަހު ކަމަށް ވެސް ލަންކާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައި ވެއެވެ.

ފުރާ މީހުން ނޫން އިތުރު މީހުންނަށް ލަންކާ އެއާޕޯޓަށް ވެސް ނުވަދެވޭ ގޮތަށް ސެކިއުރިޓީ ވަނީ ވަރުގަދަ ކޮށްފައި ކަމަށް ލަންކާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައި ވެއެވެ. އަދި ޗައިނާގެ ބެއިޖިންގައި ހުންނަ ލަންކާގެ އެމްބަސީއާ ހަވާލާދީ އެގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ފާއިތުވި ދެ ދުވަސް ތެރޭ ޗައިނާގައި ކިޔަވަން ތިބި ލަންކާގެ 204 ދަރިވަރުން ވަނީ ޗައިނާ ދޫކޮށް އެނބުރި ލަންކާއަށް ދަތުރު ކޮށްފައެވެ.

ސްރީލަންކާއިން އިއްޔެ ކޮރޯނާ ވައިރަސްއަށް މީހަކު ޕޮޒިޓިވް ވެފައި ވަނީ އިއްޔެ އެވެ. މި ވައިރަސް ފެނިފައިވަނީ ބައްޔަށް ޝައްކު ކުރެވިގެން ލަންކާގެ އިންފެކްޝަސް ޑިޒީސް ހޮސްޕިޓަލް (އައިޑީއެޗް)ގައި އެޑްމިޓް ކުރި 43 އަހަރުގެ ޗައިނާ އަންހެނެއްގެ ހަށިގަނޑުންނެވެ. ލަންކާގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ އެގައުމުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި އެ އެއަންހެންމީހާ އަކީ ޗައިނާގެ ހުބޭ ޕްރޮވިންސުން އެތެރެވި މީހެކެވެ.

ކޮރޯނާ ވައިރަސް ފެތުރުނަ ނުދިނުމަށް ލަންކާއިން ފިޔަވަޅު އަޅަމުން އަންނަ އިރު ރާއްޖެއިންވެސް އަންނަނީ ރާއްޖެއިން އެ ބަލި ފެނިދާނެ ކަމަށް ތައްޔާރު ވަމުންނެވެ. އެގޮތުން ލަންކާއެކޭ އެއްފަދައިން ރާއްޖެއިންވެސް ވަނީ އެއާޕޯޓުގައި ތާމަލް ކެމެރާ ހަރުކޮށް ރާއްޖެއަށް އެތެރެވާ، އަދި ބޭރުވާ މީހުން މޮނިޓާ ކުރަން ފަށާފަ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟