ދުނިޔޭގައި މިހާރު ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވޭ ދެމީހަކު ކޮލަމްބޯއިން ފެނިއްޖެއެވެ.
މިދެމީހުންގެ ތެރޭ ޗައިނާ ރައްޔިތެއް ހިމެނޭ ކަމަށާއި މި ދެމީހުންވެސް އެ ވައިރަސް އަށް ޝައްކު ކުރެވުމުގެ ސަބަބުން ލަންކާގެ އިންފެކްޝަސް ޑިސީސް ހޮސްޕިޓަލް، އައިޑީއެޗްގައި އެޑްމިޓްކޮށްފައިވާ ކަމަށް ލަންކާގެ ނޫސްވެރިޔާ އައްޒާމް އަމީން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައި ވެއެވެ.
މިދެމީހުންގެ މެޑިކަލް ސާމްޕަލް މިހާރު މި ވައިރަސްއަށް ޓެސްޓު ކުރުމަށް މެޑިކަސް ރިސާޗް އިންސްޓިޓިއުޓަށް ފޮނުވާފައިވާ ކަމަށް ވެސް އައްޒާމް ބުނެފައިވެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކަށް ހަލުވިކޮށް މި ވައިރަސް މިހާރު ފެތުރެން ފަށާފައިވާއިރު އާންމުކޮށް ދިވެހިން ދަތުރު ކުރާ ގައުމުތަކަށްވެސް މި ވައިރަސް މިހާރު ވަނީ ފެތުރެން ފަށާފައެވެ. އެގޮތުން ތައިލެންޑު، އޮސްޓްރޭލިއާ، މެލޭޝިއާ، ސިންގަޕޫރު އަދި ނޭޕާލުން ވެސް މިވައިރަސް ފެނިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ލަންކާއިން މި ބައްޔަށް ޝައްކު ކުރެވޭ ދެމީހަކު ފެނިފައިވާއިރު އަވަށްޓެރި އިންޑީއާއިންވެސް ވަނީ މި ބައްޔަށް ޝައްކު ކުރެވޭ ތިން މީހުން ފެނިފައެވެ.
ކޮރޯނާ ވައިރަސް ކޮންޓްރޯލް ނުވެ ފުތުރެން ފަށާފައިވާއިރު ހުރިހާ ގައުމުތަކުން ވެސް ވަނީ ވައިރަސް ފެތުރުން ހުއްޓުވުމަށް ފިޔަވަޅުތައް އަޅަން ފަށާފައެވެ. ރާއްޖެއިން ވެސް ވަނީ މި ކަމަށް ތައްޔާރުވެފައި ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ބައިނަލްއަގުވާމީ ވައިގެ ބަނދަރުގައި ތާމަލް ކެމެރާ ބޭނުންކޮށް އެތެރެވާ މީހުންގެ ހާލަތު ބެލުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މީގެ އިތުރުން ކަރަންޓީން ފެސިލިޓީ ވެސް ތައްޔާރީ ހާލަތަކަށް ގެނެސްފައިވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.