އެމްޑީޕީ

އެމްޑީޕީ މީހުންނަކީ ހެނދުނު ފެންނަ ބައެއް ނޫން، 2012ގެ ވެރިކަން ވެއްޓުނީވެސް އެހެންވެގެން: މާރިއާ

އިބްރާހިމް ޒަކީ

14

އެމްޑީޕީ މީހުންނަކީ އާއްމު ގޮތެއްގައި ހެނދުނު ފެންނަ ބައެއް ނޫން ކަމަށާއި 7 ފެބްރުއަރީ 2012 ގައި އޮތް އެމްޑީޕީގެ ފުރަތަމަ ވެރިކަން ވެއްޓިގެން ދިޔައީވެސް އެހެން ވެގެން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ދާއިރާތަކަށް ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންގެ މެނިފެސްޓޯ ތައްޔާރު ކުރުމަށް، ދަރުބާރު ގޭގައި މިއަދު ކުރިއަށް ގެންދާ މަސައްކަތު ބައްދަލުވުން ހުޅުއްވައި ދެެއްވުމުގެ ގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ، ހަތެއް ފެބްރުއަރީގައި އެމްޑީޕީގެ ސަރުކާރު ވެއްޓިގެން ދިޔައީ ހެނދުނު ދަޅައިގައި ޖެހި އެޓެމްޓަކުން ކަމަށާއި އެހެން ނޫންނަމަ އެމްޑީޕީގެ ފޯރީގައި ހުރިހާ ރައްޔިތުން ނުކުމެ ސަރުކާރު ވެއްޓުނަ ނުދޭނެ ކަމަށެވެ.

"އެމްޑީޕީ މީހުންނަކީ އާއްމު ގޮތެއްގައި ހެނދުނު ފެންނަ ބައެއް ނޫން، އަޅުގަނޑު އަބަދު ވެސް ދައްކާ ވާހަކައެއް ހަތެއް ފެބްރުއަރީގައި ވެސް އެމްޑީޕީގެ ސަރުކާރު ވެއްޓިގެން ދިޔައީ ހެނދުނު ދަޅާގައި އެޖެހި އެޓެމްޓަކުންނޭ، އެހެން ނޫން ނަމަ ހަމަ ސީދާ ހުރިހާ ރައްޔިތުން އެމްޑީޕީގެ މި ފޯރީގައި ނުކުމެ އެ ސަރުކާރު ވެސް ވެއްޓުނަކަ ނުދޭނެ،" މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ އެމްޑީޕީގެ ސައިޒުގައި ފެނިގެންދަނީ ކެމްޕެއިން ތަކުގެ ތެރެއިން ކަމަށެވެ. އެހެންކަމުން މިހާރު ހުސްއެކަނި މާލޭގެ ކެމްޕެއިން ޓީމަށް ބެއްޔަސް އެއަދަދަށް މުޅި ރާއްޖޭގެ ކެމްޕެއިނަށްވެސް މީހުން ނުނެރެވޭނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސިޔާސީ ކަންކަމުގައި އިދިކޮޅު ފަރާތުގެ ބައިވެސް ކުޅެނީ އެމްޑީޕީން ކަމަށާއި، ފާޑުކިޔައި އެމްޑީޕީ މީހުން ޒިންމާދާރު ކުރުވަނީވެސް އެމްޑީޕީ މީހުން ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ގައުމު ހަމަ މަގަށް އަޅުވަން އެހެން ބަޔަކު ބޭނުން ނުވާކަން ރައްޔިތުން ގަބޫލު ކުރާކަން އެކަމުންވެސް އެނގިގެންދާ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟