ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ގއ. ވިލިނގިލީ ބްރާންޗު ފަޅާލި މައްސަލައިގައި އިއްޔެ ހައްޔަރުކުރި ހަތް މީހުންގެ ބަންދުގެ މުއްދަތު ޖަހައި، އެ މައްސަލައިގައި އިތުރު ބަޔަކު ހައްޔަރުކޮށްފިއެވެ.
އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ޖަހާފައިވަނީ ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުންނެވެ.
އެ މައްސަލައިގައި ފަސް މީހަކު 15 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް މުއްދަތު ޖަހާފައިވާ އިރު، ދެ މީހަކު ހަތް ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް ވަނީ މުއްދަތު ޖަހައިފައެވެ.
މިދިޔަ ހޯމަ ދުވަހުގެ ފަތިހު ބީއެމްއެލްގެ ވިލިނގިލީ ބްރާންޗުގެ ފުރާޅު ހަލާކިކޮށްލައިގެން އެތަނަށް ވަދެ ގިނަ އަދަދެއްގެ ފައިސާ ނެގި މައްސަލައިގައި ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދު އިތުރު ހަތަރު މީހަކު ހައްޔަރުކޮށްފައެވެ. އެ މީހުންގެ ތެރެއިން އެކަކީ ބަނގުލަދޭޝްގެ ރައްޔިތެކެވެ.
ފުލުހުން ބުނީ އެ އިދާރާއަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފަޅު ގޯއްޗެއް ބަލާ ފާސްކުރުމުގެ ތެރެއިން އެ މައްސަލައާ ގުޅުން ހުރި ކަމަށް ބެލެވޭ ގޭސް ކަޓަރެއް ފެނިފައިވާ ކަމަށެވެ.