ކޮލަމް

ކޮމާކޯޅި ކޮލަމް: ރައީސް އިބޫ؟ ރައީސް ސޯލިހު؟ ރައީސް އިބްރާހީމް؟ ކިޔަންވީ ކިހިނެއް؟

ސިނާން އަލީ

2

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ނަންފުޅު ކުރުކޮށް ބޭނުންކުރާނެ ގޮތަކާ މެދު މީގެ 15 ވަރަކަށް ދުވަސް ކުރީން ޕްރިންޓު މީޑިއާގެ ރާއްޖޭގެ ސީނިއަރ ބައެއް އެޑިޓަރުންގެ ޚިޔާލު އަޅުގަނޑު ހޯދީމެވެ. އޭގެ ތެރޭގައި މިހާރު ނޫހުގެ އެޑިޓަރު މޫސާ ލަތީފު އަދި ސަން ގެ އެޑިޓަރު އަހުމަދު ޒާހިރު މުހައްމަދު (ހިރިގާ) ހިމެނެ އެވެ. އެ ދެބޭފުޅުންގެ އިތުރުން ވީމީޑިއާގެ ސީއޯއޯ މުހައްމަދު އާސިފު (މޮންދު) އެ ކަމާ މެދު ދެކިވަޑައިގަންނަވާ ގޮތް ވެސް ސާފުކޮށްލީމެވެ.

އަޅުގަނޑުމެން އެންމެންނަށް ވެސް ގަބޫލުކުރެވުނީ، ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމަށް ފަހު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ނަންފުޅު އެއް ގޮތަކަށް ހުރިހާ މީޑިއާތަކުން ބޭނުންކުރުން މުހިންމު ކަމަށެވެ.

އިންތިޚާބުގެ ކުރީން އަޅުގަނޑުމެން އެންމެވެސް ބޭނުން ކުރަމުން އައީ "އިބޫ" އެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު "އިބޫ" އެވެ. އިއްތިހާދުގެ ކެންޑިޑޭޓް "އިބޫ" އެވެ. އިބޫ އިންތިޚާބު ކާމިޔާބު ކުރެއްވުމުން ދެން ކިޔަމުން އައީ "އިންތިޚާބީ ރައީސް އިބޫ" ނުވަތަ "އިންތިޚާބީ ރައީސް ސޯލިހު" އެވެ. އެކި މީޑިއާތަކުން އެކި ގޮތަށެވެ.

ވާހަކަދައްކައިލެވުނު އެޑިޓަރުންގެ ޚިޔާލު ތަކަށް ބަލާ އިރު، މޫސާ ލަތީފު ވިދާޅުވީ އިބޫ އަކީ ވަނަމަކަށް ވާތީ އެނަން ރައީސުލްޖުމްހޫރިއްޔާ އަށް މުޚާތަބު ކުރަން ރަނގަޅު ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މި މައްސަލައިގައި އަވަހަށް ގޮތެއް ނިންމެވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް މޫސަ ވިދާޅުވި އެވެ.

އެޑިޓަރު ހިރިގާގެ ޚިޔާލު ތަފާތެވެ. އޭނާ ވިދާޅުވީ، ރައީސް ކަމަށް ވަޑައިގަންނަވާ ބޭފުޅުން އެބޭފުޅުން މަގުބޫލުކަން ހޯއްދެވި ނަން ނުވަތަ ބްރޭންޑް ރައީސް ކަމަށް ވަޑައިގަތުމަށް ފަހު ވެސް ބޭނުންފުޅުކުރެއްވުމަކީ މައްސަލައެއް ނޫން ކަމަށާއި އެ ބްރޭންޑް ދަމަހައްޓަވަން ބޭނުންފުޅު ނަމަ އެކަން ކުރެއްވުމުގައި މައްސަލައެއް އޮތް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ.

މޮންދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ހޮވިވަޑައިގަތުމުގެ ކުރީން ވަނަން ބޭނުންކުރި ނަމަވެސް، ހުވާކުރެއްވުމަށް ފަހު ވަނަމުން މުޚާތަބުކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައީސުލްޖުމްހޫރިިއްޔާ ކަމަށް އިންތިޚާބުވެވަޑައިގެންނެވި ފަހުން، ކުރު ނަންފުޅެއްގެ ގޮތުގައި "ސޯލިހު" ބޭނުންކުރަން އެންމެ ފުރަތަމަ ފެއްޓެވީ ރާއްޖެ ޓީވީން ކަމަށް ބެލެވެ އެވެ. އެހެން ނަމަވެސް އެއީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެގޮތަށް ބޭނުންފުޅު ވެގެން ކަމެއް ނޭނގެ އެވެ. އެއަށް ފަހު ރައީސްގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވެސް ބޭނުންކުރައްވަމުން ގެންދެވީ "ރައީސް ސޯލިހު" މި ގޮތަށެވެ. ރާއްޖެ ޓީވީ އާއި މާރިޔާ "ސޯލިހު" ކުރު ނަންފުޅެއްގެ ގޮތުގައި ބޭނުންކުރީ އެއީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބޭނުންފުޅުވާ ގޮތް ކަމަށް ވާތީ ކަމަށް ވެސް ވުން އެކަށީގެންވެ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އާއިލާގައި އެއްބަނޑު އެއްބަފާފުޅު ތިއްބެވީ 13 ބޭފުޅުންނެވެ. އޭގެ ތެރެއިން އެއް ބޭފުޅަކު ވަނީ ދާދި ފަހުން ނިޔާ ވެފަ އެވެ. ސޯލިހު އެއީ އެބޭފުޅުންގެ ކާފާފުޅުގެ ނަންފުޅެވެ. މުހައްމަދު އެއީ ބައްޕާފުޅުގެ ނަންފުޅެވެ. ބައެއް ބޭފުޅުންގެ ނަންފުޅުގައި ބައްޕާފުޅާއި ކާފާފުޅުގެ ނަންފުޅު އޮތަސް، އެބޭފުޅުންގެ ތެރެއިން މަރިޔަމް ނާޒްލީ (މިހާރު ދުނިޔޭގައި ނެތް) އިން ފެށިގެން ދަށަށް ތިއްބެވި ބޭފުޅުންގެ ނަންފުޅުގައި ބައްޕާފުޅު އަދި ކާފާފުޅުގެ ނަންފުޅެއް ނެތެވެ. އެއީ ދެނަމުގެ ބޭފުޅުންނެވެ. އޭގެ މައްޗަށް ތިއްބެވި ބޭފުޅުންނަކީ އެއް ނަމުގެ ބޭފުޅުންނެވެ. ނަންފުޅުގެ ފަހަތަށް އޮތީ ބައްޕާފުޅާއި ކާފާފުޅުގެ ނަންފުޅެވެ. އިބްރާހީމް މުހައްމަދު ސޯލިހުގެ އެއްބަފާފުޅު ނުވަތަ އެއްބަނޑު ބޭފުޅުންނެއް ނެތެވެ. ތިއްބެވީ މުޅީން ވެސް އެއްބަނޑުއެއްބަފާފުޅު ބޭފުޅުންނެވެ. އެންމެ ދޮށިން ހަގަށް އެބޭފުޅުންގެ ނަންފުޅުތަކަކީ؛

1. އާމިނަތު ޞާލިޙް

2. އާއިޝަތު މުޙައްމަދު ޞާލިޙް - މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލް

3. އިބްރާހީމް މުޙައްމަދު ޞާލިޙް (ރައީސުލްޖުމްހޫރިއްޔާ)

4. އަހުމަދު މުޙައްމަދު ޞާލިޙް

5. ފާޠިމަތު މުޙައްމަދު ޞާލިޙް - ސެކްރެޓަރީ، ރައީސް އޮފީހުގެ ޕެރެސިޑެންޝިއަލް ސެކްރެޓޭރިއަޓް އަދި ޕްރޮޓޮކޯލް

6. މޫސާ މުޙައްމަދު ޞާލިޙް - ހިންނަވަރު ބޮޑު މިސްކިތު އިމާމު

7. މަރިޔަމް ނާޒްލީ - (ނިޔާވެފައި)

8. ޢަލީ ނިޔާޒް - (އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން، އިދާރީ

9. ޢަބްދުﷲ ޝަޒްލީ

10. އިސްމާޢީލް މުއާޒް

11. ޙަސަން އަޔާޒް - އެޑްމިނިސްޓަރޭޓަރ، މަޓީ

12. ޙުސެއިން ޝަޔާޒް

13. ޝަފްރާޒް ނަވާޒް - ޕްރޮކިޔުމެންޓް އޮފިސަރު، މުލިއާގެ

މިހާ ހިސާބުން ރާއްޖޭގެ ޖުމުހޫރީ ވެރިކަމުގެ ނިޒާމުގައި ރައީސުންގެ ނަންފުޅުތައް ބޭނުންކުރަމުން އައިސްފައިވާ ގޮތަށް ވެސް ބަލައިލާން ޖެހެ އެވެ. އެހެން ބަލައިލާ އިރު ފެންނަނީ ޖުމުހޫރީ ވެރިކަމުގެ ކުރީގެ ހަ ރައީސުން ވެސް އަމިއްލަފުޅު ނަންފުޅު ބޭނުންކުރައްވައިފައިވާ ތަނެވެ. އެއީ، ރައީސް އަމީން، ރައީސް ނާސިރު، ރައީސް މައުމޫނު، ރައީސް ނަޝީދު، ރައީސް ވަހީދު އަދި ރައީސް ޔާމީން އެވެ. މީގެން އެއްވެސް ބޭފުޅަކު ވަނަން ނުވަތަ ބައްޕަ ނުވަތަ ކާފަގެ ނަންފުޅު ބޭނުންކުރައްވައިފައެއް ނުވެ އެވެ. މަޝްހޫރު ވަނަމެއް އޮވެ ވެރިކަމަށް ވަޑައިގެންނެވި "އަންނި" އަށް ވެސް ވެރިކަމުގެ ދައުރުގައި ބޭނުންކުރަމުން އައީ ނަޝީދު އެވެ.

ބައެއް މީހުން ދެކޭ ގޮތުގައި، އާއިލީ ނަން ރައީސުން ބޭނުންކުރެއްވުން ރާއްޖޭގައި މުހިންމު ވަނީ، ރާއްޖޭގައި ކޮންމެ ނަމެއް ބޭނުންކުރިޔަސް ބައިނަލް އަގުވާމީ މީޑިއާގައި ބޭނުންކުރާނީ "ސަރނޭމް" ނުވަތަ އާއިލީ ނަން ކަމަށްވާތީ އެވެ. އެކަމަކު ކައިރި މާޒީއަށް ބަލާއިރު އެކަން ވެސް އޮތީ އެހެން ނޫންކަން އެނގެ އެވެ.

މިސާލަކަށް ބަލާ ނަމަ، ރާއްޖޭގެ މީޑިއާގައި ރައީސް މައުމޫނު ބޭނުންކުރަމުން އަންނަ އިރު ބައިނަލް އަގުވާމީ މީޑިއާއިން ބޭނުންކުރަމުން އަންނަނީ "ގައްޔޫމް" އެވެ. އެކަމަކު ރައީސް ޔާމީންގެ ނަންފުޅު ބޭރުގެ މީޑިއާ ތަކުން ބޭނުންކުރާ އިރު "ގައްޔޫމް" ބޭނުން ނުކޮށް ބޭނުންކުރަނީ "ޔާމީން" އެވެ. އެކަމަކު އެދެބޭފުޅުންގެ ވެސް ބައްޕާފުޅަކީ އެއް ބޭފުޅެކެވެ.

މި ތަނުގައި ދައްކައިލަން ޝައުގުވެރި އެހެން ވާހަކައެއްް ވެސް އެބަ އޮތެވެ. އެއީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ނަންފުޅާ ވައްތަރު އަދި ރައީސްކަން ވެސް ކުރެއްވި ބޭފުޅެއްގެ ވާހަކަ އެވެ. އެބޭފުޅަކީ ޔަމަނުގައި އެންމެ ގިނަ ދުވަސް ވާންދެން ވެރިކަން ކުރެއްވި، ކުރީގެ ރައީސް ޢަލީ އަބްދުﷲ ސޯލިހު އެވެ. ގާތްގަނޑަކަށް 30 ވަރަކަށް އަހަރު ވެރިކަން ކުރެއްވި އަލީ އަބްދުﷲ ސޯލިހު އަށް ކުރުކޮށް ބޭނުންކުރަމުން އައި ނަމަކީ ސޯލިހު އެވެ. މި ސޯލިހު އަކީ އެމަނިކުފާނުގެ ވެސް ކާފާފުޅުގެ ނަންފުޅެވެ. އަބްދުﷲ އެއީ ބައްޕާފުޅުގެ ނަންފުޅެވެ. ރައްޔިތުން ނިކުމެ އަލީ އަބްދުﷲ ސޯލިހު ވެރިކަމުން ދުރުކުރީ އެވެ. ޔަމަނުގައި ވެސް އޮންނަނީ ޖުމުހޫރީ ވެރިކަމުގެ ނިޒާމެވެ.

ރައީސުލް ޖުމްހޫރިއްޔާ ނުވަތަ އެމަނިކުފާނުގެ އަނބިކަނބަލުންގެ ނަންފުޅު ވަކިގޮތަކަށް ބޭނުންކުރާން ޖެހޭ ހާލަތުގައި ރާއްޖޭގެ ފަހުގެ ތާރީޚުގައި ވެސް އެކަން ރަސްމީކޮށް އަންގާފައި އެބަހުއްޓެވެ. އެ ގޮތުން، ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ނަންފުޅު ބޭނުންކުރުމުގައި ޑރ. މުހައްމަދު ވަހީދު ބޭނުންކުރަން އެންގެވި އެވެ. ރައީސް ޔާމީންގެ އަނބިކަނބަލުން، ފާތިމަތު އިބްރާހީމް ދީދީ ގެ ނަންފުޅު ބޭނުންކުރާ އިރު ހަމަ އެކަނި ފާތިމަތު އިބްރާހީމް ބޭނުންކުރުމަށް ވެސް އެންގެވި އެވެ.

ކޮންމެއަކަސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ނަންފުޅު އެއް ގޮތަކަށް ހުރިހާ މީޑިއާތަކުން ބޭނުންކުރުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. އަދި ނަންފުޅު ކުރުކޮށް ބޭނުންކުރާން ޖެހޭ ތަންތަނުގައި ބޭނުންކުރާނެ ނަމަކީ ކޮބައިކަން ވެސް ކަނޑައަޅުއްވަން ޖެހެ އެވެ. މިކަން ވީ އެންމެ އަވަހަކަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނިންމަވައިދެއްވުމަކީ މިކަމުގައި އޮތް އެންމެ ރަނގަޅު ހައްލެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟