ކްލަބު ގްރީން ސްޓްރީޓްސް ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ކަށަވަރުކޮށްފިއެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި މިރޭ ކުޅުނު ލީގުގެ ފަހު ބުރުގެ މެޗުގައި ގްރީން އަތުން މާޒިޔާ މޮޅުވީ 5-1ގެ ނަތީޖާއަކުންނެވެ. މާޒިޔާ އިން ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފައިމިވަނީ ލީގުގެ ފަހު ބުރުގައި އެޓީމަށް ތިން މެޗު އޮއްވައެވެ.
މިރޭ ކުޅުނު މެޗުގެ 27 ވަނަ މިނެޓުގައި މާޒިޔާ އިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. މާޒިޔާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ހަމްޒާ މުހައްމަދު (ހަމްޕު) ފޮނުވާލި ހަމަލާއެއް ގްރީންގެ ކީޕަރު ހަސަން އަލީފް އިބްރާހިމް މަތަކުރުމާއެކު ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުންނެވެ.
އޭގެ ހަތަރު މިނެޓު ފަހުން ގްރީނަށް ނަތީޖާ ހަމަހަމަކުރުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ހިލޭ ޖެހުމަކުން މުހައްމަދު އުމައިރު ފޮނުވާލި ހަމަލާ އަމާޒުވީ މާޒިޔާގެ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލީޑު ފުޅާކޮށްލުމަށް މާޒިޔާއަށް ގިނަ ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން އިބްރާހިމް ވަހީދު ހަސަން (އިއްބެ) އާއި މުޖުތާޒް މުހައްމަދު (މުޖޭ) އަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. އެ ދެ ހަމަލާ ވެސް ގްރީންގެ ކީޕަރު އަލީފް ވަނީ މަތަކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން މާޒިޔާ ކުރީގައި އޮވެގެންނެވެ.
އެ މެޗުގެ ދެވަނަ ހާފު ފެށިތާ މިނެޓެއްގެ ތެރޭގައި މާޒިޔާ އިން ވަނީ ލީޑު ފުޅާކޮށްފައެވެ. މާޒިޔާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ފޭދޫ އިއްބެއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ކޯނެލިއަސް ސްޓެވާޓް ފޮނުވާލި ހަމަލާއެއް ގްރީންގެ ކީޕަރު އަލީފް މަތަކުރުމާއެކު ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުންނެވެ.
މެޗުގެ 49 ވަނަ މިނެޓުގައި ގްރީނުން ވަނީ ލަނޑެއް ޖަހައި އުންމީދު އާކޮށްފައެވެ. ގްރީނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން އަލްސަޔެދް މަހްމޫދެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ މާޒިޔާގެ ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުންނެވެ.
މެޗުގެ 73 ވަނަ މިނެޓުގައި މާޒިޔާ އިން ވަނީ އަލުން ލީޑު ފުޅާކޮށްފައެވެ. ހަމްޕު ދިން ބޯޅައަކުން މާޒިޔާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ޒުވާން މިޑްފީލްޑަރު އިބްރާހިމް އައިސަމްއެވެ. ޕެނަލްޓީ އޭރިއާ ބޭރުން އައިސަމް ފޮނުވާލި ހަމަލާ އަމާޒުވީ ގްރީންގެ ގޯލުގެ ތިރީ ކަނަކަށެވެ.
އޭގެ ހަ މިނެޓު ފަހުން މާޒިޔާ އިން ވަނީ އެޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. ހަސަން ޝިފާޒް ދިން ބޯޅައަކުން މާޒިޔާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ހަމްޕުއެވެ. ގްރީންގެ ޕެނަލްޓީ އޭރިއާ ތެރެއިން ހަމްޕުއަށް ބޯޅަ ލިބުނު އިރު، އޭނާ ހުރީ ވަރަށް ހުސްކޮށެވެ.
މެޗުގައި މާޒިޔާ އިން ޖެހި ފަސްވަނަ ލަނޑު ފެނިގެންދިޔައީ މެޗު ނިމެން އަށް މިނެޓަށް ވެފައި ވަނިކޮށެވެ. ކޯނެލިއަސް ސްޓެވާޓް ދިން ބޯޅައަކުން މާޒިޔާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ހަތަރުވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިން ހަމްޕުއެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގްރީނުގެ ގޯލުގެ ތިރީ ކަނަކަށެވެ.
ލީގުގެ އެއްވަނައިގައި އޮތް މާޒިޔާ އާއި ދެވަނައިގައި އޮތް ކްލަބު އީގަލްސްއާ ދެމެދު 14 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. އީގަލްސްއަށް ބާކީ އޮތް ހަތަރު މެޗުން މޮޅުވެގެން ވެސް ލިބޭނީ 12 ޕޮއިންޓެވެ. ލީގުގެ އެއްވަނައިގައި އޮތް މާޒިޔާއަށް 18 މެޗުން 47 ޕޮއިންޓް ލިބިފައިވާ އިރު، އީގަލްސްއަށް 17 މެޗުން ލިބިފައިވަނީ 33 ޕޮއިންޓެވެ. ތިންވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް 17 މެޗުން ލިބިފައިވަނީ 31 ޕޮއިންޓެވެ.
މިއީ މާޒިޔާ އިން ލީގު ޗެމްޕިއަންކަން ހޯދި ދެވަނަ ފަހަރެވެ. އެޓީމުން ފުރަތަމަ ފަހަރަށް ލީގު ކާމިޔާބުކޮށްފައިވަނީ 2016 ވަނަ އަހަރެވެ.