ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އިސްމާއިލް އީސަ (މެސީ)ގެ ލަނޑުން ކްލަބު އީގަލްސް އަތުން ޓީސީ ސްޕޯޓްސް ކްލަބު ބަދަލު ހިފައިފިއެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި ރޭ ކުޅުނު ލީގުގެ ފަހު ބުރުގެ މެޗުގައި އީގަލްސް އަތުން ޓީސީ މޮޅުވީ 1-0ގެ ނަތީޖާއަކުންނެވެ. އެ މެޗުން ޓީސީ މޮޅުވި އިރު، މިދިޔަ އާދީއްތަ ދުވަހު ކުޅުނު ލީގުގެ ދެވަނަ ބުރުގެ މެޗުގައި ޓީސީ ވަނީ 3-0ގެ ނަތީޖާއަކުން އީގަލްސް އަތުން ބަލިވެފައެވެ.
އެ މެޗުގެ 27 ވަނަ މިނެޓުގައި ޓީސީއަށް ލީޑު ހޯދުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. އަލީ ޝާމިސް (ތޮއްޕެ) ނަގައިދިން ހުރަހަކުން އަލީ އަޝްފާގު (ދަގަނޑޭ) ބޮލުން ފޮނުވާލި ހަމަލާ، އީގަލްސްގެ ސްރީލަންކާ ކީޕަރު ސުޖަން ޕެރޭރާ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފުގެ ތެރޭގައި އީގަލްސްގެ އަލީ ފާސިރު (ސެންޓޭ)އަށް ލަނޑު ޖަހާނެ ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ސެންޓޭގެ އެ ދެ ހަމަލާގެ ހުރަހަކަށްވީ ޓީސީގެ ޕާކިސްތާނު ކީޕަރު ހަނީފް ސާގިބެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
މެޗުގެ 69 ވަނަ މިނެޓުގައި އީގަލްސްއަށް ލަނޑު ޖަހާނެ ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ސެންޓޭ ދިން ބޯޅައަކުން ޕެނެލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ، ރިހާމް އަބްދުލްޤަނީ (ބޮބީ) ފޮނުވާލި ހަމަލާ، ޓީސީގެ ކީޕަރު ހަނީފް ސާގިބް ވަނީ މަތަކޮށްފައެވެ.
އޭގެ މިނެޓެއް ތެރޭ ޓީސީއަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންގޮސްފައެވެ. މެސީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން އިޝާން އިބްރާހިމް (ސައްޓު) ފޮނުވާލި ހަމަލާ، އީގަލްސްގެ ކީޕަރު ސުޖަން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.
މެޗުގެ 77 ވަނަ މިނެޓުގައި ޓީސީން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ޓީސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މެސީއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޕެނަލްޓީ އޭރިއާ ތެރެއިން ސައްޓު ފޮނުވާލި ހަމަލާއެއް އީގަލްސްގެ ކީޕަރު ސުޖަން މަތަކުރުމާއެކު ލިބުނު ރީބައުންސް ބޯޅައަކުންނެވެ.
މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ނަތީޖާ ހަމަހަމަކޮށްލުމަށް އީގަލްސްއަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ހިލޭ ޖެހުމަކުން ސެންޓޭ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ޓީސީގެ ކީޕަރު ހަނީފް ސާގިބެވެ.
އެ ނަތީޖާއާއެކު ތިންވަނައިގައި އޮތް ޓީސީން ވަނީ ދެވަނައިގައި އޮތް ދެވަނައިގައި އޮތް އީގަލްސްއާ ދެމެދު އޮތް ފަރަގު ކުޑަކޮށްފައެވެ. އީގަލްސްއަށް 17 މެޗުން 33 ޕޮއިންޓް ލިބިފައިވާ އިރު، ޓީސީއަށް 17 މެޗުން ލިބިފައިވަނީ 31 ޕޮއިންޓެވެ. ލީގު ތާވަލުގެ އެއްވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް 17 މެޗުން ލިބިފައިވަނީ 44 ޕޮއިންޓެވެ.
ލީގުގެ ފަހު ބުރުގައި ވާދަކުރާނީ ދެވަނަ ބުރު ނިމުނު އިރު، ގަދަ ހައެއްގައި އޮތް ޓީމުތަކެވެ. އެއީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ކްލަބު އީގަލްސް އާއި ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބު ގްރީން ސްޓްރީޓްސް އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބު އަދި ފޯކައިދޫ ފުޓްބޯލް ކްލަބެވެ.
ލީގުގައި ދެން މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުއެވެ. އެ ދުވަހުގެ ހަވީރު 4:00ގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ މާޒިޔާ އާއި ގްރީނެވެ.