ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ފަސޭހަކަމާއެކު ކްލަބު ގްރީން ސްޓްރީޓްސް އަތުން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބު މޮޅުވެއްޖެއެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި މިރޭ ކުޅުނު ލީގުގެ ފަހު ބުރުގެ މެޗުގައި ގްރީން އަތުން ދަ ގްރާންޑޭ މޮޅުވީ 5-2ގެ ނަތީޖާއަކުންނެވެ.
މެޗުގެ 14 ވަނަ މިނެޓުގައި ދަ ގްރާންޑޭ އިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ގްރީންގެ ކީޕަރު ހަސަން އަލީފް އިބްރާހީމަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، އަޔާޒް އަހުމަދު ދިން ބޯޅައަކުން ދަ ގްރާންޑޭއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ބިދޭސީ ފޯވަޑް އޮބައިދާ ކަދުމްއެވެ.
މެޗުގެ 28 ވަނަ މިނެޓުގައި ދަ ގްރާންޑޭ އިން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ގާސިމް ސައްމާމް (ސައްމޭ) ނަގައިދިން ހުރަހަކުން ދަ ގްރާންޑޭއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން އޮބައިދާ ކަދުމްއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0ގެ ނަތީޖާއަކުން ދަ ގްރާންޑޭ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފެށިތާ ހަތް މިނެޓުގެ ތެރޭގައި ދަ ގްރާންޑޭ އިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފައެވެ. ގްރީންގެ ކީޕަރު އަލީފަށް ހެދުނު ގޯހަކުން ދަ ގްރާންޑޭއަށް އެ ލަނޑު ވެސް ކާމިޔާބުކޮށްދިނީ އޮބައިދާ ކަދުމްއެވެ. އެ ލަނޑާއެކު އޭނާގެ ހެޓްރިކް ވެސް ފުރިހަމަވެގެންދިޔައެވެ.
މެޗުގެ 60 ވަނަ މިނެޓުގައި ދަ ގްރާންޑޭ އިން ވަނީ ހަތަރު ލަނޑުގެ ލީޑެއް ހޯދައިފައެވެ. ދަ ގްރާންޑޭއަށް އެ ލަނޑު ވެސް ކާމިޔާބުކޮށްދިނީ އޮބައިދާ ކަދުމްއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ބޯޅަ ހިފައިގެން ގްރީންގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ހަމަލާއަކުންނެވެ.
މެޗުގެ 70 ވަނަ މިނެޓުގައި ގްރީނުން ވަނީ އެޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައެވެ. ގްރީނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ރިސްވާނެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އޭނާ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ދަ ގްރާންޑޭގެ ގޯލުގެ މަތީ ކަނަކަށެވެ.
މެޗުގެ 79 ވަނަ މިނެޓުގައި ދަ ގްރާންޑޭ އިން ވަނީ ލަނޑެއް ޖަހައި، އަލުން ހަތަރު ލަނޑުގެ ލީޑެއް ހޯދައިފައެވެ. ސައްމޭ ނަގައިދިން ރީތި ހުރަހަކުން ދަ ގްރާންޑޭއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އަހްމަދު އިމާޒް (އާއްކޮ) އެވެ.
މެޗުގައި ގްރީނުން ޖެހި ދެވަނަ ލަނޑު ފެނިގެންދިޔައީ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައެވެ. ގްރީނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ތަޖުރިބާކާރު ފޯވަޑް އަހްމަދު ރަޝީދު (އައްމަޑޭ) އެވެ.
ލީގުގެ ފަހު ބުރުގައި ވާދަކުރާނީ ދެވަނަ ބުރު ނިމުނު އިރު، ގަދަ ހައެއްގައި އޮތް ޓީމުތަކެވެ. އެއީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ކްލަބު އީގަލްސް އާއި ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބު ގްރީން ސްޓްރީޓްސް އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބު އަދި ފޯކައިދޫ ފުޓްބޯލް ކްލަބެވެ.
ލީގު ތާވަލުގެ އެއްވަނައިގައި އޮތް މާޒިޔާއަށް 17 މެޗުން 44 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް އީގަލްސްއަށް 16 މެޗުން ލިބިފައިވަނީ 33 ޕޮއިންޓެވެ. ތިންވަނައިގައި އޮތް ޓީސީއަށް 16 މެޗުން ލިބިފައިވަނީ 28 ޕޮއިންޓެވެ. ހަތަރުވަނައިގައި އޮތް ގްރީނަށް 17 މެޗުން 26 ޕޮއިންޓް ލިބިފައިވާ އިރު، ފަސްވަނައިގައި އޮތް ދަ ގްރާންޑޭއަށް 17 މެޗުން ލިބިފައިވަނީ 24 ޕޮއިންޓެވެ. އަދި ހަވަނައިގައި އޮތް ފޯކައިދުއަށް 17 މެޗުން ލިބިފައިވަނީ 20 ޕޮއިންޓެވެ.
ލީގުގައި ދެން މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުއެވެ. އެ ދުވަހުގެ ރޭ 9:00ގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ އީގަލްސް އާއި ޓީސީއެވެ.