އެމްޑީޕީ

އެމްޑީޕީ ޕްރައިމަރީ: ތިން ސިޓީގެ މޭޔަރު ކަމަށް 14 ކެންޑިޑޭޓުން

ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ މީހުން ހޮވުމަށް ބާއްވާ ޕްރައިމަރީގައި ތިން ސިޓީގެ މޭޔަރު ކަމަށް 13 ކެންޑިޑޭޓުން ވާދަކުރާނެ ކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން މިރޭ އާންމުކުރި ކެންޑިޑޭޓް ލިސްޓުގައިވާ ގޮތުން މާލޭ ސިޓީގެ މޭޔަރު ކަމަށް ހަތް ކެންޑިޑޭޓުން ވާދަކުރެއެވެ. އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ އެންމެ އަންހެން ބޭފުޅެކެވެ. އެއީ މާލޭ ސިޓީ މޭޔަރުކަމުގައި މިހާރު ވެސް ހުންނެވި ޝިފާ މުހައްމަދެވެ.

މާލެ ސިޓީ މޭޔަރު ކަމަށް ދެން ވާދަކުރައްވަނީ މާލެ ސިޓީ ކައުންސިލްގެ ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރު އަހުމަދު ނިޔާޒާއި މާލޭގެ ފުރަތަމަ މޭޔަރު ސަރަނގު އާދަމްމަނިކާއި އެމްޑީޕީގެ ސެކެޓްރީ ޖެނެރަލް އަނަސް އަބްދުލް ސައްތާރާއި މާލެ ސިޓީ ޑެޕިއުޓީ މޭޔަރުގެ މަގާމުގައި ހުންނެވި ޝަމާއު ޝަރީފާއި އިބްރާހިމް ރަޝީދު މޫސާ އަދި އަބްދުﷲ ސައީދެވެ.

އައްޑޫ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ތިން ކެންޑިޑޭޓުންނަކީ އެމްޑީޕީ އައްޑޫ ސިޓީގެ ރައީސް އަހުމަދު އަދުހަމް އާއި އެ ސިޓީގެ މޭޔަރުކަމުގައި ހުންނެވި އަބްދުﷲ ސޯދިގު (ސޯބެ) އަދި ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާރެވެ.

ފުވައްމުލައް ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވަނީ ހަތަރު ކެންޑިޑޭޓުންނެވެ. އެއީ އެ ސިޓީގެ މޭޔަރުކަމުގައި މިހާރު ވެސް ހުންނެވި އަބްދުﷲ ފަލާހް ޝަރީފާއި މުހައްމަދު ނިޒާމް ހަސަންގެ އިތުރުން އިސްމާއިލް ރަފީގު އަދި އަހުމަދު މުހައްމަދެވެ.

މާލެ ސިޓީ، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ ޕްރައިމަރީގައި ވާދަކުރާނެ ކެންޑިޑޭޓުން އިއުލާން ކޮށްފައިވާއިރު، ދާދިފަހުން ސިޓީއެއްގެ ދަރަޖަ ދިން ކުޅުދުއްފުށި ސިޓީގެ ދާއިރާތަކުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ހުޅުވާލައިފައެވެ.

އެ ދާއިރާތަކަށް ކުރިމަތިލުމުގެ އެންމެފަހު ތާރީހަކީ އަންނަ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 އެވެ.