އެމްޑީޕީ

އެމްޑީޕީ ޕްރައިމަރީގައި ވާދަކުރާ ކެންޑިޓޭޓުންގެ ލިސްޓު އާންމުކޮށްފި

މުހައްމަދު ޝަހީމް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ މީހުން ހޮވުމަށް ބާއްވާ ޕްރައިމަރީއަށް ކުރިމަތިލި ކެންޑިޓޭޓުންގެ ލިސްޓް އާންމުކޮށްފިއެވެ.

އެ ޕާޓީން އެކަން ހާމަކޮށް އިއްޔެ ކުރި އިއުލާނެއްގައިވަނީ ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލް އަދި ރަށު ކައުންސިލްތަކަށް ކުރިމަތިލި ކެންޑިޑޭޓުންގެ ލިސްޓު އާންމުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ސިޓީ ކައުންސިލަށް ކުރިމަތިލި 108 ކެނޑިޑޭޓުންނާއި، އަތޮޅު ކައުންސިލުތަކަށް ކުރިމަތިލި 53 ކެނޑިޑޭޓުންނާއި، ރަށު ކައުންސިލުތަކަށް ކުރިމަތިލި 1067 ކެނޑިޑޭޓުންނެވެ.

އެންމެ ފަހުން ސިޓީއެއްގެ ދަރަޖަ ލިބުނު ކުޅުދުއްފުށި ސިޓީއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ. އެ ސިޓީ ކައުންސިލުގެ މަގާމުތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން އަންނަ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 2:00ގެ ކުރިން ފޯމު ހުށަހަޅަން ޖެހެއެވެ.

މިމަހުގެ 31 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ ލިސްޓު އާންމުކޮށްފައިވާ އިރު، އެންމެ ވާދަވެރިކަން ބޮޑުވެފައިވާ އެއް މަގާމަކީ މާލޭ މޭޔަރުގެ މަގާމެވެ. އެގޮތުން މާލެ ސިޓީ މޭޔަރު ކަމަށް މިހާރު އެ މަގާމުގައި ހުންނެވި ޝިިފާ މުހައްމަދާއި މާލެ ސިޓީ ޑެޕިއުޓީ މޭޔަރުގެ މަގާމުގައި ހުންނެވި ޝަމާއު ޝަރީފާއި މާލެ ސިޓީ ކައުންސިލްގެ ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރު އަހުމަދު ނިޔާޒާއި މާލެ ސިޓީގެ ފުރަތަމަ މޭޔަރު ސަރަނގު އާދަމް މަނިކާއި އެމްޑީޕީގެ ސެކްރެޓްރީ ޖެނެރަލް އަނަސް އަބްދުލް ސައްތާރު އަދި އިތުރު ދެ ބޭފުޅަކު ވަނީ ކުރިމަތިލައިފައެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ރަށު ކައުންސިލަރުންގެ ގޮތުގައި 923 މީހުން އިންތިހާބުކުރާ އިރު، ސިޓީ ކައުންސިލަރުންގެ ގޮތުގައި 39 މީހުން އިންތިހާބުކުރާނެއެވެ. އޭގެ ތެރެއިން 33 އިންސައްތަ އަންހެނުންނަށް ހާއްސަކޮށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ރައްޔިތުންގެ މަޖިލީހުން މިދިޔަ މަހުގެ ފަސްވަނަ ދުވަހު ފާސްކުރުމުން، މާލެ ސިޓީ އާއި އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ އަދި ކުޅުދުއްފުށި ސިޓީ ކައުންސިލުތަކުން އަންހެން މެންބަރުން އިންތިހާބުކުރަން ޖެހޭނެ ދާއިރާތައް ގުރުއަތުން ހޮވައި، އެ ދާއިރާތައް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ އިއުލާންކޮށްފައެވެ.