ޕީޕީއެމް ހަތަރު ބައި ކޮށްގެންވެސް ލާމަރުކަޒީ ނިޒާމަށް މަސައްކަތް ކުރާކަށް ނޭނގޭނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެޖެންޑާ 19 ރަށަށް ގެ ނަމުގައި އެމްޑީޕީން މިހާރު ކުރިއަށް ގެންދާ ކެމްޕޭނުގައި ހއ އަތޮޅަށް ކުރައްވާ ދަތުރުގެތެރެއިން އެއަތޮޅު ހޯރަފުށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ ލާމަރިކަޒީ ނިޒާމުގެ މަސައްކަތަކީ އެއްވެސް ޕާޓީއަކަށް ކޮށްދެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ޕީޕީއެމް ހަތަރު ބައިކޮށްގެންވެސް ލާމަރުކަޒީ ނިޒާމުގެ ތެރެއިން އެއްވެސް ކަމެއް ކޮށްދޭކަށް އެބޭފުޅުންނަށް ނޭނގޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އެބޭފުޅުން ގެންގުޅެނީ ލާމަރުކަޒީ ނިޒާމާއި މުޅިން ތަފާތު ވިސްނުމެއް ކަމަށެވެ. އެގޮތުން އެމީހުންގެ ވިސްނުމަކީ ބާރު އެއް ކުރުމާއި އެއްފަސް ކުރުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ލާމަރުކަޒީ ކުރުމުގެ ވިސްނުމަކީ އެބޭފުޅުންނެ ނުހުންނަ ވިސްނުމެއް ކަމަށް ވެސް ވިދާޅުވިއެވެ.
އެބޭފުޅުން ތަކުރާރުކޮށް އިއުލާނު ކުރަމުން ގެންދިޔަ ވިސްނުމަކީ ބާރު އެއް ކުރުމުގެ ވިސްނުން. މާލެ ކައިރީގައި ތަންކޮޅެއް ހިއްކާލާފަ ހަނަފަސް ބިމަކަށް ރާއްޖޭގެ ހުރިހާ ރައްޔިތުން އަޅާލުން. އެއްފަސް ކުރުން އެބޭފުޅުން ކުރައްވަމުން ގެންދެވި ކަމަކީ. ރަށްރަށުގެ ކައުންސިލްތައް ހަލާކު ކުރުން. ރަށްރަށުގެ ރަށްވެހިކަން ރޫޅާލުން.އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު
ނަޝީދު ވިދާޅުވީ "އެބޭފުޅުން"ގެ އަމާޒަކީ ރާއްޖޭގެ ރަށްތައް އުވާލައި އެންމެން މާލެ ސަރަހައްދަށް ޖަމާ ކުރުން ކަމަށެވެ. އަދި އެމީހުންގެ ވިސްނުން ހުރީ މާލެ ކައިރިން ތަންކޮޅެއް ހިއްކާލުމަށްފަހު އެ ސަރަހައްދަށް ރާއްޖޭގެ ރައްޔިތުން އަޅާލުމަށް ކަމަށާއި، އެމީހުން މަސައްކަތް ކުރަނީ ރަށުގެ ރަށްވެހިކަން ރޫޅާލައި، ކައުންސިލުތައް ހަލާކު ކުރަން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
ރައްޔިތުން ސަރުކާރު ބަދަލު ކުރީ ރައްޔިތުންގެ ބާރު ރައްޔިތުންގެ އަތްމައްޗަށް ނެގުމަށް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.