އެމްޑީޕީ

ފުލުހުންގެ "ނިމޭ 19"ގެ ސަބަބުން "އެޖެންޑާ 19"އަށް އަސަރުކުރާނެ، އޮޕަރޭޝަން ހުއްޓާލުމަށް އެދެން: އެމްޑީޕީ

1

ފުލުހުންގެ އޮޕަރޭޝަން "ނިމޭ 19"ގެ ސަބަބުން "އެޖެންޑާ 19"ގެ ނަމަށް އަސަރުކުރާނެތީ އެ އޮޕަރޭޝަން ހުއްޓާލުމަށް ސަރުކާރުގެ މައި ޕާޓީ، އެމްޑީޕީން އެދިއްޖެއެވެ.

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ސޮއިކުރައްވައި، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އެ އޮޕަރޭޝަންގެ ނަން ބަދަލުކޮށް އެހެން ނަމެއްގައި އަލުން އޮޕަރޭޝަން ހިންގި ނަމަވެސް، އެ ޕާޓީގެ "އެޖެންޑާ 19" ނަމަށާއި އެ އޮނިގަނޑުގެ ދަށުން ހިންގާނެ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް އެކަމުގެ ސަބަބުން ނޭދެވޭ އަސަރުކުރާނެތީ ފުލުހުންގެ އެ އޮޕަރޭޝަން ހިންގުން ހުއްޓާލުމަށް އެދޭ ކަމަށެވެ.

"މޯލްޑިވްސް ޕޮލިސް ސާވިސް އިން ހިންގާ އޮޕަރޭޝަނަކަށް "ނިމޭ 19" ކިޔުމުގެ ސަބަބުން މި ޕާޓީން ނުހަނު ބުރަ މަސައްކަތުން ރައްޔިތުންގެ މަގުބޫލުކަން ހޯދާފައިވާ "އެޖެންޑާ 19" މި ނަމަށް ވަރަށް ނުރަނގަޅު އަސަރުކުރާނެ ކަމަށް މި ޕާޓީން ދެކެމެވެ. މިހެން މިދެންނެވީ، އެޖެންޑާ 19 ގުޅިފައިވަނީ ރައްޔިތުންގެ މަޖިލީހުގައި މި ޕާޓީން ކުރުމަށް ކަނޑައަޅާފައިވާ މަސައްކަތާ ކަމަށްވެފައި އެ މަސައްކަތާ މެދު ރައްޔިތުންގެ އިތުބާރު ގެއްލުމުގެ ފުރުސަތު އޮންނާނެތީއެވެ..،" ސިޓީގައި ބުނެފައިވެއެވެ.

އެމްޑީޕީން ފޮނުވި އެ ސިޓީގައި ބުނެފައިވަނީ "ނިމޭ 19"އަކީ އެ ޕާޓީގެ "އެޖެންޑާ 19"އަށް ގޮންޖަހާ ފަދަ ގޮތަކަށް ބޭނުންކުރެވޭ ނަމަކަށް ވެފައި، ފުލުހުންގެ އޮޕަރޭޝަނަށް އެފަދަ ނަމެއް ކިޔުމުން ފުލުހުންގެ މުއައްސަސާ ވަރަށް ބޮޑަށް ސިޔާސީވެފައިވާ ތަން ރައްޔިތުންނަށް ފެނިގެންދާނެ ކަމަށާއި 2019 އަހަރު ނިމި 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ހަތަރުވަނަ ދުވަހާ ހަމައަށް ހިންގާ އޮޕަރޭޝަނަށް "ނިމޭ 19" ކިޔަން ޖެހޭ ސަބަބެއް ނުވިސްނޭ ކަމަށެވެ.

ފުލުހުންގެ މުއައްސަސާއަކީ ގަދަރުވެރި، ރައްޔިތުންގެ އިތުބާރު އަނބުރާ ލިބޭނެ މުއައްސަސާއަކަށް ހެދުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށާއި އެހެންކަމުން އެ މުއައްސަސާގެ މަސައްކަތުގައި ސިޔާސީ ކުލަ ނުޖެހޭ ގޮތަށް ކަންކަން އިންތިޒާމުކުރުމަށް ވެސް އެމްޑީޕީން އިލްތިމާސްކުރިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟