ލޯކަލް ކައުންސިލަށް ކެންޑިޑޭޓުން ކަނޑައަޅުމަށް ބޭނުންވާ، އެމްޑީޕީގެ ޕްރައިމަރީ އިއުލާން ކުރުން 30 ޑިސެމްބަރުގައި، ވޯޓުލުން ޖަނަވަރީ 31 ގައި ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމަށް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ބާއްވާ ޕްރައިމަރީގެ ޓައިމްލައިންގައި ވާގޮތުން މިއަންނަ ހޯމަ ދުވަހު ޕްރައިމަރީ އިއުލާން ކުރުން އޮންނާނެ އެވެ. އަދި ވޯޓުލެވޭ މީހުންގެ ލިސްޓް އާންމު ކުރުމާއި ޝަކުވާ ހުށައެޅުމަށް ތިން ދުވަހަށް ހުޅުވާލުމަށް ހަމަޖައްސާފައިވަނީ އަންނަ ޖެނުއަރީ މަހު ހަތްވަނަ ދުވަހުގައެވެ.
އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހަކީ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފަހު ދުވަސް ކަމަށް އެ ޕާޓީން އާންމުކުރި ޓައިމްލައިންގައި ވެއެވެ. އަދި ކެންޑިޑޭޓުންގެ ލިސްޓު އާއްމުކުރުން އަންނަ މަހުގެ 13 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ ކަމަށާއި ފައިނަލް ވޯޓާސް ލިސްޓު ޖެނުއަރީ 15ވަނަ ދުވަހު އާންމު ކުރާނެ ކަމަށްވެސް ޓައިމްލައިންގައި ވެއެވެ.
ޕްރައިމަރީގެ ވޯޓުލުން ކުރިޔަށްދާނީ މި އަންނަ މަހު 31 ވަނަ ދުވަހުއެވެ.
އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ސިޓީ ކައުންސިލުތަކުން އަންހެން މެންބަރުން އިންތިހާބު ކުރަން ޖެހޭނެ ދާއިރާތައް ގުރުއަތުން އީސީން ވަނީ ހޮވައި، އެ ދާއިރާތައް އާންމުކޮށްފައެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ރަށު ކައުންސިލަރުންގެ ގޮތުގައި 923 މީހުން އިންތިހާބުކުރާއިރު ސިޓީ ކައުންސިލަރުންގެ ގޮތުގައި 39 މީހުން އިންތިހާބު ކުރާނެއެވެ. އޭގެ ތެރެއިން 33 އިންސައްތަ އަންހެނުންނަށް ހާއްސަކޮށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ރައްޔިތުންގެ މަޖިލީހުން ވަނީ މިމަހު ފަސްވަނަ ދުވަހު ފާސްކޮށްފައެވެ.