ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ނިލަންދޫ ސްޕޯޓްސް ކްލަބުން ކްލަބު ގްރީން ސްޓްރީޓްސް ބަލިކޮށްފިއެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ލީގުގެ ދެވަނަ ބުރުގެ މެޗުގައި ގްރީންގެ މައްޗަށް ނިލަންދޫ ކުރި ހޯދީ 4-2ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ގްރީނަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނީ އެޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ސަސްޕެންޝަނުގައި ހުރުމުގެ ސަބަބުންނެވެ.
އެ މެޗުގެ 18 ވަނަ މިނެޓުގައި ނިލަންދޫން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ނިލަންދުއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ޓޮޝިކީ އޮކަމޯޓޯއެވެ. މެޗުގެ 32 ވަނަ މިނެޓުގައި ގްރީނަށް އަހްމަދު ރަޝީދު (އައްމަޑޭ) ނަތީޖާ ހަމަހަމަކޮށްދިން ނަމަވެސް، އޭގެ ތިން މިނެޓު ފަހުން ބިދޭސީ ކުޅުންތެރިޔާ އަޑޮކޫ ކުވެކޫ ލޫކަސް ވަނީ ނިލަންދުއަށް އަލުން ލީޑު ހޯދައިދީފައެވެ.
މެޗުގެ ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް ނިލަންދޫން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ނިލަންދުއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ދެވަނަ ލަނޑުވެސް ކާމިޔާބުކޮށްދިން ލޫކަސްއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 3-1ގެ ނަތީޖާއަކުން ނިލަންދޫ ކުރީގައި އޮވެގެންނެވެ.
މެޗުގެ 51 ވަނަ މިނެޓުގައި ގްރީނުން ވަނީ ލަނޑެއް ކާމިޔާބުކޮށް، އުންމީދު އާކޮށްފައެވެ. ގްރީނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) އެވެ. ގްރީނުން އުންމީދު އާކުރި ނަމަވެސް، މެޗުގެ 77 ވަނަ މިނެޓުގައި ނިލަންދޫން ވަނީ އަލުން ލީޑު ފުޅާކޮށްފައެވެ. ނިލަންދުއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން އޮކަމޯޓޯއެވެ.
ދިވެހި ޕްރިމިއާ ލީގުގެ ތާވަލުގައި ގްރީން މިވަގުތު އޮތީ ކުޅުނު 14 މެޗުން ލިބުނު 23 ޕޮއިންޓާއެކު ތިންވަނައިގައެވެ. ތާވަލުގެ އެއްވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް 13 މެޗުން 32 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް ކްލަބު އީގަލްސްއަށް ކުޅުނު 12 މެޗުން ލިބިފައިވަނީ 24 ޕޮއިންޓެވެ. ލީގު ތާވަލުގެ ހަތަރުވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް 11 މެޗުން ލިބިފައިވަނީ 22 ޕޮއިންޓެވެ. އަދި ގްރީން އަތުން މޮޅުވި ނިލަންދޫ އޮތީ ކުޅުނު 14 މެޗުން ލިބުނު 13 ޕޮއިންޓާއެކު ތާވަލުގެ ހަތްވަނައިގައެވެ.