ދިވެހި ޕްރިމިއާ ލީގު

ދަގަނޑޭގެ ދެ ލަނޑާއެކު ޔޫވީ އަތުން ގްރީނަށް ފަސޭހަ މޮޅެއް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ)ގެ ދެ ލަނޑާއެކު ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަތުން ފަސޭހަކަމާއެކު ކްލަބު ގްރީން ސްޓްރީޓްސް މޮޅުވެއްޖެއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ރޭ ކުޅުނު ދެވަނަ ބުރުގެ މެޗުގައި ޔޫވީ އަތުން ގްރީން މޮޅުވީ 5-0ގެ ނަތީޖާއަކުންނެވެ.

އެ މެޗުގައި ގްރީނުން ޖެހި ފަސް ލަނޑު ވެސް ފެނިގެންދިޔައީ މެޗުގެ ފުރަތަމަ ހާފުގެ ތެރޭގައެވެ. މެޗުގެ ތިންވަނަ މިނެޓުގައި ގްރީނަށް ލިބުނު ޕެނަލްޓީއަކުން އެޓީމަށް ލީޑު ހޯދައިދިނީ ދަގަނޑޭއެވެ. މެޗުގެ 13 ވަނަ މިނެޓުގައި ފެނިގެންދިޔަ ގްރީނުގެ ދެވަނަ ލަނޑަކީ ޔޫވީގެ އަލީ ޝަމާލް އަބްދުﷲ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ގްރީނުން ދެ ލަނޑުގެ ލީޑެއް ހޯދިތާ މިނެޓެއް ތެރޭ އެޓީމުން ވަނީ އިތުރަށް ލީޑު ފުޅާކޮށްފައެވެ. އެ ލަނޑަކީ ގްރީނުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ދަގަނޑޭ ޖެހި ލަނޑެކެވެ. މެޗުގެ 26 ވަނަ މިނެޓުގައި ގްރީނުގެ ހަތަރުވަނަ ލަނޑު މުހައްމަދު އުމައިރު ކާމިޔާބުކޮށްދިން އިރު، މެޗުގެ 39 ވަނަ މިނެޓުގައި އެޓީމުގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދިނީ ރިހާމް އަބްދުލްޤަނީ (ބޮބީ) އެވެ.

އެ ނަތީޖާއާއެކު ގްރީން ވަނީ ވަގުތީގޮތުން ތާވަލުގެ ދެވަނައަށް ޖެހިލައިފައެވެ. ގްރީނަށް 13 މެޗުން 23 ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް 11 މެޗުން ލިބިފައިވަނީ 22 ޕޮއިންޓެވެ. ހަތަރުވަނައިގައި އޮތް ކްލަބު އީގަލްސްއަށް 11 މެޗުން ލިބިފައިވަނީ 21 ޕޮއިންޓެވެ. ލީގު ތާވަލުގެ އެއްވަނައިގައި އަދިވެސް އޮތީ ކުޅުނު 13 މެޗުން 32 ޕޮއިންޓް ހޯދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ.

ލީގުގައި މިއަދު ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. މިއަދު ހަވީރު ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ ކްލަބު އީގަލްސް އާއި ފޯކައިދޫ ފުޓްބޯލް ކްލަބެވެ.