ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކުޅުންތެރިޔަކު މަދުކޮށް ކުޅެމުންދިޔަ ޓީސީ ސްޕޯޓްސް ކްލަބުން ފަހަތުން އަރައި، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބު ބަލިކޮށްފިއެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ދެވަނަ ބުރުގެ މެޗުގައި ދަ ގްރާންޑޭ އަތުން ޓީސީ މޮޅުވީ 3-2ގެ ނަތީޖާއަކުންނެވެ.
އެ މެޗުގެ ފުރަތަމަ ހާފުގައި ދަ ގްރާންޑޭ އިން ވަނީ ދެ ލަނޑުގެ ލީޑެއް ހޯދައިފައެވެ. އެ ދެ ލަނޑު ވެސް ދަ ގްރާންޑޭއަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ބިދޭސީ ފޯވަޑް އޮބައިދާ ކަދުމް އަހްމަދެވެ. އޭނާގެ ފުރަތަމަ ލަނޑު މެޗުގެ 30 ވަނަ މިނެޓުގައި ފެނިގެންދިޔަ އިރު، އޭނާގެ ދެވަނަ ލަނޑު ފެނިގެންދިޔައީ އޭގެ އަށް މިނެޓު ފަހުންނެވެ.
ޓީސީއަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި އިބްރާހިމް ސަފްރާޒަށް ދެއްކި ރަތް ކާޑާ ގުޅިގެންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0ގެ ނަތީޖާއަކުން ދަ ގްރާންޑޭ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ޓީސީއަށް ނަތީޖާ ހަމަހަމަކުރެވުނީ އިސްމާއިލް އީސާ (މެސީ) ކާމިޔާބުކޮށްދިން ދެ ލަނޑުންނެވެ. މެސީގެ ފުރަތަމަ ލަނޑު 63 ވަނަ މިނެޓުގައި ފެނިގެންދިޔަ އިރު، އޭނާގެ ދެވަނަ ލަނޑު ފެނިގެންދިޔައީ އޭގެ ހަތަރު މިނެޓު ފަހުންނެވެ. އަދި މެޗުގެ 70 ވަނަ މިނެޓުގައި ޓީސީއަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިޝާން އިބްރާހިމް (ސައްޓު) އެވެ.