މިދެންނެވި މަޝްރޫއުގައި ހިމެނެނީ ތިންކަމެކެވެ. އެންމެ ފުރަތަމަ ކަމަކީ މުސްލިމުންނަށް ޢަސްކަރީ ތަރުބިޔަތު ދެއްވުމެވެ. އެނުކުތާގެ މައްޗަށް ވެސް މިހާރުވަނީ ވާހަކަ ދެކެވިފައެވެ. ދެވަނަ ކަމަކީ ޤުރައިޝުން ސިހިޖެހިލުންވާނެ ގޮތްގޮތަށް އެކި ހަރަކާތްތައް ރާއްވަވައި ހިންގެވުމެވެ. ތިންވަނަ ކަމަކީ މުސްލިމުންގެ ދިފާއީ ހިސާރު ވީހައިވެސް ފުޅާކުރައްވައި ތަނަވަސްކުރެއްވުމެވެ. ސިޔާސީ މައިދާނުގައި ޤުރައިޝުން އިނދަޖައްސައިލެއްވުމަށްޓަކައި ސިޔާސަތާއި އަސްކަރިއްޔާތުގެ ރާޒުވާގައި އިތުރުސާހިބާ ކުޅުއްވި އެއްކުޅިޔަކީ އެބައިމީހުންގެ ވިޔަފާރީގެ މަގާ ކައިރިއެކި ހިސާބުތަކަށް ބަރުޖަހާ އަސްކަރީ ޔުނިޓުތައް ފޮނުއްވާން ފެއްޓެވުމެވެ. ޤުރައިޝުން ސިއްސައިލައްވައި ބިރުގެންނެވުމަށްޓަކައެވެ. މުސްލިމުންނަކީ މިހާރު ހަމައެކަނި ކަރުގައިއެޅޭ ވާފަށް ނައްޓައިލައި ކިރިޔާ ނަފުސު ދިފާއުކުރެވޭ ވަރުގެ ބައެއް ނޫންކަމާއި، މުސްލިމުންނަކީ ބޭނުންވެއްޖެ ހިނދެއްގައި އިސްވެ ހަމަލައިދިނުމުގެ އުރައްޕުވެސް ހުރި ބައެއްކަން އެންގެވުމަށްޓަކައެވެ. މުސްލިމުން ބޭނުންކޮންމެ ވަގުތަކު ޤުރައިޝުންގެ ވިޔަފާރީގެ މަގު ބަންދުކޮށްލައި ޤުރައިޝުންގެ އިޤްތިޞާދަށް ވަރުގަދަ ލޮޅުމެއް އަރުވައިލެވިދާނެކަން އެންގެވުމަށްޓަކައެވެ. ކައުސާހިބާގެ މުހިންމު އަނެއް ބޭނުންފުޅަކީ އެހިސާބުގަނޑުގެ ޖޯގްރަފީ ހާލަތާއި ސިޔާސީ އާޖުފާޖާއި މިނޫންވެސް އަސްކަރީ ގޮތުން ބޭނުންވާ މައުލޫމާތު އެއްކުރެއްވުމެވެ. ތިންވަނަ ބޭނުންފުޅަކީ އެ ހިސާބުގަނޑުގެ ޤަބީލާތަކަށް މުސްލިމުންގެ ކިބައިގައި ބާރުހުރިކަން އަންގައިލައްވައި މުސްލިމުންގެ މަސްލަހަތާ ފުށުއަރާ ގޮތަށް ޤުރައިޝުންނާ އެއްބައިވާން ޖެހިލުންވާނެ ގޮތް ހެއްދެވުމެވެ. ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ މިގޮތުން އަޅުއްވަމުން ގެންދެވި ފިޔަވަޅުފުޅުތަކުން ޤުރައިޝުންގެ ލޭ އޮހޮރުވުމުގެ ވިސްނުމަށް ހިސާބެއްގެ ނަމަވެސް މަޑުޖެހިލުމެއް އައެވެ. މުސްލިމުންގެ ދިފާއީބާރު ވަރުގަދަކުރައްވައި މަދީނާގެ ދިފާއީ ހިސާރުފުޅާ ކުރައްވަން ކޮންމެވެސް ވަރެއްގެ މުހުލަތެއް ލިބިވަޑައިގެންނެވިއެވެ.
ޝައިޚުލް އިސްލާމް އަބްދުﷲ ޖަލާލުއްދީނުލް އަޒުހަރީ ރަހިމަހުﷲ ގެ އިބާރަތުން ދަންނަވާނަމަ މުސްލިމުންގެ ތާރީޚުގައި ދެންއައީ "ޤުރައިޝުންގެ ނުރައްކާތެރި ރޭވެވުންތަކުގެ ދިފާއުގައި މުސްލިމުން ވެސް ހަތިޔާރުގައި ހިފުމުގެ ހުއްދަ ދެއްވުމުގެ މަރްހަލާއެވެ. މުސްލިމުންގެ މައްޗަށް ޖިހާދު ފަރުޟުވެ ހަތިޔާރުގައި ހިފެވުން ސަރީހު ކުރެވުމުގެ މަރްހަލާއެވެ. ފުށްފުށަށް ސަރިއްޔާތައް ފޮނުއްވައި ޤުރައިޝުންގެ ޤާފިލާއެއް މަދީނާ ފަސްދީ ޝާމުގެ މަގުންދަނީ ނަމަ ފައްސައި ނަގައިލުމުގެ މަރްހަލާއެވެ. މަރުވިމީހަކު މަރުވީކަމަށާއި މުދަލެއް އަތުލައިގަނެވިއްޖެނަމަ ޣަނީމާއެއް ކަމުގައި ބެލުމުގެ" މަރުހަލާއެވެ.
ޖިހާދުގެ އިސްލާމީ ނަޒަރިއްޔާ އާއި ކީރިތި ޤުރްއާނުގެ ހަނގުރާމައިގެ ފަލްސަފާއާއި އަދި މިނޫންވެސް ޢަޤަބާއިން ފެށިގެން ބަދުރުގެ މައިދާނާ ހަމަޔަށް ހިނގައިދިޔަ އަސްކަރީ ކަންކަމުގެ މައްޗަށް އަޅުގަނޑުވަނީ އެކަށޭނެ މިންވަރަކަށް އަލި އަޅުވައިފައެވެ. އަޅުގަނޑު ލިޔެފައިވާ ފޮތެއްކަމުގައިވާ "ބަދުރުގެ މައިދާނުން ހަނގުރާމަޔާއި ޝަހީދުން" މިފޮތުގައެވެ.
މުސްލިމުން މަދީނާއަށް ހިޖްރަ ކުރުމަށްފަހު ވެސް ގާތްގަނޑަކަށް އަށާރަވަރަކަށްމަސް ވަންދެން ނަމާދު ކުރަމުން ގެންދިޔައީ ބައިތުލް މަގްދިސަށް ކުރިމަތިލައިގެންނެވެ. ޤިބްލަ އަނބުރައިލެއްވީ ހިޖްރައިން ދެވަނަ އަހަރުގެ ޝައުބާންމަހުގެ (މީލާދީން ޖެނުއަރީ / ފެބްރުއަރީ 624) ތެރޭގައެވެ.
އިސްލާމީ މިއްލަތާއި އިސްލާމީ މުޖްތަމަޢު އުފައްދަވައި ފުރިހަމަ ކުރެއްވުމުގެ މަސައްކަތްޕުޅާ ގުޅުވައިގެން ވިސްނައިލާއިރު ޤިބުލަ އަނބުރައިލެއްވުމަކީ ވަރަށް މުހިންމު ޙާދިޘާއެކެވެ. ތާރީޚީ ޙާދިޘާއެކެވެ. އެޙާދިޘާގެ ސަބަބުން މުސްލިމުންނާއި އަހްލުކިތާބީންނާ ތަފާތު ވިއެވެ. މުސްލިމުންގެ ތެރޭގައި މަރުކަޒިއްޔަތެއް އުފެދުނެވެ. ޘަގާފީ އަމިއްލަ ވަންތަކަމާއި މިއްލަތެއްގެ ޝަޚްސިއްޔަތު އުފެދުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރެވުނެވެ.
ހިޖްރައިގެ ކުރީން މުސްލިމުން މައްކާގައި ތިބިއިރު މުސްލިމުންގެ ޙައިޘިއްޔަތަކީ ބަލިކަށި އިންޤިލާބީ ވިއްޔެއްގެ ހައިޘިއްޔަތެވެ. ޤުރައިޝުންގެ ނަޒަރުގައި މުސްލިމުންނަކީ ދީނީ ރޮގުންވެސް ސިޔާސީ ގޮތުން ވެސް "ބާޣީން" ނެވެ. އެހެންކަމުން ޤުރައިޝުން ގެންދިޔައީ ކުޑަވެސް ހިތެއްފިތެއްނެތި މުސްލިމުންނަށް ހާނީއްކަ ކުރަމުންނެވެ. ދަތިކޮށް އުނދަގޫ ކުރަމުންނެވެ. މުސްލިމުންނަކަށް މިނިވަން ކަމާއެކު ދީނީ ދައުވަތުދޭކަށެއް ހުއްދައެއްނެތެވެ. އެބައިމީހުންގެ ދީނާއި ދުނިޔޭގެ ހަޔާތުގެ ރަސްމުތައް ހިތްއެދޭ ގޮތަކަށް އަދާކުރަމުން ގެންދާ ކަށެއްވެސް ފުރުސަތެއް ނެތެވެ. އެހެންދިމާޔަކަށް ދިރިއުޅުން ބަދަލުކުރާކަށެއްވެސް ޖާގައެއް ނެތެވެ. އެހެންކަމުން މުސްލިމުންނަށް މަޖްބޫރުވެފައިވަނީ އެބައިމީހުންގެ ދީނީ، ޘަޤާފީ ޙަރަކާތްތައް ދަށްދަށުން ހިންގުމަށެވެ. އަޑިއަޑިން ހިންގުމަށެވެ. ވަކި މިއްލަތެއްގެ ޙައިޘިއްޔަތު ޚިޔާރުކުރުމާއި، އިޖްތިމާޢީ ހަޔާތެއް އާރާސްތުކުރުން އޮތީ މުސްލިމުންގެ ކުރިމަތީގައި ގާތްގަނޑަކަށް މުސްތަހީލު ކަމަކަށްވެފައެވެ. އެހެންކަމާއެކު ވެސް މުސްލިމުން ގެންދިޔައީ ބުދަށް އަޅުކަންކުރާ މުޝްރިކުންނާ އެބައިމީހުންގެ ދީނީ ޙަޔާތުގެ ހުރިހައިކަމެއްވެސް ތަފާތު ކުރަމުންނެވެ. ކައުބާ އަކީ އިބްރާހީމީ މިއްލަތުގެ ޤިބްލަކަމުގައިވުމާއެކުވެސް އެދުވަސްވަރު ބެލެވިފައި އޮތީ ކައުބާއަކީ އަރަބި ކަރައިގެ މުޝްރިކުންގެ ޤިބްލަކަމުގައެވެ. އެހެންކަމުން މުސްލިމުންނާއި މުޝްރިކުން ތަފާތު މުޝްރިކުންނަށް ހާމަކޮށްދީ މުޝްރިކުންނާ ވަކިހިލޭ ވުމަށްޓަކައި މުސްލިމުން ނަމާދު ކުރަމުން ގެންދިޔައީ ބައިތުލް މަޤްދިސަށް ކުރިމަތިލައިގެންނެވެ. ގައުމީ ނަޒަރަކުން ބަލާއިރުވެސް ސިޔާސީ ގޮތުން ވިސްނާއިރު ވެސް މިއީ ވަރަށް މުހިންމުކަމެކެވެ.
މުޖްތަމައެއްގެ ނުވަތަ ވިއްޔެއްގެ އަފުރާދުންގެ މެދުގައި އުންމަތެއްގެ ޝުއޫރާއި، އެއްބައިވަންތަކަން އުފެދެނީ އެބައެއްގެ މަރުކަޒިއްޔަތާއި، ގައުމީ ޝަޚްސިއްޔަތާއި އަމިއްލަވަންތަ ކަމުގެ ޝުއޫރުގެ ސަބަބުންނެވެ. އެހެންކަމުން ނުލާހިކު އިދިވައެއް ޖެހެމުންދިޔަ ޖައްވެއްގައިވެސް ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ ޤުރައިޝުންނާ ތަފާތު ގިބުލައެއް ޚިޔާރުކުރެއްވިއެވެ. މުސްލިމުންގެ ކިބައިގައި ޤުރައިޝުންނާ ތަފާތު މިއްލީ ޝަޚްޞިއްޔަތެއްގެ ޝުއޫރު އުފެއްދެވުމަށްޓަކައެވެ.
މަދީނާއަށް ހިޖްރަކުރެއްވުމަށްފަހު މުސްލިމުންގެ ކުރިމަތީގައި މައްސަލަތަކެއްހުރިކަމުގައިވިޔަސް ޖުމްލަގޮތެއްގައި ވަނީ މޫސުންރަނގަޅުވެފައެވެ. ވައިފަހިވެފައެވެ. ދީނީ ގޮތުންނާއިސިޔާސީ ގޮތުންވެސް މުސްލިމުންނަށް ވަނީ މިނިވަންކަން ލިބިފައެވެ. ނަމަވެސް ޔަޘްރިބުގެ ޔަހޫދީންނަކީ ދީނީގޮތުންނާއި ސިޔާސީ ގޮތުންނާއި ޘަޤާފީގޮތުންވެސް މުސްލިމުންގެ ހަތުރުންނެވެ. ވާދަވެރީންނެވެ. އެހެނީ އެމީހުންތިބީ މަދީނާގެ މުޝްރިކު ޤަބީލާތަކަށްވުރެ ހުރިހައި މައިދާނެއްގައިވެސް ކުރީގައެވެ. އަނެއްކޮޅުން އެބައިމީހުންނަކީ އަހްލުކިތާބީންނެވެ. އިސްލާމްދީން އެބައިމީހުންގެ ނަބީބޭކަލުންނާއި، ސަމާވީ ފޮތްތައް ތަޞްދީޤު ކުރެއެވެ. އެހެންކަމުން މުސްލިމުންނާއި ޔަހޫދީންނަކީ ދެބައެއްކަން ސަރީޙު ގޮތެއްގައި ފާހަގަ ކުރެވުމަށްޓަކއި އެބައިމީހުންނާ ތަފާތު ޤިބުލައެއް މުސްލިމުންނަށް ޚާއްޞަވުން ބޭނުންވިއެވެ. ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ ހުންނެވީ އަހްލުކިތާބީންގެ ގިބުލަޔާ ތަފާތު ގިބުލައެއް މުސްލިމުންނަށް ހަމަޖެހުން އެދިވަޑައިގެންނެވެ. އިތުރުސާހިބާގެ އެ އެދުންފުޅަކީ ޙަޤީޤަތުގައި ކަޢުބާގެ ވެރި ރަސްކަލާނގެ މިންވަރުފުޅުގައިވާ ގޮތެވެ. ހިޖްރަޔަށްފަހު ގާތްގަނޑަކަށް އަށާރަ މަސްފަހުން ހިޖްރައިން ދެވަނަ އަހަރުގެ ޝައުބާންމަހު އަރަހުށިމާތްﷲ ވަނީ މުސްލިމުންނަށް ޤިބުލަ އަނބުރައިލުމުގެ އަމުރުފުޅު ދެއްވައިފައެވެ. މަސްޖިދުލް ހަރާމަކީ މުސްލިމުންގެ ޤިބުލަ ކަމުގައި އަންގަވައިފައެވެ.
މުސްލިމުންގެ ޤިބުލައަކީ ކަޢުބާ ކަމުގައި ހަމަޖެހުމަކީ ޔަހޫދީންގެ ކުރިމަތީގައި ވަރަށް އާދަޔާ ޚިލާފުއަހަންމިއްޔަތެއް ލިބުނު ކަމެކެވެ. ޔަހޫދީންނަކީ ނަސްލީގޮތުން ވިސްނުންތޫނު މަކަރުވެރި ޤައުމެކެވެ. ޗާލާކު ބައެކެވެ. އަރަބިކަރައިގެ ސިޔާސީ އަދި ޖޯގްރަފީ މާހޫލުގައި އުޅުމުގެ ސަބަބުންވަނީ އެބައިމީހުންގެ ސިޔާސީ ހިއްސުވަނީވަކީން ބޮޑަށް ތޫނުވެފައެވެ. އެހެންކަމުން މުސްލިމުން ބައިތުލް މަގްދިސްގެ ބަދަލުގައި ކަޢުބަތުﷲ އަކީ ޤިބްލައެއްކަމުގައި ހަމަޖެއްސުމާއެކު އެކަމަކީ އެބައިމީހުންނާއި މުސްލިމުންގެ ތަފާތު ބޮޑުވާނެ ކަމެއްކަން ދެނެގަތެވެ. ޙަޤީޤަތުގައި އެމީހުން މަދީނާގެ މީޘާގުގައި ބައިވެރިވީވެސް ހިތުގެ އަޑިޔަކުން ނޫނެވެ. އެބައިމިހުންގެ އިސްރާއީލި އައިޑެންޓިޓީ ދޫކޮށްލައި މުސްލިމުންގެ މިއްލަތާއެކުވާކަށެއް އެމީހުންނޭދެއެވެ. އެހެންކަމުން ކުރީން ވަންހަނާ ކުރެވޭތޯ މަސައްކަތްކުރި ދުޝްމިނުކަމާއި، ނީހަޔާއި ހަސަދަވެރިކަން ފޮރުވަން އެމީހުނަށް ދަތިވިއެވެ. އެބައިމީހުންގެ ޤައުމީ އާދަކާދައިގެމަތިން މުނާފިގުކަމުގެ ނުބައިރޭވުންތައް ރާވަންފަށައިގަތެވެ. ޔަހޫދީންގެ ކެހިވެރި ރޭވުންތަކާއި މުނާފިގު ހަރަކާތްތަކާއި އެމީހުން މުސްލިމުންނާއެކު ސޮއިކޮށްފައިވާ އަހްދުނާމާއާ ޚިލާފުވެ މުސްލިމުންނާ ދެކޮޅަށްހިންގި އެތައްއެތައް ޖަރީމާތަކެއްގެ ވާހަކަ ތާރީޚާއި ސީރަތުގެ ފޮތްތަކުން ފެންނާން އެބަހުއްޓެވެ. ރާއްޖޭގެ މިއަދުގެ ހާލަތަށް ރިއާޔަތް ކުރާއިރު މުސްލިމުންނާމެދު ޔަހޫދީންގެ ޣަދަރުވެރިކަމަކީވެސް ތަފްސީލުކޮށް ހާމަ ކުރުން ލާޒިމުވެއްޖެކަމެކެވެ. ނަމަވެސް އެކަން އެހެން ފުރުސަތަކަށް ލަސްކޮށްލަމެވެ. އެކަމުގެ ތައުފީގު ލިބުންއެދި ހުރުމާއެކުގައެވެ.
(ނުނިމޭ)