ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާއި ފޯކައިދޫ ފުޓްބޯލް ކްލަބު ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ޔޫވީ އާއި ފޯކައިދޫ ބައްދަލުކުރި ލީގުގެ ދެވަނަ ބުރުގެ މެޗު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.
މެޗުގެ 13 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން ޔޫވީން ވަނީ ލީޑު ހޯދައިފައެވެ. ޔޫވީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ކޮވަސެވިކް މިލޯސްއެވެ. އޭނާ ފޮނުވާލި ހިލޭ ޖެހުން އަމާޒުވީ ފޯކައިދޫ ގޯލުގެ މަތީ ކަނަކަށެވެ.
މެޗުގެ 23 ވަނަ މިނެޓުގައި ފޯކައިދުއަށް ނަތީޖާ ހަމަހަމަކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ކައުންޓާ އެޓޭކެއްގެ ތެރެއިން ފޯކައިދޫގެ ޒުވާން ފޯވަޑް ހަސަން ނަޒީމް (ޗޯޓު) ފޮނުވާލި ހަމަލާ، ޔޫވީގެ މިލޯސްގެ ގައިގައި ޖެހި ވަނީ ބްލޮކްވެފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ޔޫވީ ކުރީގައި އޮވެގެންނެވެ.
މެޗުގެ 62 ވަނަ މިނެޓުގައި ޔޫވީއަށް ލީޑު ފުޅާކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ސިލިޗް ކީރްލޯ ދިން ބޯޅައަކުން ފޯކައިދޫގެ ޕެނަލްޓީ އޭރިއާ ތެރެއިން އަލީ ހައިސަމް ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ޕާކިސްތާނު ކީޕަރު ހަނީފް ސާގިބެވެ.
މެޗުގެ 64 ވަނަ މިނެޓުގައި ފޯކައިދޫން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ފޯކައިދުއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ހަސަން ފުވާދެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ފޯކައިދޫން ފޮނުވާލި ބޯޅައެއް، ޔޫވީގެ ކީޕަރު ހަސަން ތޮލާލް ހިފަން އުޅުމުގެ ތެރޭގައި އޭނާގެ އަތުން ބޯޅަ ދޫވުމާއެކު ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުންނެވެ.
ފޯކައިދޫގެ އެ ލަނޑަށްފަހު ލަނޑު ޖެހުމަށް އެންމެ ރަނގަޅު ފުރުސަތެއް ލިބިފައިވަނީ ޔޫވީއަށެވެ. މެޗުގެ 79 ވަނަ މިނެޓުގައި އަލީ ޝަމާލް ހުރަސްކޮށްލި ބޯޅަ، ފޯކައިދޫގެ ޑިފެންޑަރުންނަށް ރަނގަޅަށް ދިފާއުނުކުރެވުމާއެކު ނާވީ މުހައްމަދު ފޮނުވާލި ހަމަލާ، ފޯކައިދޫގެ ކީޕަރު ހަނީފް ސާގިބު ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.
މިއަދުގެ މެޗުގައި ފޯކައިދޫން ހޯދި ޕޮއިންޓާއެކު އެޓީމު ވަނީ ލީގު ތާވަލުގެ ފަސްވަނައަށް ޖެހިލައިފައެވެ. ފޯކައިދުއަށް 12 މެޗުން 16 ޕޮއިންޓް ލިބިފައިވާ އިރު، ހަވަނައަށް ވެއްޓުނު ދަ ގްރޭންޑޭ ސްޕޯޓްސް ކްލަބަށް 11 މެޗުން ލިބިފައިވަނީ 15 ޕޮއިންޓެވެ. މިއަދު ފޯކައިދޫއާ ދެކޮޅަށް ނުކުތް ޔޫވީ އޮތީ ކުޅުނު 12 މެޗުން ލިބުނު 12 ޕޮއިންޓާއެކު ތާވަލުގެ ހަތްވަނައިގައެވެ.
ލީގުގައި ދެން މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުއެވެ. އެ ދުވަހު ދެ މެޗެއް ކުޅުމަށް ހަމަޖެހިފައިވާ އިރު، ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބެވެ. އަދި ހުކުރު ދުވަހުގެ ރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބު ގްރީން ސްޓްރީޓްސް އާއި ޔޫވީއެވެ.