ދިވެހި ޕްރިމިއާ ލީގު

ސައްޓު އާއި މެސީގެ ލަނޑުތަކުން ނިލަންދޫ އަތުން ޓީސީއަށް މޮޅެއް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އިޝާން އިބްރާހިމް (ސައްޓު) އާއި އިސްމާއިލް އީސާ (މެސީ) ޖެހި ލަނޑުތަކުން ނިލަންދޫ ސްޕޯޓްސް ކްލަބު އަތުން ޓީސީ ސްޕޯޓްސް ކްލަބު މޮޅުވެއްޖެއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިރޭ ކުޅުނު ލީގުގެ ދެވަނަ ބުރުގެ މެޗުގައި ނިލަންދޫ އަތުން ޓީސީ މޮޅުވީ 4-0ގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ 11 ވަނަ މިނެޓުގައި ޓީސީން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ނިލަންދޫގެ ކީޕަރު މުހައްމަދު ޝަފީއު (ޗެކް) އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ޓީސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ސައްޓުއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ނިލަންދޫގެ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުންނެވެ.

މެޗުގެ 33 ވަނަ މިނެޓުގައި ޓީސީން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ޓީސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މެސީއެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ނިލަންދޫ ގޯލުގެ މަތީ ކަނަކަށެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ޓީސީން ވަނީ ތިން ލަނޑުގެ ލީޑެއް ހޯދައިފައެވެ. ޓީސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ދެވަނަ ލަނޑުވެސް ކާމިޔާބުކޮށްދިން މެސީއެވެ. އޭނާ ދުރުން ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވަދެފައިވަނީ ނިލަންދޫގެ ކީޕަރު ޗެކްގެ ބޯމަތިންނެވެ. މެސީއަށް ބޯޅަ ލިބުމާއެކު ލައިސްމަން ނިއުޝާދު މުހައްމަދު ދިދަ ނެގުމަށްފަހު ދިދަ ތިރިކުރުމުން، ނިލަންދޫގެ ކުޅުންތެރިން ހިތްހަމަނުޖެހުން ވެސް ފާޅުކުރިއެވެ. ނަމަވެސް މުހައްމަދު އައްޒާމް ދިން ބޯޅަ މެސީއަށް ލިބު އިރު، ނިލަންދޫގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައިވާ ކަމަށް ރެފްރީ ނިންމިއެވެ. އެހެންކަމުން ރެފްރީ ވަނީ އެ ލަނޑު ބަލައިގެންފައެވެ.

ޓީސީން ޖެހި ހަތަރުވަނަ ލަނޑު ފެނިގެންދިޔައީ ދެވަނަ ހާފުގެ ފުރަތަމަ ތިން މިނެޓުގެ ތެރޭގައެވެ. އަބްދުލް ވާހިދު އިބްރާހިމް (ވާޑު) ދިން ބޯޅައަކުން ޓީސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ސައްޓުއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ނިލަންދޫގެ ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުންނެވެ.

ޓީސީ އޮތީ ކުޅުނު ދިހަ މެޗުން ލިބުނު 19 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނައިގައެވެ. ތާވަލުގެ އެއްވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް 13 މެޗުން 32 ޕޮއިންޓް ލިބިފައިވާ އިރު، ކްލަބު އީގަލްސްއަށް 11 މެޗުން ލިބިފައިވަނީ 21 ޕޮއިންޓެވެ. ތިންވަނައިގައި އޮތް ކްލަބު ގްރީން ސްޓްރީޓްސްއަށް 12 މެޗުން ލިބިފައިވަނީ 20 ޕޮއިންޓެވެ. މިރޭގެ މެޗުގައި ޓީސީ އަތުން ބަލިވި ނިލަންދޫ އޮތީ ކުޅުނު 13 މެޗުން ލިބުނު ދިހަ ޕޮއިންޓާއެކު ތާވަލުގެ އަށްވަނައިގައެވެ.

ލީގުގައި މާދަމާ ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ފޯކައިދޫ ފުޓްބޯލް ކްލަބާއި ޔުނައިޓެޑް ވިކްޓަރީއެވެ.