ދިވެހި ޕްރިމިއާ ލީގު

ގްރީން އަތުން މާޒިޔާއަށް ފަސޭހަ މޮޅެއް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކްލަބު ގްރީން ސްޓްރީޓްސް އަތުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ފަސޭހަކަމާއެކު މޮޅުވެއްޖެއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ލީގުގެ ދެވަނަ ބުރުގެ މެޗުގައި ގްރީންގެ މައްޗަށް މާޒިޔާ އިން ކުރި ހޯދީ ފަހަތުން އަރައި 6-1ގެ ނަތީޖާއަކުންނެވެ. ލީގުގެ މެޗުތައް އަލުން ފަށާފައި މިވަނީ ސައުތު އޭޝިއަން ގޭމްސްއަށް މެދުކަނޑާލުމަށްފަހުއެވެ.

މިއަދު ކުޅުނު މެޗުގެ 21 ވަނަ މިނެޓުގައި ގްރީނުން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ގްރީނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ މާޒިޔާގެ ގޯލުގެ ތިރީ ކަނަކަށެވެ.

މެޗުގެ 26 ވަނަ މިނެޓުގައި މާޒިޔާ އިން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ގްރީންގެ ބިދޭސީ ކުޅުންތެރިޔާ މުހައްމަދު ސަލާހް އެމާމް އެލްސާންދާނީއަށް ހެދުނު ގޯހަކުން މާޒިޔާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ބިދޭސީ ފޯވަޑް ކޯނެލިއަސް އެޒެކިއެލް ސްޓެވާޓެވެ. ޕެނަލްޓީ އޭރިޔާ ބޭރުން އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގްރީންގެ ގޯލުގެ ތިރީ ކަނަކަށެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން މާޒިޔާ އިން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. މުޖުތާޒް މުހައްމަދު (މުޖޭ) ދިން ބޯޅައަކުން މާޒިޔާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިނީ ސްޓެވާޓެވެ. ގްރީންގެ ޕެނަލްޓީ އޭރިއާ ތެރެއިން ސްޓެވާޓަށް ބޯޅަ ލިބުނު އިރު، އޭނާ ހުރީ ވަރަށް ހުސްކޮށެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-1ގެ ނަތީޖާއަކުން މާޒިޔާ ކުރީގައި އޮވެގެންނެވެ.

މެޗުގެ 49 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކޮށްލުމަށް ގްރީނަށް ވަނީ ޕެނަލްޓީއެއް ލިބިގެންގޮސްފައެވެ. ގްރީނަށް އެ ޕެނަލްޓީ ލިބުނީ މާޒިޔާގެ ޕެނަލްޓީ އޭރިއާ ތެރެއިން ގްރީންގެ ސަލާހަށް މާޒިޔާގެ ކީޕަރު އަޒީޒީ އޯވޭސް ކުރި ފައުލަކާ ގުޅިގެންނެވެ. ގްރީނަށް ނަތީޖާ ހަމަހަމަކޮށްލުމަށް ޕެނަލްޓީއެއް ލިބިގެންދިޔަ ނަމަވެސް، ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ދަގަނޑޭ ފޮނުވާލި ޕެނަލްޓީ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

މެޗުގެ 60 ވަނަ މިނެޓުގައި މާޒިޔާ އިން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ނާއިޒް ހަސަން (ދާދު) ދިން ބޯޅައަކުން މާޒިޔާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. ޕެނަލްޓީ އޭރިއާ ބޭރުން ހަމްޕު ފޮނުވާލި ހަމަލާ، ގްރީންގެ ގޯލުގެ ތެރެއަށް ވަދެފައިވަނީ އަރިމަތީ ދަނޑީގައި ޖެހިފައެވެ.

އޭގެ ތިން މިނެޓު ފަހުން މާޒިޔާ އިން ވަނީ އެޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މެޗުގެ 63 ވަނަ މިނެޓުގައި ހަމްޕު ދިން ބޯޅައަކުން މާޒިޔާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) އެވެ. ގްރީންގެ ޕެނަލްޓީ އޭރިއާ ތެރެއިން އަސައްކޮއަށް ބޯޅަ ލިބުނު އިރު، އޭނާ ހުރީ ވަރަށް ހުސްކޮށެވެ.

މެޗުގެ 67 ވަނަ މިނެޓުގައި މާޒިޔާ އިން ވަނީ އެޓީމުގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. އިބްރާހިމް ވަހީދު (އިއްބެ) ދިން ބޯޅައަކުން މާޒިޔާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ސްޓެވާޓެވެ. އެ ލަނޑާއެކު އޭނާގެ ހެޓްރިކް ވެސް ފުރިހަމަވެގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ސްޓެވާޓް ފޮނުވާލި ހަމަލާ، އަމާޒުވީ ގްރީންގެ ގޯލުގެ ތިރީ ކަނަކަށެވެ.

މާޒިޔާ އިން ޖެހި ހަވަނަ ލަނޑު ފެނިގެންދިޔައީ މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށެވެ. މޫސާ ޔާމީން (ޔާމްބެ) ދިން ރީތި ބޯޅައަކުން މާޒިޔާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އިއްބެއެވެ. ޔާމްބެ ދިން ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، އިއްބެ ފޮނުވާލި ހަމަލާ އަމާޒުވީ ގްރީންގެ ގޯލުގެ ތިރީ ކަނަކަށެވެ.

އެ ނަތީޖާއާއެކު މާޒިޔާ އިން ވަނީ ލީގު ތާވަލުގެ އެއްވަނައިގައި 11 ޕޮއިންޓުގެ ލީޑެއް ހޯދައިފައެވެ. މާޒިޔާއަށް 13 މެޗުން 32 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް ކްލަބު އީގަލްސްއަށް 11 މެޗުން ލިބިފައިވަނީ 21 ޕޮއިންޓެވެ. އަދި މިއަދުގެ މެޗުން ބަލިވި ގްރީން އޮތީ ކުޅުނު 12 މެޗުން ލިބުނު 20 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ.

ލީގުގައި މިރޭ ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. މިރޭ 9:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ޓީސީ ސްޕޯޓްސް ކްލަބާއި ނިލަންދޫ ސްޕޯޓްސް ކްލަބެވެ.